ސިފައިންނާއި ފުލުހުންގެ ފްލެޓުތަކަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްދެއްވަން ރައީސް. ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ އެ ފްލެޓުތަކަށް ދޫކޮށްފައިވާ ޓްރެޝަރީ ލޯނު އަނބުރާ ދެއްކުން އެއް އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަސްކުރަން ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި އިންޓަރެސްޓްވެސް ނުހިނގާނެ ކަމަށް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ އެގޮތަށް ނިންމައި އެކަން ފިނޭންސް މިނިސްޓްރީއަށް ރައީސް އަންގަވާފައިވާ ކަމަށާއި އެއާއެކު އެ ޓްރެޝަރީ ލޯން ރީ ސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރަމުންދާނެ ކަމަށެވެ.
ހުޅުމާލޭގައި ސިފްކޯ ހިޔާގެ ފްލެޓުތައް ހަދަންފެށީ މީގެ 10 އަހަރު ކުރިން ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ފުރަތަމަ ނޫމަޑިއާ ހަވާލުކުރީ އެ ޕްރޮޖެކްޓްގެ 20 ޕަސެންޓް ސަރުކާރުން ދިނުމަށްފަހު، ކޮންޓްރެކްޓް ފައިނޭންސް އުސޫލުން އަނެއް ބައި އެ ކުންފުނިން ލާގޮތަށެވެ.
އަށާރަ މަސް ދުވަސް ތެރޭ ނިންމާ ގޮތަށް ހަވާލުކުރި ނަމަވެސް އެކި މައްސަލަތަކާ ހުރެ މަޝްރޫއުގެ މަސައްކަތް ލަސްވެ އެކި ފަހަރުމަތިން އެކި ފަރާތްތަކާ މި ޕްރޮޖެކްޓް ވަނީ ހަވާލުކޮށްފައެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ވަނީ އެ މަސައްކަތް އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ނަމަވެސް އެ ކުންފުނި ބަނގުރޫޓްވުމުން، އެ މަސައްކަތް ނިންމަން މި ސަރުކާރުން، 2021 ވަނަ އަހަރު ވަނީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު