ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއާއި ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ކުރެއްވި ހަރަދުގެ ތަފުސީލު ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މި މަހުގެ ކުރީކޮޅުއެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގެންނެވީ ހުސްވި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. އެ ދަތުރުފުޅަށްފަހު ތުރުކީ މަގުން ދެން ރައީސް ވަޑައިގެންނެވީ ކޮޕް28ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީ އަށެވެ. އެ ގައުމަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގެންނެވީ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ޝަހީބު ވިދާޅުވީ ދެ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ޖުމުލަ 3،489،165.12 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ދަތުރުފުޅުގެ ޓިކެޓަށް އެކަނި ޖުމުލަ 2،454،555.60 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
- ފަސްޓް ކްލާސް 4 ޓިކެޓް: 683،229.36ރ.
- ބިޒްނަސް ކްލާސް 12 ޓިކެޓް: 1،539،239.82ރ.
- އިކޮނޮމީ ކްލާސް 12 ޓިކެޓް: 232،086.42ރ.
ޝަހީބު ވިދާޅުވީ، ރައީސް މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނާއެކު 22 ބޭފުޅުންގެ ވަފުދެއް ވަޑައިގެންނެވި ކަމަށެވެ. އެ ވަފުދުގެ ކެއުމާއި ތިބުމުގެ ހަރަދުގެ އިތުރުން އެތެރޭގެ ދަތުރުފަތުރުތަކަށް ހަރަދުކޮށްފައިވަނީ އެ ގައުމުގެ ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ.
ތުރުކީ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ކުރި ހަރަދު:
- 22 ބޭފުޅުންގެ ޕޮކެޓްމަނީ: 217،828ރ.
- އިންސިޑެންޓަލް: 41،548.80ރ.
ޝަހީބު ވިދާޅުވީ، ރައީސް ދުބާއީއަށް ވަޑައިގެންނެވީ 19 ބޭފުޅުންގެ ވަފުދަކާއެކު ކަމަށެވެ. އެ ވަފުދުގައި ބައިވެރިވި 10 މީހުންގެ ކެއުމުގެ ހަރަދާއި ތިބުމުގެ ހަރަދު ހަމަޖެއްސީ ޔޫއޭއީ ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ.
ދުބާއީ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ކުރި ހަރަދު:
- 19 ބޭފުޅުންގެ ޕޮކެޓްމަނީއަށް: 182،546ރ.
- 9 ބޭފުޅުންގެ ފަރިއްކޮޅަށް: 145،944.76ރ.
- ޓްރާންސްޕޯޓަށް: 75،488.38ރ.
- 9 ބޭފުޅުންގެ އެކޮމޮޑޭޝަނަށް: 168،892.06ރ.
- ސިމްކާޑުގެ ހަރަދަށް: 26،412.59ރ.
- ދުބާއީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރުމަށް: 155،182.72ރ.
- އިންސިޑެންޓަލް: 20،766.72ރ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު