ފުށިދިއްގަރުފަޅު، ރަސްމާލޭގެ ނަމުގައި ތަރައްގީކުރަން ނިންމައި އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ފަށައިފިއެވެ.
ރަސްމާލޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަދު ފެށޭ މަޝްރޫއަކީ މިއަދާ ހަމައަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށާއި އެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި ގާތްގަނޑަކަށް އަށް މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"1153 ހެކްޓަރުގެ ބިމަކީ ބޮޑުމިނަށް ބަލާ އިރުގައި، ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ ވާވަރުގެ ގާތްގަނޑަކަށް ތިން ގުނަ. އެހެންވީމާ މި ތަން ވެގެންދާނީ، ދެންމެ އަޅުގަނޑު މި ދެންނެވި ގިރާވަރުފަޅާއި ގުޅިފަޅާއި ހުޅުމާލެއާ މި ތަންތަނާ އެކީގައި، މި ފުށިދިއްގަރުފަޅުގައި މި ހިއްކޭ ބިން ހިކިގެންދިއުމުން މާލޭގެ ރައްޔިތުންނަށް މި ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަށް އިރާދަކުރެއްވިއްޔާ، ދާއިމަށް އެ މައްސަލަ ހައްލުވެގެންދާނެ، ހައްލުކޮށްދޭނަން މިތަނުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގައި އުޅޭ އެހެން ހުރިހާ ރައްޔިތުންނަށް ވެސް ރަސްމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބޯހިޔާވަހިކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށާއި ރާއްޖޭގެ އެހެން ރަށްރަށުން ވެސް އެ ތަންތަނުން ގޯތިގެދޮރު ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބޭގޮތަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭގޮތަށް 65،000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ތަން އަޅުގަނޑުމެން މި ތަރައްގީކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭ ވަރަށް ހިއްކައިގެން. މެދަށް ތިން މީޓަރުގެ އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރުގެ އުސްމިން ހުންނާނެ. އެހެންވީމާ އިންޓަނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މި ތަން ހިއްކިގެންދާނީ. އަދި އެއާއެކީގައި ކްލައިމެޓް އެޑަޕްޓޭޝަންގައި އަޅުގަނޑުމެން އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް އަޅުގަނޑުމެން ގާއިމުކުރާނީ، މި ތަން ޕްލޭންކުރެވިގެންދާނީ އެގޮތަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަސްމާލެ ވެގެންދާނީ ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާހައުލެއް ލިބިގެންދާ ތަނަކަށް ކަމަށާއި އަމާޒަކީ އެ ސިޓީއަކީ ޒީރޯ ކާބަން ސިޓީއަކަށް ހެދުން ކަމަށެވެ. އަދި އެ ތަނުގައި ދުއްވާ އުޅަނދުފަހަރުވެސް ތިމާވެއްޓާ ރައްޓެހި ފިއުލް ބޭނުންކުރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި ތަނުގައި ހުންނަ ހުރިހާ ފެސިލިޓީއެއް، ގެދޮރާ ހުރިހާ ކަމެއްގައި ރިނިއުބަލް އެނާޖީގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މުޅި ސިޓީ އަޅުގަނޑުމެން ހިންގާނަން. ފެހި، އެންވަޔަރަމަންޓަލް ފްރެންޑްލީ، އިކޯ ސިޓީއަކަށް މިތަން ހަދާނީ. މި ތަން އިންޓަނޭޝަނަލީ ބްރޭންޑް ކުރެވިގެންދާ އިރުގައި، މޯލްޑިވްސް އިކޯ ސިޓީއެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ މިތަން އަޅުގަނޑުމެން ކަނޑައަޅާނަން. މިއީ މިހާތަނަށް ހިއްކޭ އެންމެ ރަސް ބޮޑު ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ ރަސްމާލެ. ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަދު މި ފަށަނީ. މި ފަސް އަހަރު ނިމިގެންދާ އިރު، ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ފުށިދިއްގަރުފަޅު ހިއްކައި އެތަން ރަށެއްގެ ގޮތުގައި އާބާދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅެވެ. ފުށިދިއްގަރުފަޅު ހިއްކުމަށް ސަރުކާރުން އެ މަޝްރޫއަށް 400 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ވަނީ އެ މަޝްރޫއު ބަޖެޓުން އުނިކޮށްފައެވެ. އެހެންކަމުން އެ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ އާބަންކޯއާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު