ބިދޭސީން ރާއްޖެ އެތެރެވުމުގެ ކުރިން ސްކްރީނިން ހަދަންޖެހޭ ގޮތަށް އުސޫލު ބަދަލުކުރަންޖެހޭ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމާން ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ 17 ބިދޭސީންގެ ފަރާތުން ރާއްޖޭން ނައްތާލާފައިވާ ފައިލޭރިއާ ބަލި ފެނުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އެކަމާ ގުޅިގެން "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާން ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ އުސޫލު ބަދަލުކުރުން ކަމަށާއި އެއީ އެހެން ގައުމުތަކުގައިވެސް އެކަން ކުރަމުން އަންނަ ގޮތް ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ ރާއްޖޭން ބޭރުގައި ސަރުކާރުން ގަބޫލުކުރާ ތަނަކުން މެޑިކަލް ޗެކަޕް ހަދައިގެން އެތެރެވުން ކަމަށް އެންމެ ރަނގަޅު ވާނީ. ރާއްޖެ އެތެރެ ވެފައި ހަދާ މެޑިކަލް ޗެކަޕްތަކުން ބަލިތައް ހުރި ކަމަށް އެނގުނީމަ ބައެއް މީހުން އެބަހުރި ފިލާފައިވެސް،" ޝަމާން ވިދާޅުވިއެވެ.
ބިދޭސީންތަކެއްގެ ފަރާތުން ފައިލޭރިއާ ފެނިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރީ އިއްޔެއެވެ. އެ މީހުންގެ ފަރާތުން އެ ބަލި ފެނުނީ ބައިނަލްއަގުވާމީ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި މި މަހުގެ 1 އިން 2 އަކަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި އެކި ބަލިތަކަށް ސްކްރީން ކުރުމުގެ ތެރެއިންނެވެ.
ފައިލޭއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުންފަދަ އަލާމާތްތައް އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭއިރު، އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުމެވެ.
ހެލްތް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޕޮޒިޓިވްވި މީހުންގެ ބަލި ހުރިތޯ ޔަގީންކުރަން އިތުރު ޓެސްޓުތައް ހަދަމުންދާ ކަމަށާއި އެ ޓެސްޓުން ޕޮޒިޓިވްވާ މީހުންނަށް ދޭން ޖެހޭ ފަރުވާގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު