ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިފްކޯ މެދުވެރިވެގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުނި، މެރިން މޯލްޑިވްސް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް (އެމްއެމްޕީ)ގެ ސަބަބުން މިފްކޯއަށް އެތައް މިލިއަން ރުފިޔާއެއްގެ ޖަރީމާއެއް ހިންގާފައިވާކަން މިފްކޯއާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓަކުން އެނގިއްޖެއެވެ.

އެމްއެމްޕީއަކީ މިފްކޯގެ 30 ޕަސެންޓް ހިއްސާއާއި ތައިލެންޑްގެ އެމްއެމްޕީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެމްއެމްއީ އިންޓަނޭޝަނަލް)ގެ 35 ޕަސެންޓް ހިއްސާއާއި ދިވެހި އަމިއްލަ ކުންފުންޏެއް ކަމަށްވާ އައިއޯއެފް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އައިއޯއެފް)ގެ 35 ޕަސެންޓް ހިއްސާވާ ގޮތަށް 2011 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

އެ ކުންފުނި ރަޖިސްޓްރީ ކުރުމަށްފަހު އެއް އަހަރު ދުވަހުގެ ތެރޭގައި މިފްކޯގެ ހިއްސާގެ ތެރެއިން 25 ޕަސެންޓް ހިއްސާ އާންމުކޮށް ވިއްކުމަށް އޭރުގެ ރައީސް މުހައްމަދު ނަޝީދު އޮތީ ނިންމަވައިފައެވެ.

އެ ކުންފުނި އުފެއްދި މަގުސަދުގެ ތެރޭގައި ރާއްޖޭގެ މާކެޓަށާއި ބޭރުގެ މާކެޓުތަކަށް މަސް ވިއްކުމުގެ އިތުރުން ރިސޯޓް އައިލެންޑް އޮޕަރޭޓް ކުރުމާއި ފަތުރުވެރިކަމުގެ ވިޔަފާރި ކުރުން އަދި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ.

ކުންފުނީގެ ބިޒްނަސް ޕްލޭންގައިވާ ދުވާލަކު ފަސް ޓަނުގެ ކަނޑުމަސް ބަންދުކުރާ ފެކްޓަރީއަކާއި 10 ޓަނުގެ ޓޫނާ ލޮއިންސް އުފެއްދޭވަރުގެ ފެކްޓަރީއަކާއި ކަނޑު ބޯޓުތައް މަރާމާތުކުރާ މަރުކަޒެއް ހެދުމާއި އެއްފަހަރާ 1،300 މެޓްރިކް ޓާނުގެ ތެޔޮ ރައްކާކުރެވޭ ވަސީލަތްތައް ގާއިމުކުރުމާއި މަހުގެ ބާވަތްތައް ޓެސްޓުކުރުމަށް ލެބޯޓަރީއެއް އުފެއްދުމާއި ދުވާލަކު 150 ޓަނުގެ އައިސް އާއި 100 ޓަނުގެ ފެން އުފައްދައި ވިއްކުމާއި 1،200 ޓަނުގެ ފެން ރައްކާކުރެވޭވަރުގެ ވަސީލަތްތައް ގާއިމުރުން ހިމަނާފައިވެއެވެ.

އޭގެ އިތުރުން އެމްއެމްޕީ ހިންގަން ފަށާ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި މަސް ވިއްކައިގެން 85.2 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ނަމަވެސް ކަންކަން ދިޔައީ ދިމާ އިދިކޮޅަށެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ އާދީއްތަ ދުވަހު އާންމު ކުރި، "މިފްކޯ ބައިވެރިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް" ގައިވާ ގޮތުން އެމްއެމްޕީ އުފެއްދި މަގުސަދު ހާސިލުނުވެ 2011 އިން 2016 އަށް 44.5 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. އޭގެ އިތުރުން އެ ކުންފުނި ހިންގުމަށް މިފްކޯއިން ހަރަދުކުރަމުން ގޮސްފައިވާ އިރު، އެމްއެމްޕީން މިފްކޯއަށް ދައްކަންޖެހޭ 13 މިލިއަން ރުފިޔާވެސް މިފްކޯއަށް އަނބުރާ ލިބިފައެއް ނުވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެމްއެމްޕީ އުފެއްދުމުގައި ބައިވެރިވާ ހިއްސާދާރުންގެ ތެރެއިން މިފްކޯ ފިޔަވައި ދެން ތިބި ދެ ހިއްސާދާރުން ހިއްސާ ގަތުމަށް ދައްކަންޖެހެ ފުރިހަމަ އަގު ދައްކާފައެއް ނުވެއެވެ.

އެގޮތުން އައިއޯއެފް އިން އެމްއެމްޕީގެ ހިއްސާ ގަތުމަށް 30.2 މިލިއަން ރުފިޔާ ދައްކަންޖެހޭއިރު 24.7 މިލިއަން ރުފިޔާ ދެއްކީ ފައިސާގެ ބަދަލުގައި ބާޖެއް ދީގެންނެވެ. ބާކީވާ 5.5 މިލިއަން ރުފިޔާ ދައްކާފައެއް ނުވެއެވެ. އަދި އެމްއެމްޕީ އިންޓަނޭޝަނަލް އިން ހިއްސާ ގަތުމަށް ދައްކަންޖެހޭ 30.2 މިލިއަން ރުފިޔާވެސް އެމްއެމްޕީއަށް ދައްކާފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ 39 ވަނަ މާއްދާގައި ކުންފުންޏެއްގެ މެންބަރަކު އެ ކުންފުންޏަކުން ގަތުމަށް އެއްބަސްވެފައިވާ ހިއްސާގެ އަގު އެ ކުންފުންޏަށް ނުދައްކައިފި ނަމަ އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މެންބަރެއްގެ ހިއްސާ އެ ކުންފުންޏަކަށް ނެގިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ގާނޫނުގައި އެހެން ބުނެފައި އޮތް ނަމަވެސް ޖޮއިންޓް ވެންޗާގެ އެއް ހިއްސާދާރުގެ ހައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅު މިފްކޯއިން އަޅާފައެއް ނުވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން އެމްއެމްޕީގެ ހިއްސާ ގަތުމަށް މިފްކޯއިން ދޫކުރި އުޅަނދުތަކުގެ ތެރޭގައި މަސް އެކްސްޕޯޓް ކުރުމަށްޓަކައި މިފްކޯއިން އޭރު ބޭނުން ކުރަމުންދިޔަ ހަމައެކަނި އުޅަނދު، 18.5 މިލިއަން ރުފިޔާ (1.2 މިލިއަން ޑޮލަރު)ގެ އެމްވީ ބަރޯސާ ހިމެނެއެވެ. އެއީ 1،999 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ އުޅަނދެކެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެ ބޯޓު އެމްއެމްޕީއަަށް ދިނުމަށްފަހު، މިފްކޯ އިން ބޭރަށް މަސް ބޭރުކުރަމުން ދިޔަ މަހުގެ ބާވަތްތައް އެމްއެމްޕީއަށް ފައިސާ ދައްކާ ހަމަ އެ ބޯޓު ބޭނުންކޮށްގެން ބޭރުކުރަމުންދިޔަ ކަމަށެވެ. އެގޮތުން 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއިން އެމްއެމްޕީއަށް 117 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، އެމްއެމްޕީގެ 35 ޕަސެންޓް ހިއްސާ އޮންނަ އައިއޯއެފްގެ އަމިއްލަ ނަމުގައި، ޖުމުލަ 43.2 މިލިއަން ރުފިޔާގެ އެމްއެމްޕީގެ ދެ އުޅަނދު ކަމަށްވާ 'ސަންޓޫނާ' ބާޖް އާއި 'އެމްވީ ބަރޯސާ' އާއި އައިއޯއެފްގެ އަމިއްލަ ބައެއް މުދާ ރަހުނުކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2015 ވަނަ އަހަރު 77 މިލިއަން ރުފިޔާ (ފަސް މިލިއަން ޑޮލަރު)ގެ ލޯނެއް ނަގާފައިވެއެވެ.

ބީއެމްއެލް އިން މި ލޯނު ނެގީ އޭގެ ތެރެއިން 31 މިލިއަން ރުފިޔާ (2 މިލިއަން ޑޮލަރު) އެމްއެމްޕީއަށް ދޭން އެއްބަސްވެގެންނެވެ. ނަމަވެސް އެ ލޯނަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާ ދައްކާފައެއް ނުވެއެވެ. އޭގެ ސަބަބުން އިންޓްރަސްޓާއެކު 2020 ވަނަ އަހަރުގެ ނިޔަލަށް ބީއެމްއެލްއަށް 79 މިލިއަން ރުފިޔާ (5.1 މިލިއަން ޑޮލަރު) ދައްކަން ޖެހިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، އެ ފައިސާ އެއްބަސްވި ގޮތަށް ދީފައިނުވާ އިރު، މިއީ ހުރިހާ މަންފާއެއް އައިއޯއެފްއަށް ލިބޭ ގޮތަށް ނާޖާއިޒު ގޮތެއްގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

މިފްކޯގެ ހިސާބުތަކުން ދައްކާގޮތުން އައިއޯއެފް އިން މިފްކޯއަށް 13.2 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އެ ފައިސާގެ ތެރޭގައި އައިއޯއެފްގެ އެމްވީ ބަރޯސާ 102 އަށް ގޭހާއި ތެޔޮ ގަތުމަށާއި އަދި މަރާމާތަށް ކޮށްފައިވާ ހަރަދުތަކާއި މިފްކޯއިން އައިއޯއެފްއަށް ކްރެޑިޓަށް މަސް ވިއްކައިގެން މިހާތަނަށް ނުލިބިވާ ފައިސާ ހިމެނެއެވެ.

އެ ފައިސާ ނުލިބުމުގެ ސަބަބުން މިފްކޯއަށް މާލީ ބޮޑު ގެއްލުމެއް ލިބިފައިވާ އިރު، އެ ފައިސާ ނުލިބި ގިނަ ދުވަސްވާ ނަމަ ފައިސާ އަނބުރާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.