އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންނުވާ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައި ހުންނެވި މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިރުޒުލް ވިދާޅުވީ ވަކި ގައުމެއްގެ ޕާސްޕޯޓް، ވަކި ރައްޔިތެއްގެ ސިޓިޒެންޝިޕް ހޮލްޑު ކުރުން އަދި ވަކި ގައުމެއްގެ ރައްޔިތުން ސީދާ ރާއްޖެއަށް އެތެރެވުން މަނާކުރެވޭނީ ގާނޫނީ ނިޒާމުގެ ތެރެއިންކަން، ރާއްޖޭގެ ގާނޫނު ބަލައިލުމުން ސާފުވާނެ ކަމަށެވެ. އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގައި ގާނޫނީގޮތުން ބަލަންޖެހޭ ކަންކަން ހުރިކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އެއީ މިވަގުތު އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ނިންމެވޭ ގޮތަށް ގާނޫނުގެ ތެރެއިން އޮތް ކަމެއް ނޫން. ގާނޫނުން ކުރަންޖެހޭ މަސައްކަތްތަކަށް ވާތީވެ،" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ގާނޫނީ ގޮތުން ދިމާވާ ކަންކަން ބެލުމަށްފަހު، އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ގުޅޭ ކަންކަން ކުރަމުންދާނެ ކަމަށެވެ.

ސަރުކާރުގެ ފޮރިން ޕޮލިސީ ކަނޑައެޅުމުގެ އެންމެ އިސްފަރާތަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އެހެންކަމުން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތަށް، ހާރިޖީ ބަދަލެއް ގެނެވޭނީ ސަރުކާރަށް ކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ވަނީ ލަފާދޭން ފާސްކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އެ ލަފައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ސަރުކާރުން ދަނީ ބަލަމުން ކަމަށެވެ.