މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ޕޯޓުގައި ޕޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޑްރިލެއް ކުރިއަށްގެންގޮސްފިއެވެ.
ހިތަދޫ ރީޖަނަލް ޕޯޓުގައި ކުރިއަށްގެންދިޔަ އިމަޖެންސީ އިވެކުއޭޝަން ޑްރިލް ބައްލަވައިލެއްވުމަށް އެމްޕީއެލްގެ ސިއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވެސް ވަޑައިގެންނެވިއެވެ. އެއީ ސީއީއޯގެ މަގާމާ ވަޖީހު ހަވާލުވެވަޑައިގެންނެވި ފަހުން ހިތަދޫ ރީޖަނަލް ޕޯޓަށް ކުރެއްވި ފުރަތަމަ ދަތުރެވެ. ސީއީއޯ ވަޖީހުގެ އިތުރުން އެމްޕީއެލްގެ ސީނިއާ މެނޭޖްމަންޓުން ވެސް އެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އެމްޕީއެލުން ބުނީ ހިތަދޫ ޕޯޓަށް ވަޑައިގެން ވަޖީހު ވަނީ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައ،ި އެ ޕޯޓުގެ ހާލަތާ ގުޅޭ މައުލޫމާތުތައް ހޯއްދަވާފައި ކަމަށާއި ހިތަދޫ ޕޯޓުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި، އެ މުވައްޒަފުންގެ ވާހަކަތައް އަޑުއައްސަވައ،ި ހިތަދޫ ޕޯޓްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް ވަޖީހު މަޝްވަރާކުރެއްވި ކަމަށެވެ.
ހިތަދޫ ރީޖަނަލް ޕޯޓުގައި ކުރިއަށްގެންދިޔަ ޑްރިލްއަކީ އެމްޕީއެލްގެ ޕޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ކުއްލި ހާލަތްތަކުގެ ތައްޔާރީތައް ހަރުދަނާކުރުމަށް މެދުކެނޑުމެއްނެތި އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ ޑްރިލްއެެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ޑްރިލް ކުރިއަށްގެންދިޔައީ އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓާއި އެމްއެންޑީއެފް އަދި އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް ގުޅިގެންނެވެ. އަދި ޑްރިލްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަނީ ސެޓްފިކެޓް ދީފައެވެ.
ވަޖީހު ކުރައްވާ ދަތުރުގެ ތެރެއިން ހިތަދޫ ޕޯޓުގައި ގާއިމުކުރި ހެލްތު ސޭފްޓީ އަދި އެންވަޔަރަމަންޓް ޔުނިޓު ވެސް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައެވެ. އެ ޔުނިޓަކީ ހިތަދޫ ރީޖަނަލް ޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގާއިމުކުރި ޔުނިޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު