ކުވޭތުގެ އަމީރު ޝައިޚު ނަވާފް އަލްއަހުމަދު އަލްޖާބިރު އައްސަބާހު މިއަދުގެ ވަގުތެއްގައި ވަނީ އަވަހާރަވެފައެވެ. އޭނާގެ އުމުރުފުޅަކީ 86 އަހަރެވެ. ކުވޭތުގެ އަމީރުކަމުގައި އޭނާއަށް ހުންނެވުނީ އެންމެ ތިން އަހަރުގެ މުއްދަތެއްގައެވެ. މިއީ ކުވޭތުގެ ތާރީޚުގައިވެސް ތިންވަނައަށް އެންމެ ކުރު ވެރިކަމެވެ. ޝައިޚު ނަވާފް ކުވޭތުގެ އަމީރުކަމަށް އިސްވެވަޑައިގަތީ ކުރިން އަމީރުކަމުގައި ހުންނެވި އޭނާގެ އެއްބަފާ ބޭބޭފުޅު ޝައިޚް ސަބާހު އަލްއަހުމަދު އަލްޖާބިރު އައްސަބާހު އުމުރުފުޅުން 91 އަހަރުގައި އަވަހާރަވުމާ ގުޅިގެން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ޝައިޚް ނަވާފަކީ ކުވޭތުގެ މިޒަމާނުގެ ބާނީ ޝައިޚް އަހުމަދު އަލްޖާބިރު އައްސަބާހުގެ ފަސްވަނަ ދަރިކަލުންނެވެ. މިދެންނެވި ޝައިޚު އަހުމަދު އަލްޖާބިރު އައްސަބާހު ކުވޭތުގެ ވެރިކަން ކުރެއްވީ 1921 ވަނަ އަހަރުން ފެށިގެން 1950 ވަނަ އަހަރާ ހަމައަށެވެ.

ކުވޭތުގެ ރަސްކަމަކީ މީލާދީން 1752 ވަނަ އަހަރު ޝައިޚު ސަބާހު ބިން ޖާބިރާ ހަމައިން ފެށިގެން އައްސަބާހު ޚާންދާނުގެ ތެރޭގައި ވާރުތަވަމުން ދެމިގެން އަންނަ ރަސްކަމެކެވެ. މިހާރު މިރަސްކަމުގެ ވާރިސުންނަކީ ޝައިޚު މުބާރަކު އައްސަބާހުގެ ޚާންދާނުގެ ބޭފުޅުންނެވެ. މިދެންނެވި މުބާރަކް އައްސަބާހު ކުވޭތުގެ ވެރިކަން ކުރެއްވީ މީލާދީން 1896 ވަނަ އަހަރުން ފެށިގެން 1915 ވަނަ އަހަރާ ހަމައަށެވެ. މި ޚާންދާނުވެސް އެކި ގޮފިގޮފިތަކަށް ފުޅާވެގެން ގޮސްފައިވާއިރު ވެރިކަމަށް ލާއިގުވަނީ މީގެ ތެރެއިން އެންމެ ދެ ގޮތްޕެއްގެ ބޭފުޅުންނެވެ. އަލްއަހުމަދު ގޮތްޕާއި އައްސާލިމް ގޮތްޕެވެ. އަލްއަހުމަދާއި އައްސާލިމަކީ ކުރިން ދެންނެވި މުބާރަކު އައްސަބާހުގެ ދެ ބޭފުޅުންނެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި 62 އަހަރު އޮތުމަށްފަހު 1961 ވަނަ އަހަރު ކުވޭތަށް ފުރިހަމަ މިނިވަންކަން ލިބުނު ފަހުން އެންމެ ދެ ބޭފުޅުން ފިޔަވައި ދެން މުޅިންވެސް ވެރިކަން ކުރައްވާފައިވަނީ އަލްއަހުމަދުގެ ބޭފުޅުންނެވެ.

އައްސާލިމަކު އެންމެފަހުން ވެރިކަން ކުރެއްވީ 2006 ވަނަ އަހަރުއެވެ. އަމީރުކަމަށް ބޭފުޅަކު އިސްކުރެވޭތާ ގިނަވެގެން އެއްއަހަރުގެ ތެރޭގައި އެބޭފުޅަކު ވަލީއަހުދުކަމަށް ބޭފުޅަކު އައްޔަންކުރައްވަން ޖެހިވަޑައިގަންނަވައެވެ. ޝައިޚު ނަވާފް އަވަހާރަވުމާ ގުޅިގެން ދެން އަމީރުކަމަށް މިއަދު އިސްވެވަޑައިގަތީ އޭނާގެ ވަލީއަހުދު އަދި ކޮއްކޯފުޅު ޝައިޚް މިޝްއަލް އަލްއަހުމަދު އަލްޖާބިރު އައްސަބާހެވެ. އޭނާގެ އުމުރުފުޅަކީ 83 އަހަރެވެ. ކުވޭތުގެ އަމީރުގެ މުސާރަޔަކީ ގާނޫނުގައި ކަނޑައެޅިފައި އޮންނަ އަދަދެކެވެ. އެއީ މިހާރުގެ ގޮތަށްނަމަ އަހަރަކު 150 މިލިޔަން އެމެރިކާ ޑޮލަރެވެ. ކުވޭތުގެ ސަރުކާރު ހިންގަނީ ބޮޑުވަޒީރެކެވެ. ބޮޑުވަޒީރު އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އަމީރަށެވެ. އެހެންވީމާ ހަގީގަތުގައި ދައުލަތުގެ އެންމެހައި ބާރުތަކުގެ ހަގީގީ ވެރިޔަކީ އަމީރެވެ. މިއަދު އަވަހާރަވި ޝައިޚު ނަވާފު މީގެ ތިން އަހަރު ކުރިން އަމީރުކަމަށް ވަޑައިގަތުމުގެ ކުރިން ސާދަ އަހަރު ވަލީއަހުދުކަން ކުރެއްވިއެވެ.

އިރާގު ސިފައިން 1990 ވަނަ އަހަރު ކުވޭތަށް އަރައިގަތްއިރު ޝައިޚު ނަވާފަކީ ދިފާއވަޒީރެވެ. ކުވޭތުގެ ދާޚިލީ ހަމަޖެހުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެއްގައި ދާޚިލީ ވަޒީރުކަންވެސް ކުރެެއްވިއެވެ. ޝައިޚް ނަވާފްގެ ސާދާ ދިރިއުޅުއްވުމާއި މަޑުމައިތިރި މިޒާޖާއި މާފުކުރެއްވުން އަވަސްކަމުން އޭނާއަކީ ކުވޭތުގެ ޝާހީ ޚާންދާނުގެ ތެރޭގައި ވަރަށްވެސް މަގްބޫލު ބޭފުޅެކެވެ. ކުވޭތުގެ އާއްމުންގެ ތެރޭގައިވެސް އޭނާގެ މަގްބޫލުކަން އެހައިބޮޑެވެ. ކުށްވެރިންނަށް މާފުދެއްވުން ގިނައެވެ. ކުވޭތުގެ ރަށްވެހިކަން ދެއްވުންވެސް ގިނައެވެ. ރައްޔިތުންގެ މަޖިލީސް މިނިވަން ކުރެއްވިއެވެ. ސަރުކާރާ ދެކޮޅު އަޑުތަކަށް ފުރުސަތު ދެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަކީ ގަނޑުވަރުން އައްޔަންކުރާ މަގާމެއް ނޫންކަމަށް ހެއްދެވިއެވެ. އޭނާ އަވަހާރަވުމަކީ ކުވޭތަށް ލިބުނު ނުހަނު ފުން ހިތާމައެކެވެ. އެހެންވެ ރަސްމީގޮތުން ސާޅީސް ދުވަހުގެ ހިތާމަފާޅުކުރުމެއް ސަރުކާރުން މިހާރުވަނީ އިއުލާންކޮށްފައެވެ.

ކުވޭތަކީ ރަސްކަމެއް އޮންނަ ތަނަކަށްވިޔަސް ގަލްފުގެ އެހެނިހެން ރަސްކަންތަކާއި ކުވޭތު ވަރަށް ތަފާތެވެ. ކުވޭތުގައި އެންމެންވެސް ތަބާވާ ގާނޫނުއަސާސީއެއް އެބައޮތެވެ. އަމީރުވެސް އެއަށް ތަބާވެވަޑައިގަންނަވައެވެ. އެހެން ތަންތަނުގެ ޝާހީ ޚާންދާނުގެ ތެރޭގައި އޮންނަ ބައިބައިވުންތަކާއި ކޯޅުންތަކެއް ކުވޭތުގެ ޝާހީ ޚާންދާނުގެ ތެރެޔަކު ނޯވެއެވެ. އެހެންވީމާ ވެރިކަން ބަދަލުވަނީވެސް އޮމާން އަމާންކޮށެވެ. އައު އަމީރަކު ނުވަތަ ވަލީއަހުދަކު ވަޑައިގެންފައި ޝާހީ އާއިލާގެ މެންބަރުން ހައްޔަރު ކުރައްވައި މުދަލާއި ފައިސާ ހިފަހައްޓަވައި ބިރުދެއްކެވުމެއް ނޯވެއެވެ. އައު އަމީރު ޝައިޚް މިޝްއަލްއާމެދުވެސް ކުރެވޭ އުންމީދަކީ ކުވޭތުގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓެވުމެވެ. އަވަހާރަވި އަމީރުގެ ސިޔާސަތުތަކުގެ ތެރެއިން މުހިންމު ކަންކަން އޭނާ ދަމަހައްޓަވާނެ ކަމަށް އުންމީދު ކުރެވެއެވެ. އަމީރުކަމަށް ވަޑައިގަތުމުގެ ކުރީގައިވެސް އޭނާއަކީ ދައުލަތް ހިންގެވުމާއި މުހިންމު ނިންމުންތައް ނިންމެވުމުގައި ކުރީގެ އަމީރުގެ އެންމެ ބޮޑު އެހީތެރިޔާއެވެ.

މިއަދު އަވަހާރަވި އަމީރު ޝައިޚް ނަވާފުގެ ސިއްހީ ހާލުކޮޅު ފާއިތުވި ތިން އަހަރުގެ ތެރޭގައިވެސް އެހާ ރަނގަޅެއް ނޫނެވެ. އެތައް ފަހަރަކު ހަސްފަތާލުގައި އެޑްމިޓް ކުރެވުނެވެ. އެމެރިކާ އާއި ޔޫރަޕުން ފަރުވާ ހޯއްދެވިއެވެ. ކިތަންމެ ފަހަރަކު ވަލީއަހުދު ޝައިޚު މިޝްއަލްގެ އަތްޕުޅު މައްޗަށް ހުރިހާ ބާރުތަކެއް ދޫކޮށްލެއްވިއެވެ. އެހެންވީމާ ހަގީގަތުގައިވެސް ފާއިތުވީ ތިންއަހަރު ކުވޭތުގެ ކަންކަން ނިންމަވަމުން ގެންދެވީ ޝައިޚު މިޝްއަލްކަމަށް ބުނެވިދާނެއެވެ. އައު އަމީރުގެ ދައުރުގައި އަވަސް ކުއްލި ބަދަލުތައް ފެނުމުގެ ފުރުސަތު ކުޑައީ އެހެންވެގެންނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ފައިސާއަކީ ކުވޭތުގެ ދީނާރެވެ. އޭގެ އަގު ހިފެހެއްޓުމާއެކު ކުވޭތުގެ އިގްތިސާދު ސިންދަފާތު ކުރުމަކީ މިހާރު ކުރިމަތީގައި އޮތް އެންމެ ބޮޑު މަސައްކަތެވެ. ގަލްފުގެ ގައުމުތަކުގެ ތެރެއިން އެމިރޭޓްސް އާއި ސައޫދީ އަރަބިޔާ އާއި ގަތަރު އެދަނީ ހަލުވިކަމާއެކު އިގްތިސާދު ސިންދަފާތު ކުރަމުންނެވެ. ކުވޭތަށްވެސް އޮތީ އެމަގެވެ. ގައުމު ކިތަންމެ ކުޑަޔަސް ކުވޭތަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެޔޮނެރޭ އެއްގައުމެވެ. އެންމެ މުއްސަނދި އެއްގައުމެވެ. މިފައިސާއިން ކުރިމަގަށް އިންވެސްޓްކޮށް މުއްސަނދިކަން ދެމެހެއްޓޭނެ އައުގޮތްގޮތް ރާވައި ތަންފީޒުކުރުމަކީ އައު އަމީރުގެ އެންމެބޮޑު ޒިންމާއެވެ.