އިންޑޮނޭޝީއާގެ ހަނޑޫ ދަނޑުތަކުގައި އެހީތެރިވުމަށް އެގައުމުގެ ސިފައިން ނެރުމަށް ސަރުކާރުން އަންގައިފިއެވެ.

އިންޑޮނޭޝީއާގެ ދަނޑުތަކަށް ހަނަފަސްކަން ކުރިމަތިވެ އެ ގައުމުގެ ދަނޑުވެރިކަމުގެ އުފެންދުންތެރިކަމަށް ބޮޑަށް އަސަރުކޮށްފައިވަނިކޮށް ދާދިފަހުން ވަނީ ވާރޭ ވެހެން ފަށާފައެވެ.

ގިނަ ދުވަސްތަކަކަށް ފަހު ދަނޑުތައް ހިމެނޭ އަވަށްތަކަށް ވާރޭ ވެހެން ފެށުމާއެކު އެ ދަނޑުތަކުގައި ގޮވާން ކުރުމަށް ދަނޑުވެރިން ވަނީ އަވަސްވެގަނެފައެވެ. ނަމަވެސް އެ މަސައްކަތަށް ބޭނުންވާ އިންސާނީ ވަސީލަތްތައް މަދުވުމާއެކު އެ ގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ އެ ގައުމުގެ ސިފައިން އެ މަސައްކަތަށް ނިކުތުމަށް އަމުރުކޮށްފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އިންޑޮނޭޝީއާގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވުމަށް ފަހު ވާރޭ ވެހެން ފެށުމުން އެންމެން ވަނީ ގޮވާން ކުުރުމަށް އަވަސްވެގެންފައެވެ.

އިންޑޮނޭޝީއާގައި މިދިޔަ އަހަރު 31.53 މިލިއަން މެޓްރިކްޓަނުގެ ހަނޑޫ އުފައްދާފައިވާއިރު މިއަހަރު އެ އަދަދު ވަނީ 30.90 މިލިއަން މެޓްރިކްޓަނަށް ވެއްޓިފައެވެ.