ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ 17 ކޭސްއެއް ކުޅުދުއްފުށި ސިޓީން ފެނިއްޖެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބައިނަލްއަގުވާމީ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި މިމަހުގެ އެއްވަނަ ދުވަހު އަދި ދެވަނަ ދުވަހު ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި އެކި ބަލިތަކަށް ސްކްރީން ކޮށްފައިވާ ކަމަށެވެ.

"މިގޮތުން ކުރެވުނު ސްކްރީނިން ޓެސްޓުތަކުގެ ތެރެއިން ބައެއް ފަރާތްތައް ވަނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައެވެ. މިހެންކަމުން، މި ހޮސްޕިޓަލާއި ކުޅުދުއްފުށި ސިޓީ ކައުންސިލް އިތުރުން ދިވެހި ރެޑްކްރެސެންޓު ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް މަސައްކަތްތައް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،" ކޭއާރްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ ސްކީރިން ޓެސްޓުން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާ އެކުގައި ދިރިއުޅޭ ފަރާތްތަކުގެ ސްކްރީން ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ސްކްރީން ޓެސްޓުން ފައިލޭރިއާށް ޕޮޒިޓިވްވާ ފަރާތްތަކުގެ ބަލި ހުރިކަން ޔަގީންކުރަން އިތުރު ކޮންފަމޭޓަރީ ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ. ފައިލޭރިއާ ހުރިކަން ޔަގީންވާ ފަރާތްތަކަށް ދެވޭ ފަރުވާއަކީ އެއްފަހަރު ބޭނުންކުރާ ދެ ބެހޭއް ކަމަށް ކޭއާރްއެޗުން ބުންޏެވެ.

"ފައިލޭރިއާއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ބައްޔަށް ސްކްރީން ކުރުމުގެ ތެރޭގައި މި ރަށުން ޕޮޒިޓިވްވެފައިވަނީ އަދިވެސް ފައިލޭރިއާ ބަލި އުޅޭ ގައުމުތަކުންނާއި ސަރަހައްދުތަކުން ވަރަށް ފަހުން ރާއްޖެ އައިސްފައިވާ ފަރާތްތަކެވެ.،" ކޭއާރްއެޗުން ބުންޏެވެ.

ފައިލޭރިއާ އާންމުކޮށް ފެތުރެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިން ކަމަށާއި އެއީ ޑެންގީ އަދި ޗިކުންގުންޔާ ފަތުރާ އީޑްސް މަދިރިއާއި ތަފާތު މަދިރިއެއް ކަމަށް ކޭއާރްއެޗުން ބުންޏެވެ. އަދި އެ ބައްޔަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށްވުމުން، މަދިރި އާލާވާ ތަންތަން ނައްތާލުމާއި މަދިރިން ރައްކާތެރިވުމަކީ މުހިންމު ކަމެއް ކަމަށް ބުންޏެވެ.

ކުޅުއްދުއްފުށިން ފައިލޭރިއަގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެޗްޕީއޭން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ފައިލޭރިއަށް ޕޮޒިޓިވްވެފައިވަނީ، އެ ބަލި މިހާރު ވެސް ފެންނަމުންދާ ނުވަތަ "އެންޑެމިކް" ސަރަހައްދުތަކުން ރާއްޖެ އައިސްފައިވާ މީހުން ކަމަށެވެ.

"މިއާއެކު، އެ ރަށުގައި އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް، މި އެޖެންސީގެ ލަފާގެ މަތިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މިހާތަނަށް ކުރެވުނު ޓެސްޓުތަކުން 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ..،" އެޗްޕީއޭން ބުންޏެވެ.

ފައިލޭރިއަށް ޕޮޒިޓިވް މީހުންގެ ބަލި ހުރިތޯ ޔަގީން ކުރުމަށް އިތުރު ޓެސްޓުތަކެއް ހެދުމާއި އެ ޓެސްޓުން ޕޮޒިޓިވްވާ މީހުންނަށް ދޭންވާ ފަރުވާގެ ކަންކަން އިންތިޒާމު ކުރަމުންދާ ކަމަށް އެޗްޕީއޭން ބުންޏެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށް ވެސް އެޗްޕީއޭން ބުންޏެވެ.