އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ހަމަލާދިނުމުގެ މޭސްތިރި ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި އެ ގައުމުގެ ފުލުހުން ވަނީ ލަލިތު ޖިހާ ނަމަކަށް ކިޔާ ޓީޗަރަކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފައެވެ.

ފުލުހުން ވަނީ ލަލިތު އަކީ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ހަމަނުޖެހުން ހިންގުމަށް ހިންގި އަމަލު ރާވައި އެކަން ކުރުމަށް މަގުފަހި ކުރި މީހާކަމަށް ތުހުމަތުކޮށްފައެވެ. ހައްޔަރު ކުރި ނަމަވެސް ލަލިތަށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކޮށްފައި ނުވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އިންޑިއާގެ ފުލުހުން މިދިޔަ ހަފުތާގައި ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ވަނީ އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން ދައުވާ ކޮށްފައެވެ. އެމީހުންގެ މައްސަލައާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަފުތާއެއްގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ދެ މީހަކު ވަދެ ހިންގި އަމަލުތަކުގެ ސަބަބުން އެކަމާ ދެކޮޅަށް މަޖިލީހުގައި މުޒާހަރާ ކޮށްފައި ވާ އެގައުމުގެ އިދިކޮޅު 15 މެންބަރަކުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.