ބަންގުލަދޭޝްގެ މަސައްކަތްތެރިން އަލުން ރާއްޖެ ގެނެވޭ ގޮތް ހެދުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ނިންމުމާއެކު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިއަދު ވަނީ، ބަންގުލަދޭޝްގެ ލޭބަރުން ގެންނަން އަލުން ހުއްދަ ދީ، އެހެން ގައުމުތަކުން ލޭބަރުން ގެނައުން މަޑުޖައްސާލާފައިވާކަން އިއުލާންކޮށްފައެވެ.

އެކަމާ ގުޅިގެން ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކެބިނެޓުގެ އެ ނިންމުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.

"ބަންގުލަދޭޝް އިން ހަމައެކަނި އަންސްކިލްޑު މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ރައީސް އޮފީހުން މިއަދު ނިންމެވި ނިންމުން ގާނޫނާ ހިލާފު. އެ ބޭފުޅުން ފުރަތަމަ ޖެހޭނީ ގާނޫނު އިސްލާހުކުރަން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ގާނޫނުގައިވާ ގޮތުން، އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނެ އަދަދަކީ 100،000 ކަމަށެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދު ހަމަވެފައިވާ ގައުމަކުން، އަލުން މަސައްކަތްތެރިން ގެނެވޭނެ ގޮތް ހެދުމުން އެކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2019 ވަނަ އަހަރުގެ ކުރިން ބަންގުލަދޭޝްގެ ވަގުފާރި ވިޔަފާރިއަކީ ބަޔަކު ކުރަމުންދިޔަ، އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ މުޑުދާރު ވިޔަފާރިއެއް ކަމަށެވެ.

"ފަސް އަހަރު ހުއްޓުވާފަ އޮވެ އަލުން ގާނޫނާ ހިލާފަށް މިކަން ހުޅުވާލުމަކީ ގައުމީ ސަލާމަތަށް އަދި ދިވެހި އިގުތިސޯދާއި އިޖުތިމާއީ ފޭރާމަށް ހުރި ނުރައްކަލެއް،" ފައްޔާޒު ވިދާޅުވިއެވެ.