ކަނޑުގެ މައްސަލައިގައި ކުރީ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ރައީސް އޮފީހުން މިއަދު އާންމުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ސިޓީ އާންމުކޮށްފައެވެ. އެ ބަޔާނުގައި އެޓޭޗުކޮށްފައިވާ ސިޓީއަކީ މީގެ ކުރިން ސޯޝަލް މީޑިއާގައި ވެސް އާންމުވި ސިޓީއެވެ.

ރައީސް އޮފީހުން ބުނީ އެ ސިޓީއަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު މޮރިޝަސް ބޮޑުވަޒީރަށް ފޮނުއްވި ސިޓީއެއް ކަމަށެވެ.

"އެ ސިޓީއަކީ 24 ޖޫން 2022 ގައި ރުވާންޑާގައި ބޭއްވުނު ކޮމަންވެލްތު ހެޑްސް އޮފް ގަވަމެންޓް މީޓިންގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް ހަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީއެއްކަމުގައިވީ ނަމަވެސް، މި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާކުރައްވާފައިވާ ކަންކަމާ ގުޅޭގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން މި އޮފީހުގެ ރެކޯޑުތަކުން ފެންނާކަށް ނެތެވެ..،" ރައީސް އޮފީހުން ބުންޏެވެ.

އެ ސިޓީގައި ރައީސް ސޯލިހު ވަނީ، ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ)ގެ "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއެންސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޯސް އާޗެޕެލެގޯ ފްރޮމް މޮރިޝަސް އިން 1965" ރެސޮލިއުޝަންއަށް މޮރިޝަސްއާ އެއްކޮޅަށް ރާއްޖެއިން ވޯޓުދޭނެ ކަމުގެ ޔަގީންކަމާ ގުޅިގެން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ކޮންޓިނެންޓަލް ޝެލްފު (ސީއެލްސީއެސް) އަށް ރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި މައްސަލައާ ގުޅިގެން މޮރިޝަސްގެ ފަރާތުން އިއުތިރާޒެއް ހުށަހަޅާފައިވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ބަޔާންކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ މެދުގައި ބަދަލުކުރެވިފައިވާކަން ރެކޯޑުތަކުން ނުދައްކާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މޮރިޝަސްއަށް މި ސިޓީ ފޮނުވާފައިވަނީ ވަކި ކަންކަމާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވި ކަމުގައިވި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނެ ލިޔެކިޔުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒުވީކަން އެނގޭނެ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާކަށް ނެތެވެ..،" ރައީސް އޮފީހުން ބުންޏެވެ.

ކަނޑުގެ މައްސަލައިގައި ކުރީ ސަރުކާރުން ވަނީ ގާނޫނާހިލާފު ވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ކުރީ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅުނު ގާނޫނީ ޕޮޒިޝަންއާއި އަދި އެ ސަރުކާރުން އަމަލުކުރި ގޮތުގެ ރިޕޯޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.