ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ މި އަހަރުގެ ތިންވަނަ ދައުރު އިތުރުކުރަން މިއަދު ވޯޓަށް އަހަން ނިންމައިފިއެވެ.
މަޖިލިސް ގަވާއިދު ބުނާ ގޮތުން ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ، ކުރިއަށް އޮތް އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް ފާސްކުރުމަށްފަހު ހިނގާ އަހަރުގެ ތިންވަނަ ދައުރުގެ ޗުއްޓީއަށްދާ ގޮތަށެވެ.
ނަމަވެސް މި އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރުކަމަށް ވުމުން، ކުރީގައި އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ހިނގައިދިޔަ ވަގުތުތަކާ ގުޅިގެން މަޖިލީހަށް ހުށަހެޅި 2024ގެ ބަޖެޓަށް ބަދަލުތަކެއް ގެންނަން ޖެހުމުން އެ މަސައްކަތް ވަނީ ދިގުލައިގެން ގޮސްފައެވެ.
އެހެންވެ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ތިންވަނަ ދައުރު އިތުރުކުރަން ފާސްކުރިއެވެ. ނަމަވެސް އެ ދުވަހާ ހަމައަށްވެސް ބަޖެޓްގެ މަސައްކަތް ނިމިފައިނުވާތީ އާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާއި ބައެއް މުހިންމު ބިލުތައް ހުރުމުން މިއަދުގެ ނިޔަލަށް ދައުރު އިތުރުކުރަން މި މަހުގެ ހަތްވަނަ ދުވަހު ފާސްކުރިއެވެ.
މަޖިލީހުގެ ތިންވަނަ ދައުރު ތިންވަނަ ފަހަރަށް އިތުރު ކުރުމަށް ވޯޓަށް އަހަން މިއަދު ނިންމީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނުނިމޭތީއެވެ.
ވަޒީރުންނަަށް ރުހުން ދިނުމަށް ވޯޓަށް އަހަން މަޖިލީހުގެ، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި މައްސަލައަށް ވޯޓަށް އަހަން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އެ މައްސަލަ ނިންމައި ކޮމިޓީން މަޖިލީހަށް ފޮނުވި ކޮމިޓީ ރިޕޯޓުގައި މަޖިލިސް ގަވާއިދުގައި ބުނާ ކަންތައްތައް ފުރިހަމަނުވާތީ މަޖިލިސް ރައީސް ވަނީ އެ ރިޕޯޓު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވައިފައެވެ.
އެހެންކަމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ރިޕޯޓު ކޮމިޓީން ނިންމައި އަލުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށް ޖަލްސާގެ ތިންވަނަ ދައުރު އިތުރުކުރަން މިއަދުގެ ވޯޓުގެ ވަގުތުގައި ވޯޓަށް އައްސަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު