މުޒާހަރާ ކުރުމުން އިންޑިއާގެ މަޖިލީހުގެ 15 މެންބަރަކު ސަސްޕެންޑް ކޮށްފިއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ދެ މީހަކު ވަދެ ހިންގި އަމަލުތަކުގެ ސަބަބުން އެކަމާ ދެކޮޅަށް މަޖިލީހުގައި މުޒާހަރާ ކޮށްފައި ވަނީ އެގައުމުގެ އިދިކޮޅު 15 މެންބަރެކެވެ.

ގާނޫނު ހަދާ މަޖިލީހަށް ދެ މީހަކު ވަދެގަތް މައްސަލައިގައި އެ މަޖިލިސް ހިމެނޭ ސަރަހައްދު ބަންދުކޮށް ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ އިދިކޮޅު މެންބަރަކު ސަސްޕެންޑް ކޮށްފައިވަނީ ބޭއަދަބީ ބަސްތައް ބޭނުންކުރައްވައިގެން މަޖިލިސްތެރޭ މުޒާހަރާ ކުރެއްވިކަމުގެ ކުށުގައެވެ. ދަށުގޭގެ 14 މެންބަރަކަށް ވެސް ވަނީ ސަސްޕެންޝަން އައިސްފައެވެ. އެއީ ވެސް އިދިކޮޅު މެންބަރުން ކަމަށް އޮފިޝަލުން ބުނެއެވެ.

ގާނޫނު ހަދާ މަޖިލީހަށް ދެ މީހަކު ވަދެގަތް މައްސަލައިގައި ހާއްސަ ސެކިއުރިޓީ ތަހުގީގެއް ހިންގުމަށް އިންޑިއާއިން ވަނީ މަޖިލިސް ބެލުމަށް ބޭރުން އަންނަ ފަރާތްތައް ވެއްދުން ވަގުތީގޮތުން ހުއްޓާލައިފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ އެތެރެއާއި ބޭރުގައި ހިންގަމުންގެންދާ ހަމަނުޖެހުންތަކުގެ ސަބަބުން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.