އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (United Nations) ނުވަތަ އަލިފުދާލު ޖަމްޢިއްޔާ އަކީ މި ޒަމާނުގެ ބައިނަލްއަޤްވާމީ ނިޒާމުގެ އެންމެ މުހިއްމު އެއް ބިންގަލެވެ. އެންމެ މުހިއްމު އެއް ނިޒާމެވެ. އެންމެ މުހިއްމު އެއް މަންސައެވެ. އެންމެ މުހިއްމު އެއް ފޯރަމެވެ. އެ ޖަމްޢިއްޔާ އުފެދުނު ގޮތުގެ ތާރީޚާއި، އެ ޖަމްޢިއްޔާގެ ކުރީން އޮތް ލީގް އޮފް ނޭޝަންސްގެ ތާރީޚަކީ ވެސް ވަރަށް ޝައުޤުވެރި ތާރީޚެކެވެ. އަލިފުދާލުގެ މުޅި ނިޒާމު ޢަމަލީ ގޮތުން ހިނގާ ގޮތާއި، އެ ނިޒާމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާއި، ޖަމްޢިއްޔާގެ ތާރީޚުގައި ހިނގި ބޮޑެތި ކަންކަމާއި، ޖަމްޢިއްޔާގެ ކާމިޔާބީތަކާއި ފޭލިވުންތަކުގެ ވާހަކަތަކަކީ ވެސް ޝައުގުވެރި އަދި މުހިއްމު ވާހަކަތަކެކެވެ. ނަމަވެސް އެ ވާހަކަތައް އެއްފަރާތް ކޮށްފައި، އަލިފުދާލުގެ ޤާނޫނީ އަސާސް ކަމުގައި ވާ "އަލިފުދާލުގެ ޗާޓަރު" ގެ މައްޗަށް ބަލައިލަމާ ހިނގާށެވެ!
އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ ޗާޓަރަކީ، އޭގެ ޤާނޫނީ ޙައިޘިއްޔަތަށް ބަލާ އިރު، ބައިނަލްއަޤުވާމީ މުޢާހަދާއެކެވެ. އެއީ އަލިފުދާލު ޖަމްޢިއްޔާގެ ބުންޔާދީ މުޢާހަދާއެވެ. ބައިނަލްއަޤްވާމީ ޤާނޫނުގެ ނިޒާމުގައި އެ ޖަމްޢިއްޔާ އުފައްދައި ހިންގުމަށް ޓަކައި އެކުލަވައިލެވި އެކަށައެޅުނު ބުންޔާދީ ވަޘީޤާއެވެ.
އަލިފުދާލުގެ ޗާޓަރުގައި، ބައިނަލްއަޤްވާމީ ގުޅުންތަކުގެ މައިގަނޑު ކަމުގައި އަންޒަމާނުއްސުރެ ބަލައިގަނެވިފައި ވާ، އަދި މިހާރު ބައިނަލްއަޤްވާމީ ޤާނޫނުގެ އާމިރީ ޤާޢިދާތަކުގެ (Peremptory Norms / Jus Cogens) ގޮތުގައި ބަލައިގަނެވޭ މުހިއްމު ޤާނޫނީ-ޢުރުފީ އުޞޫލުތަކާއި މަބްދައުތައް ތަދުވީނު ކުރެވިފައި ވެއެވެ. އެއް މިސާލަކީ، އިންސާނުން ކުރެ އަމިއްލަ ޤައުމީ ޝަޚްޞިއްޔަތެއް ލިބިގެންވާ ކޮންމެ ޖަމާޢަތަކަށް ވެސް، އެ ޖަމާޢަތެއްގެ ސިޔާސީ، އިޖްތިމާޢީ، ޘަޤާފީ، އަދި އިޤްތިޞާދީ ޙައިޘިއްޔަތާއި ޙާލަތާއި ކުރިމަގު އެ ޖަމާޢަތެއްގެ މެންބަރުން އަމިއްލައަށް އަދި މުސްތަޤިއްލު ގޮތެއްގައި ކަނޑައެޅުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ޢަދުލުވެރި ގޮތުގައި ލިބިދިނުމުގެ (right to self-determination) އުޞޫލެވެ. ދެވަނަ މިސާލަކީ، ސިޔާދަތު ލިބިގެންވާ މިނިވަން ދައުލަތްތަކުގެ ހަމަހަމަކަމުގެ (sovereign equality of states) އުޞޫލެވެ. ތިންވަނަ މިސާލަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އެއްވެސް ދައުލަތަކުން އެހެން ދައުލަތަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމާއި ޢުދުވާނީ ޢަމަލުތައް ހިންގުން މަނާ ވުމުގެ (prohibition of aggression in violation of international law) އުޞޫލެވެ.
އަލިފުދާލު ޖަމްޢިއްޔާ އުފެދުމުގެ ޚިޔާލަށް ޢަމަލީ ސިފަ ގެނައުމުގެ ފުރަތަމަ ފިޔަވަޅަކީ، ދެވަނަ ބޮޑު ހަނގުރާމައިގެ ހުޅުގަނޑު އެންމެ ގަދަޔަށް ވަރު އަރަމުން އަނދަމުން ދިޔަ ދުވަސްވަރު، 12 ޖޫން 1941 ގައި ލަންޑަނުގެ ސެއިންޓް ޖޭމްސް ގަނޑުވަރުގައި ސޮއި ކުރެވުނު ޤަރާރެއް ކަމުގައި ބެލެވެއެވެ. އެ ޤަރާރުގައި ސޮއި ކުރީ އިނގިރޭސި ވިލާތާއި، ކެނެޑާ އާއި، އޮސްޓްރޭލިޔާ އާއި، ނިއު ޒިލޭންޑާއި، ދެކުނު އެފްރިކާގެ އިއްތިޙާދާއި، ބެލްޖިޔަމާއި، ޗެކޮސްލޮވޭކިޔާ އާއި، ގްރީސާއި، ލަގްޒެމްބާރގާއި، ދަ ނެދަރލެންޑްސް އާއި، ނޯރވޭ އާއި، ޕޯލަންޑާއި، ޔޫގޮސްލާވިޔާ އާއި، ފަރަންސޭސި ވިލާތުގެ އިސް ލީޑަރުން މަންދޫބުންނެވެ. އެ ޤަރާރުގައި، ދުނިޔޭގައި ދާއިމީ އަދި ދެމެހެއްޓެނިވި ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަން ޤާއިމު ކުރެވޭނޭ ހަމައެކަނި މަގަކީ، ދުނިޔޭގެ މިނިވަން ޤައުމުތައް އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން އެއްބާރުލައިގެން އެކަމަށް ޓަކައި މަސައްކަތް ކުރުން އަދި ޢުދުވާނީ ޢަމަލުތަކާއި ސިޔާސަތުތަކާ ދުރުހެލި ވުން ކަމާއި، ދުނިޔޭގެ ކޮންމެ ޤައުމަކަށް އަދި ކޮންމެ ޤައުމީ ޖަމާޢަތަކަށް ވެސް އިޤްތިޞާދީ އަދި އިޖުތިމާޢީ ރައްކައުތެރިކަމުގެ ފޮނިކަން ލިބިދީ ކަށަވަރު ކޮށްދިނުންކަން ޤަބޫލު ކޮށް، މި މަޤްޞަދުތައް ޙާޞިލު ކުރުމަށް ޓަކައި ޞުލްޙަ އާއި ހަނގުރާމައިގެ ޙާލަތުތަކުގައި ވެސް މަސައްކަތް ކުރުމަށް ތަޚްޞީޞް ވިއެވެ.
ދެން އައި މުހިއްމު މޭލުގަލަކީ 1941 ވަނަ އަހަރުގެ "ދި އެޓްލާންޓިކް ޗާޓަރ" އެވެ. މައިގަނޑު އަށް ނުކުތާ ހިމެނޭ މި ޗާޓަރުގައި 14 އޯގަސްޓް 1941 ގައި ސޮއި ކުރެއްވީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ވިންސްޓަން ޗާރޗިލާއި، އެމެރިކާގެ ރައީސް ފްރޭންކްލިން ޑީ. ރޫޒްވެލްޓެވެ. މި ޗާޓަރުގެ އަށްވަނަ ޕެރެގުރާފުގައި، ދުނިޔޭގެ ޞުލްޙައާ ގުޅޭ ދާއިމީ އަދި ފުޅާ ނިޒާމެއް ޤާއިމު ކުރުމުގެ މައްޗަށް އިޝާރާތް ކޮށްފައި ވެއެވެ.
1 ޖަނަވަރީ 1942 ގައި، ދެވަނަ ބޮޑު ހަނގުރާމައިގައި އެކްސިސް ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދިޔަ 26 ޤައުމެއްގެ ލީޑަރުން އިތުރު ބައިނަލްއަޤްވާމީ ޤަރާރެއްގައި ސޮއި ކުރިއެވެ. "ޑެކްލަރޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް" ގެ ނަން ދެވިފައި ވާ މި ޤަރާރަކީ "ޔުނައިޓެޑް ނޭޝަންސް" މި ނަން ރަސްމީ ސިފައެއްގައި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރޭގައި އެންމެ ފުރަތަމަ ބޭނުން ކުރި ވަޘީޤާއެވެ. މި ނަމުގެ ޚިޔާލު ހުށައެޅުއްވީ އެމެރިކާގެ ރައީސް ފްރޭންކްލިން ޑީ. ރޫޒްވެލްޓެވެ. ޤަރާރުގައި އެންމެ ފުރަތަމަ ސޮއި ކުރި 26 ޤައުމަކީ، އެމެރިކާ، އިނގިރޭސި ވިލާތް، ރަޝިޔާ، ޗައިނާ، އޮސްޓްރޭލިޔާ، ބެލްޖިޔަމް، ކެނެޑާ، ކޮސްޓަ ރީކާ، ކިޔުބާ، ޗެކޮސްލޮވޭކިޔާ، ޑޮމިނިކަން ރިޕަބްލިކް، އެލް ސެލްވަޑޯރ، ގްރީސް، ގުއަޓެމާލާ، ހައިޓީ، ހޮންޑިޔުރަސް، އިންޑިޔާ، ލަގްޒެމްބާރގް، ދަ ނެދަރލޭންޑްސް، ނިއު ޒިލޭންޑް، ނިކަރާގުއާ، ނޯރވޭ، ޕެނަމާ، ޕޯލަންޑް، ދެކުނު އެފްރިކާގެ އިއްތިޙާދު، އަދި ޔޫގޮސްލާވިޔާއެވެ. ފަހުން އޭގައި އިތުރު 21 ޤައުމަކުން ސޮއި ކުރިއެވެ. އެ ޤައުމުތަކަކީ މެކްސިކޯ، ފިލިޕީންސް، އިތިއޯޕިއާ، ޢިރާޤް، ބްރެޒިލް، ބޮލީވިއާ، އީރާން، ކޮލޮމްބިއާ، ލައިބީރިއާ، ފްރާންސް، އިކުއެޑޯރ، ޕެރޫ، ޗިލީ، ޕެރަގުއޭ، ވެނެޒުއެލާ، ތުރުކީ، މިޞްރު، ސުޢޫދީ ޢަރަބިއްޔާ، ސީރިޔާ، އަދި ލުބްނާނެވެ.
އަލިފުދާލު އުފެއްދުމާ ބެހޭ މައިގަނޑު މަޝްވަރާތައް ދެން ކުރެވުނީ 1943 ވަނަ އަހަރުގެ އޮކްޓޯބަރު 18 އިން ނޮވެންބަރު 1 އަށް މޮސްކޯގައި އޮތް އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިޔާ އާއި ޗައިނާގެ ކޮންފަރެންސެއްގައްޔާއި، ހަމަ އެ އަހަރު އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިޔާގެ ލީޑަރުން އީރާނުގެ ވެރިރަށް ތެހެރާނުގައި ބޭއްވެވި ބައްދަލުވުމެއްގައްޔާއި، 1944 ވަނަ އަހަރުގެ އޯގަސްޓް 21 އާއި އޮކްޓޯބަރު 7 އާ ދެމެދު އެމެރިކާގެ ވެރިރަށް ވޮޝިންގޓަނުގައި އެ ޤައުމާއި އިނގިރޭސި ވިލާތާއި ރަޝިޔާ އާއި ޗައިނާގެ ލީޑަރުންގެ މެދުގައި ބޭއްވުނު ޑަމްބާރޓަން އޯކްސް ކޮންފަރެންސުގައްޔާއި، 1945 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 4 އިން 11 އަށް ރަޝިޔާގެ ޔޯލްޓާގައި އެމެރިކާ އާއި ރަޝިޔާ އާއި އިނގިރޭސި ވިލާތުގެ ލީޑަރުން ބައްދަލު ކުރެއްވި ޔޯލްޓާ ކޮންފަރެންސުގައެވެ. މި ކޮންފަރެންސްތައް ނިމިގެން ދިޔަ އިރު، ދުނިޔޭގެ ހުރިހައި ސަރަޙައްދެއްގެ ހުރިހައި ޤައުމުތަކެއް ބައިވެރި ވާ، ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް އުފެއްދުމާ ބެހޭ ޚިޔާލު އޮތީ ޢަމަލީ މަސައްކަތްތައް ފަށައިގަނެވޭ ވަރަށް ތަރައްޤީ ކުރެވިފައެވެ. "ޔުނައިޓެޑް ނޭޝަންސް" ގެ ނަމުގައި ބައިނަލްއަޤްވާމީ ބޮޑު ޖަމްޢިއްޔާއަކާއި ވަރުގަދަ ނިޒާމެއް އުފެއްދުމުގެ ޚިޔާލަށް ޢަމަލީ ސިފަ ގެނައުމާ ބެހޭ ފިކުރީ އަދި އުޞޫލީ ބިންގާ ވަނީ އެޅިފައެވެ.
މި ބުނެވުނު ބިންގަލުގެ މައްޗަށް، އަލިފުދާލު ޖަމްޢިއްޔާގެ ޗާޓަރު ލިޔެ ތަޞްނީފު ކުރުމުގެ މަސައްކަތް ފެށުނީ ދެވަނަ ބޮޑު ހަނގުރާމަ ނިމުމާ ދިމާ ކޮށް، 25 އޭޕްރިލް 1945 ގައެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޝަހަރެއް ކަމުގައިވާ ސޭން ފްރޭންސިސްކޯގައެވެ. "ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން އިންޓަރނޭޝަނަލް އޯރގަނައިޒޭޝަން" މި ނަމުގައި ބޭއްވުނު ކޮންފަރެންސެއްގައެވެ. އެ ކޮންފަރެންސުގައި 51 ޤައުމު ބައިވެރި ވިއެވެ. އެއިރު ދުނިޔޭގައި މިނިވަން އަދި މުސްތަޤިއްލު ދައުލަތްތަކުގެ ގޮތުގައި ހުރި ގިނަ ދައުލަތްތައް އޭގެ ތެރޭގައި ހިމެނެއެވެ. ޗާޓަރު ތަސްނީފު ކުޅައުމުގެ މަސައްކަތް ނިމި، އެންމެ ފުރަތަމަ އޭގައި ސޮއި ކުރި 50 ޤައުމު ސޮއި ކުރީ 26 ޖޫން 1945 ގައެވެ. ޗާޓަރަށް ޤާނޫނީ ބާރު ލިބި ތަންފީޛު ކުރެވޭން ފެށި ތާރީޚަކީ 24 އޮކްޓޯބަރު 1945 އެވެ. އެއީ އެ ޗާޓަރުގެ ދަށުން ޤާއިމު ކުރެވުނު އަލިފުދާލު ޖަމްޢިއްޔާ ބައިނަލްއަޤްވާމީ ޤާނޫނުގެ ތެރެއިން އުފެދުނު ނިޒާމެއްގެ ގޮތުގައި ހިނގާން ފެށި ތާރީޚެވެ. އެ ތާރީޚަށް ފަހު، އަލިފުދާލުގެ ޗާޓަރު ތިން ފަހަރެއްގެ މަތީން އިޞްލާޙު ކުރެވިފައި ވެއެވެ. ފުރަތަމަ ފަހަރު، 1963 ގައެވެ. ދެވަނަ ފަހަރު 1965 ގައެވެ. ތިންވަނަ ފަހަރު 1973 ގައެވެ. ޗާޓަރު އިޞްލާޙު ކޮށް، އަލިފުދާލުގެ ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ވާހަކަ އެކިއެކި މަންސަތަކުގައި، އެކިއެކި ގޮތްގޮތަށް އަބަދުމެ ދެކެވެމުން ދިޔުމާ އެކުގައިމެ، އިތުރު އިޞްލާޙެއް ގެނެވިފައެއް ނުވެއެވެ. އަދި ޗާޓަރުގެ މައިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެވިފައެއް ނުވެއެވެ.
އަލިފުދާލުގެ ޗާޓަރު އެކުލެވިގެން ވަނީ ދީބާޖާ (preamble) އަކާއި 19 ބާބުގެ މައްޗަށެވެ.
ދީބާޖާގައި ހިމެނެނީ، މިފަދަ މުސްތަނަދުތަކާއި ވަޘީޤާތަކުގައި ދީބާޖާ ލިޔުމުގެ ޢާއްމު އުޞޫލާ އެއްގޮތަށް، އަލިފުދާލު ޖަމްޢިއްޔާ އާއި އެ ޖަމްޢިއްޔާގެ ނިޒާމުގެ ތެރެއިން ނެގެހެއްޓޭ އެންމެ މައިގަނޑު މަބްދައުތަކާއި، ޙާޞިލު ކުރުމަށް ކަނޑައެޅޭ މައިގަނޑު މަޤްޞަދުތަކާއި ލަނޑުދަނޑިތައް، އަދި އެ ކަންކަމަށް ހުރިހައި މެންބަރު ޤައުމުތަކެއް ތަޚްޞީޞް ވާކަމުގެ އިޤްރާރެވެ. އެކަންކަމާ ބެހޭ އިބްތިދާއީ ބަޔާނެވެ. އެކަންކަމާ ގުޅޭ ގޮތުން ޗާޓަރުގައި ހިމެނޭ ތަފްޞީލީ މާއްދާތަކުގެ މުޤައްދިމާއެވެ. އެގޮތުން، އަލިފުދާލު ޖަމްޢިއްޔާގެ މައިގަނޑު އަސާސްތަކެއްގެ ގޮތުގައި ކަނޑައެޅިފައި ވަނީ ދުނިޔޭގެ މީސްތަކުން ހަނގުރާމަ އާއި ޢުދުވާނީ ޢަމަލުތަކުގެ ބިރުވެރިކަމާއި ފަނާ މުޞީބާތުން ރައްކައުތެރި ކުރުމާއި، އިންސާނާގެ އަސާސީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ނެގެހެއްޓުމާއި، ކުދި އަދި ބޮޑެތި ޤައުމުތައް ހަމަހަމަ ވުމާއި، މީސްތަކުން ހަމަހަމަ ވުމާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ބައިނަލްއަޤްވާމީ ޤާނޫނުގެ އެންމެހައި ހަމަތަކާއި އުޞޫލުތަކަށް ހުރިހައި އެންމެން ވެސް އިޙްތިރާމު ކޮށް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޢަދާލަތާއި އިންޞާފު ދެމެހެއްޓުމާއި، ޤައުމުތަކުގައި މިނިވަންކަމާއި އިޖުތިމާޢީ ކުރިއެރުމާއި ދިރިއުޅުމުގެ ރަނގަޅު ޙާލަތު ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމުގައި ދީބާޖާގައި ބުނެފައި ވެއެވެ. ދޭދޭ ޤައުމުތަކުގެ މެދުގައި އަވަށްޓެރިކަމާއި އެކުވެރިކަން އާލާ ކޮށް ދެމެހެއްޓުމާއި، ބައިނަލްއަޤްވާމީ ޞުލްޙަ އާއި އަމަންއަމާންކަން އަދި ރައްކައުތެރިކަން ކަށަވަރު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ. ދުނިޔޭގެ މީސްތަކުންގެ ޢާއްމު މަޞްލަޙަތު ރައްކައުތެރި ކުރުމަށް ޓަކައި އުޞޫލުތަކަކާއި ހަރުދަނާ މަންހަޖެއްގެ ދަށުން މެނުވީ ޢަސްކަރީ ބާރުގެ ބޭނުން ނުކުރުމަށް ވާ އިސްތިޤްރާރުގެ ވާހަކަ ބަޔާން ކުރެވިފައި ވެއެވެ. ދުނިޔޭގެ އެންމެތަކުންގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމާއި ތަރައްޤީއަށް، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ނިޒާމު ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރުމަށް ޤައުމުތައް ޢަޒުމު ކަނޑައަޅައި މީޘާޤު ވާވުމުގެ އިސްތިޤްރާރު ވެސް އޭގައި ވެއެވެ.
ދީބާޖާއަށް ފަހު، އަލިފުދާލުގެ ޗާޓަރުގައި ހިމެނޭ ނަވާރަ ބާބުގެ ތެރެއިން ކޮންމެ ބާބަކީ ވެސް ޖަމްޢިއްޔާގެ މަސައްކަތްތަކާއި ނިޒާމާ ގުޅޭ ކޮންމެވެސް މައިގަނޑު ދާއިރާއަކަށް ފޯކަސް ކުރާ ބާބެކެވެ.
އަލިފުދާލުގެ ޗާޓަރުގެ ފުރަތަމަ ބާބުގައި އެކުލެވިފައި ވަނީ އަލިފުދާލު ޖަމްޢިއްޔާގެ އެންމެ އަސާސީ މަޤްޞަދުތަކާއި، ޖަމްޢިއްޔާ ޤަބޫލު ކުރާ އަދި ޖަމްޢިއްޔާގެ ތެރެއިން ނަގަހައްޓާނޭ މައިގަނޑު މަބްދައުތަކާއި އުޞޫލުތަކެވެ. މި ބާބުގައި ދެ މާއްދާ ހިމެނޭ އިރު، އަސާސީ މަޤްޞަދުތައް ލިސްޓު ކޮށްފައި ވަނީ ފުރަތަމަ މާއްދާ (Article 1) ގައެވެ. އެ މަޤްޞަދުތައް ޙާޞިލު ކުރުމަށް ޓަކައި ޖަމްޢިއްޔާގެ މެންބަރު ޤައުމުތައް ތަބަޢަ ވެ ބޯ ލަނބާން އަދި އިޙުތިރާމު ކުރާން ޖެހޭ މައިގަނޑު މަބްދައުތައް ލިސްޓު ކޮށްފައި ވަނީ ދެވަނަ މާއްދާ (Article 2) ގައެވެ. މި ދެ މާއްދާ އަކީ ޗާޓަރުގެ އެންމެ މުހިއްމު، އަދި ޗާޓަރުގެ މާނަތަކާއި މަފްހޫމުތައް ދެނެގަތުމުގައި މިފްތާޙީ މާއްދާތައް ކަމުގައި ވާތީ، މި ދެ މާއްދާގެ ތަރުޖަމާއެއް މިތަނުގައި ލިޔެލާނަމެވެ.
އަލިފުދާލުގެ މަޤްޞަދުތަކަކީ:
1. ބައިނަލްއަޤްވާމީ ޞުލްޙަ އާއި އަމަންއަމާންކަމާއި ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުން، އަދި މި މަޤްޞަދު ޙާޞިލު ކުރުމުގެ ގޮތުން، ޞުލްޙަޔަށް ކުރިމަތިވާ ނުރައްކައުތަކާއި ބިރުތައް ހުއްޓުވުމާއި ނެއްތައިލުމަށް ޓަކައި ޖަމާޢީ ގޮތެއްގައި މަސައްކަތް ކުރުމާއި، ޞުލްޙަ ނަގައިލާ ޢުދުވާނީ ޢަމަލުތަކާއި ޞުލްޙަ ނަގައިލާ އެހެނިހެން ވެސް ޢަމަލުތައް ހުއްޓުވުމަށް ޓަކައި ޖަމާޢީ ގޮތެއްގައި މަސައްކަތް ކުރުމާއި، ޞުލްޙަ ގެއްލުވައިލާ ފަދަ ބައިނަލްއަޤްވާމީ މުނާޒަޢާތަކާއި ޙާލަތުތަކަށް ޞުލްޙަވެރި ވަސީލަތްތަކާއި ގޮތްތައް ބޭނުން ކޮށްގެން އަދި ޢަދުލުއިންޞާފާއި ބައިނަލްއަޤްވާމީ ޤާނޫނުގެ އުޞޫލުތަކާ އެއްގޮތް ވާ ގޮތުގެ މަތީން ޙައްލުތައް ހޯދުމަށް ޓަކައި ޖަމާޢީ ގޮތެއްގައި މަސައްކަތް ކުރުން؛
2. އިންސާނުން ކުރެ އަމިއްލަ ޤައުމީ ޝަޚްޞިއްޔަތެއް ލިބިގެންވާ ކޮންމެ ޖަމާޢަތަކަށް ވެސް އެ ޖަމާޢަތެއްގެ ސިޔާސީ، އިޖްތިމާޢީ، ޘަޤާފީ، އަދި އިޤްތިޞާދީ ޙައިޘިއްޔަތާއި ޙާލަތާއި ކުރިމަގު އެ ޖަމާޢަތެއްގެ މެންބަރުން އަމިއްލައަށް އަދި މުސްތަޤިއްލު ގޮތެއްގައި ކަނޑައެޅުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ޢަދުލުވެރި ގޮތުގައި ކަށަވަރު ވެފައި އޮތުން، އަދި އެފަދަ ކޮންމެ ޖަމާޢަތަކަށް ވެސް އެހެނިހެން އިންސާނީ ޖަމާޢަތްތަކާ އެއްފަދަ އަދި ހަމަހަމަ ޙައްޤުތަކެއް ކަށަވަރު ވެފައި އޮތުމުގެ އުޞޫލަށް އިޙްތިރާމު ކުރުމުގެ ބިންގަލުގެ މަތީގައި، ޤައުމުތަކުގެ މެދުގައި އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ ގުޅުންތައް ތަރައްޤީ ކުރުން، އަދި ދުނިޔޭގެ ޞުލްޙަ ތަސްބީތު ކޮށް ކަށަވަރު ކުރުމަށް ޓަކައި މުނާސަބު ފިޔަވަޅުތައް އެޅުން؛
3. ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރޭގައި އުފެދޭ މައްސަލަތަކުގެ ތެރެއިން އިޤްތިޞާދީ، އިޖުތިމާޢީ، ޘަޤާފީ، ނުވަތަ އިންސާނިއްޔާތީ ޠަބީޢަތުގެ މައްސަލަތައް ޙައްލު ކުރުމަށް ޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން ހޯދުމާއި، ނަސްލީ ނުވަތަ ޖިންސީ ނުވަތަ ބަހަވީ ތަޢައްޞުބުތަކުން ޤައިދު ނުވާނޭ ގޮތުގެ މަތީން އެންމެންތަކުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމަށް އިޙްތިރާމު ކުރުން ކަށަވަރު ކުރުން؛ އަދި
4. މަތީގައި ބުނެވުނު ޢާއްމު ލަނޑުދަނޑިތައް ޙާޞިލު ކުރުމުގެ ގޮތުން ޤައުމުތަކުން ކުރާ ކަންތައްތަކާއި އަޅާ ފިޔަވަޅުތައް އެއް މިސްރާބަކަށް އަދި އެއް ދިމާޔަކަށް ސީދާ ކޮށް، އެ ކަންކަމާއި ފިޔަވަޅުތައް ފުށުއެރުންތަކާއި ޚިލާފުތަކުން މިނިވަން ކޮށް ތަންސީގު ކުރާ މަރުކަޒެއް ކަމުގައި ވުން، މިއެވެ.
ޖަމްޢިއްޔާ އާއި ޖަމްޢިއްޔާގެ މެންބަރުން، 1 ވަނަ މާއްދާގައި ބަޔާން ކުރެވިފައި ވާ މަޤްޞަދުތައް ޙާޞިލު ކުރުމަށް ކުރާ މަސައްކަތްތަކުގައި، ޢަމަލު ކުރާނީ ތިރީގައި ވާ އުޞޫލުތަކާ އެއްގޮތް ވާ ގޮތުގެ މަތީންނެވެ.
1. ޖަމްޢިއްޔާ ބިނާ ކުރެވިގެން ވަނީ، ޖަމްޢިއްޔާގެ މެންބަރު ދައުލަތްތަކުގެ ސިޔާދަތީ ހަމަހަމަކަމުގެ އުޞޫލުގެ މައްޗަށެވެ.
2. ހުރިހައި މެންބަރު ދައުލަތްތައް ވެސް، އެއުރެނަށް މެންބަރުކަމުގެ ސަބަބުން ލިބޭ ޙައްޤުތަކާއި މަންފާތައް ކަށަވަރު ކޮށްދެވޭނޭ މަގުން، މި ޗާޓަރުގެ ދަށުން އެއުރެން އެއުރެންގެ މައްޗަށް ޤާއިމު ކުރާ އިލްތިޒާމުތަކާއި ވާޖިބުތައް ހެޔޮ ނިޔަތުގައި އަދާ ކުރާން ވާނެއެވެ.
3. ހުރިހައި މެންބަރު ދައުލަތްތައް ވެސް އެއުރެންގެ މެދުގައި އުފެދޭ މުނާޒަޢާތަކާއި މައްސަލަތައް ޙައްލު ކުރާން ވާނީ ޞުލްޙަވެރި ވަސީލަތްތަކުގެ ބޭނުން ކޮށްގެން، ބައިނަލްއަޤްވާމީ ޞުލްޙަ އާއި އަމަންއަމާންކަމާއި ސަލާމަތާއި ރައްކައުތެރިކަމާއި ޢަދުލުއިންޞާފަށް ނުރައްކާ ނުވާނޭ ގޮތުގެ މަތީންނެވެ.
4. ހުރިހައި މެންބަރު ދައުލަތްތައް ވެސް، އެއުރެންގެ ބައިނަލްއަޤްވާމީ ގުޅުންތަކުގައި، އެހެން އެއްވެސް ދައުލަތެއްގެ ސަރަޙައްދީ ވަޙްދަތާއި ސަލާމަތަށް ނުވަތަ ސިޔާސީ މިނިވަންކަމާ ދެކޮޅަށް ބިރު ދެއްކުން ނުވަތަ ބާރުގެ ބޭނުން ކުރުމުން ދުރުހެލި ވާން ވާނެއެވެ އަދި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ މަޤްޞަދުތަކާ އަރައިރުން ވާނޭ ގޮތްގޮތަށް ޢަމަލު ކުރުމުން ދުރުހެލި ވާން ވާނެއެވެ.
5. މި ޗާޓަރުގެ ދަށުން އަދި މި ޗާޓަރާ އެއްގޮތަށް އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއިން އަޅާ ކޮންމެ ފިޔަވަޅަކަށް މެންބަރު ދައުލަތްތަކުން ހުރިހައި ގޮތަކުން އެހީތެރި ވާން ވާނެއެވެ. އަދި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއިން އެ ދައުލަތަކާ ދެކޮޅަށް މަނާ ކޮށް ހުއްޓުވުމުގެ ނުވަތަ ތަންފީޛު ކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅާ ދައުލަތަކަށް، މެންބަރު ދައުލަތްތަކުން އެހީތެރި ވެދީގެން ނުވާނެއެވެ.
6. ބައިނަލްއަޤްވާމީ ޞުލްޙަ އާއި އަމަންއަމާންކަމާއި ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި ޟަރޫރަތްތެރި ވާ މިންވަރަކަށް، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ މެންބަރުން ކަމުގައި ނުހިމެނޭ ދައުލަތްތައް ވެސް މި އުޞޫލުތަކާ އެއްގޮތަށް ޢަމަލު ކުރާކަން ކަށަވަރު ކުރާން ވާނެއެވެ.
7. އެ ކަމެއްގެ އަސާސީ ޠަބީޢަތުގައި ދައުލަތްތަކުގެ ދާޚިލީ އިޚްތިޞާޞުގެ ދާއިރާއަށް ވަންނަ ކަމަކާ ގުޅިގެން، އެއްވެސް ދައުލަތެއްގެ މައްޗަށް އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއިން ގޮތް ކިޔައި އެ މައްސަލައިގެ ތެރެޔަށް ތަދައްޚުލު ވެ ފިޔަވަޅުތައް އެޅުމަށް މި ޗާޓަރުގައި ހިމެނޭ އެއްވެސް މާއްދާއެއް އަދި އެއްވެސް ބައެއް ޖަމްޢިއްޔާއަށް ބާރު ނުދެއެވެ. އަދި މި ބުނެވުނު ބާވަތުގެ މައްސަލަތައް މި ޗާޓަރުގެ ދަށުން ޙައްލު ކުރުމަށް ޓަކައި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ހުށައެޅުމަށް ވެސް ޖަމްޢިއްޔާއިން އެދި ނުވަތަ ބާރުއަޅައި ނުވަތަ އަންގައިހަދައިގެން ނުވާނެއެވެ؛ އެހެން ނަމަވެސް، މި އުޞޫލު ހިންގުމުގެ ނަތީޖާއެއްގެ ގޮތުން، މި ޗާޓަރުގެ VII ވަނަ ބާބުގެ ދަށުން އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއިން އަޅާ ތަންފީޛީ ފިޔަވަޅުތައް އެޅުމަށް އެއްވެސް ހުރަހެއް ނޭޅޭނެއެވެ.
މި ދެ މާއްދާއަށް ފަހު ޗާޓަރުގައި ހިމެނޭ ބާބުތަކަށް ބަލައިލާ އިރު، ދެވަނަ ބާބުގައި ގެނެސްފައި ވަނީ އަލިފުދާލުގެ މެންބަރުކަމާ ގުޅޭ ޚާއްޞަ މާއްދާތަކެވެ. ތިންވަނަ ބާބުގައި ވަނީ ޖަމްޢިއްޔާގެ ގުނަންތަކާ ބެހޭ ޚާއްޞަ މާއްދާތަކެވެ. ހަތަރުވަނަ ބާބުގައި ހިމެނެނީ ޖަމްޢިއްޔާގެ ޢާއްމު މަޖިލިހާ (General Assembly) ގުޅޭ ޚާއްޞަ މާއްދާތަކެވެ. ފަސްވަނަ ބާބުގައި ހިމެނެނީ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލިހާ (Security Council) ގުޅޭ ޚާއްޞަ މާއްދާތަކެވެ. ހަވަނަ ބާބުގައި ހިމެނެނީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދާއިރާއަށް ވަންނަ މުނާޒަޢާތައް (conflicts) ޞުލްޙަވެރިކަމާ އެކު ޙައްލު ކުރުމާ ގުޅޭ ޚާއްޞަ މާއްދާތަކެވެ. ހަތްވަނަ ބާބު ޚާއްޞަ ކުރެވިފައި ވަނީ ޞުލްޙައަށް ނުރައްކާ ކުރާ ޒާތުގެ ޢަމަލުތަކާއި، ޞުލްޙަ ނަގައިލުމުގެ ޢަމަލުތަކާއި، ޢުދުވާނީ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅުމާ ގުޅޭ މާއްދާތަކަށެވެ. އަށްވަނަ ބާބަކީ ދުނިޔޭގެ ވަކިވަކި ސަރަޙައްދުތަކުގައި ޤައުމުތައް ގުޅިގެން ސަރަޙައްދީ ޖަމްޢިއްޔާތައް އުފެއްދުމާ ގުޅޭ ޚާއްޞަ މާއްދާތަކުގެ ބާބެވެ. ނުވަވަނަ ބާބަކީ ބައިނަލްއަޤްވާމީ އިޤްތިޞާދީ އަދި އިޖުތިމާޢީ އެއްބާރުލުމާ ބެހޭ ޚާއްޞަ މާއްދާތަކުގެ ބާބެވެ. ދިހަވަނަ ބާބަކީ އަލިފުދާލުގެ ގުނަނެއް ކަމުގައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ މަޖިލިހާ (Economic and Social Council) ބެހޭ ޚާއްޞަ ބާބެވެ. އެގާރަވަނަ ބާބަކީ އަމިއްލަ ޙުކޫމަތު ޤާއިމު ނުކުރާ ޤައުމީ ސަރަޙައްދުތަކާ ގުޅޭ ޚާއްޞަ ޤަރާރުގެ ބާބެވެ. ބާރަވަނަ ބާބަކީ ބައިނަލްއަޤްވާމީ ވަޞާޔަތާ ބެހޭ ބާބެވެ. ތޭރަވަނަ ބާބުގައި ހިމެނެނީ ޖަމްޢިއްޔާގެ ގުނަނެއް ކަމުގައި ވާ ވަޞާޔަތާ ބެހޭ މަޖިލިހާ (Trusteeship Council) ގުޅޭ ޚާއްޞަ މާއްދާތަކެވެ. ސާދަވަނަ ބާބު ޚާއްޞަ ކުރެވިފައި ވަނީ ޢަދުލުއިންޞާފުގެ ބައިނަލްއަޤްވާމީ ކޯޓު (International Court of Justice) އަށެވެ. ފަނަރަވަނަ ބާބުގައި ހިމެނެނީ ޖަމްޢިއްޔާގެ އިދާރީ އޮފީހާ (Secretariat) ގުޅޭ މާއްދާތަކެވެ. ސޯޅަވަނަ ބާބުގައި ހިމެނެނީ ޢާއްމު ބައެއް ކަންކަމާ ބެހޭ މާއްދާތަކެކެވެ. ސަތާރަވަނަ ބާބަކީ އިންތިޤާލީ ސަލާމަތާއި ރައްކައުތެރިކަމާ ގުޅޭ މާއްދާތަކެއް ހިމެނޭ ބާބެކެވެ. އަށާރަވަނަ ބާބުގައި ހިމެނެނީ ޗާޓަރަށް ފަހުން ގެނެވުނު އިޞްލާޙުތައް ހިމެނޭ ބައެއް މާއްދާތަކެވެ. ނަވާރަވަނަ ބާބުގައި ހިމެނެނީ ދައުލަތްތައް އަލިފުދާލުގެ ޗާޓަރުގައި ސޮއި ކުރުމާއި ޗާޓަރު ތަޞްދީޤު ކުރުމާ ގުޅޭ މާއްދާތަކެވެ.
އިސްވެ ބަޔާން ކުރެވުނު ފަދައިން، އަލިފުދާލުގެ ޗާޓަރު އިޞްލާޙު ކޮށް، އަލިފުދާލުގެ ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ވާހަކަ އެކިއެކި މަންސަތަކުގައި، އެކިއެކި ގޮތްގޮތަށް އަބަދުމެ ދެކެވެމުން ދެއެވެ.
އޭގެ ތެރޭގައި އެންމެ ހޫނު އެއް މައުޟޫޢަކީ އަލިފުދާލުގެ ދާއިމީ މެންބަރުކަން ދީފައިވާ ގޮތެވެ. މިހާރު އެ ޙައިޘިއްޔަތު އޮންނަނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، އިނގިރޭސި ވިލާތް، ފަރަންސޭސި ވިލާތް، ރަޝިޔާ، އަދި ޗައިނާއެވެ. މިއިން ކޮންމެ ޤައުމަކަށް، އަލިފުދާލުގެ ސަލާމަތީ މަޖިލިހުން ކަމެއް ފާސް ވިޔަނުދީ ވީޓޯ ކުރުމުގެ ބާރު އޮވެއެވެ. އެ ބާރަކީ، ދުނިޔޭގެ ޞުލްޙަ އާއި ހަމަޖެހުމާއި ސަލާމަތަށް، އަދި ދުނިޔޭގެ ޤައުމުތަކުގެ ކުރިއެރުމަށް ކިތަންމެ މުހިއްމު ކަމެއް ވެސް، ވިޔަނުދީ ހުއްޓުވުމަށް މި ފަސް ޤައުމަށް ދީފައި އޮންނަ ވަރަށް ނުކިއްސަރު ބާރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ދުނިޔޭގެ ހުރިހައި ދައުލަތްތަކަކީ ޤާނޫނީ ޙައިޘިއްޔަތާއި ސިޔާދަތީ ޙައްޤުތަކުގައި ހަމަހަމަ ދައުލަތްތަކެއް ކަމުގެ އަސާސީ އުޞޫލު ޤަބޫލު ކުރާ ޖަމްޢިއްޔާއެއްގައި، ބާރުގަދަ އަދި ބޮޑު ފަސް ޤައުމަކަށް، އެހެން ޤައުމުތަކަށް ނޯންނަ މިފަދަ ބާރެއް ދިނުމަކީ ހަމަޖެހޭ ކަމެއް ނޫންކަން ކަށަވަރެވެ. ނަމަވެސް ޙާލަތު ހުރި ގޮތުން، ދުނިޔޭގެ ޖިއޯޕޮލިޓިކަލް ޙަޤީޤަތްތަކާއި ޙާލަތަށް ވަރަށް ބޮޑު ބަދަލެއް އައިސްގެން މެނުވީ، މި ނިޒާމު އިޞްލާޙު ވެގެން ދާނެ ކަމަކަށް ވެސް ނުބެލެވެއެވެ.
އިތުރު މިސާލަކަށް އަލި އަޅުވައިލަންޏާ، އަލިފުދާލަކީ ހުޅަނގުގެ ލިބަރަލިޒަމާއި ފެމިނިޒަމާއި ހިޔުމަނިޒަމާއި، ދެންވެސް ހުޅަނގުގެ އަޚްލާޤީ ފިކުރުގެ ޤަބޫލުކުރުންތަކާއި ވިސްނުންތައް މުޅި ދުނިޔެއަށް ފަތުރައި، ދެކުނު ބަވަނައިގެ (Global South) ޤައުމުތައް އެ ފިކުރުތަކަށް ދީލައިލުމަށް މަޖުބޫރު ކުރާން މަސައްކަތް ކުރާ ޖަމްޢިއްޔާއެއްކަމުގެ ތުހުމަތަކީ ވެސް ކުރެވޭ ވަރަށް ބޮޑު ތުހުމަތެކެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، މެންބަރު ދައުލަތްތަކުގެ ތެރެއިން ބާރުދެރަ އަދި ކުދި ޤައުމުތަކުގެ ސިޔާދަތާއި އިސްތިޤްލާލަށް އަރައިގަނެ، އެ ޤައުމުތަކުގައި މި ބުނެވުނު ޒާތުގެ ފިކުރުތަކާއި ވިސްނުންތައް ފެތުރުމަށް ޓަކައި އިސްތިޢުމާރީ ސިފައެއްގައި މަސައްކަތް ކުރެވޭތަން ވެސް ފެނިފައި ވެއެވެ. މިއީ ޚުދު ދިވެހިރާއްޖޭގައި، ޔޫއެންޑީޕީ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތެއް ކަމަށް ވެސް ޤަބޫލު ކުރެވެއެވެ.
މިފަދަ އެތައް ޝަކުވާތަކަކަށް އީޖާބީ ގޮތެއްގައި ފިޔަވަޅު އެޅި، އަލިފުދާލުގެ ޗާޓަރަށް އިޞްލާޙީ ބަދަލުތަކެއް ގެނެވުމަކީ ވަރަށް ގިނަ މީހުންގެ އުއްމީދެވެ. އެ ބަދަލުތައް އަލިފުދާލުގެ ނިޒާމަށް އައިސްގެން މެނުވީ، އެ ޖަމްޢިއްޔާގެ މަޤްޞަދުތައް ޙާޞިލު ކުރެވި، އެ ޖަމްޢިއްޔާގެ އަސާސީ އުޞޫލުތައް ދުނިޔޭގައި ތަޠުބީޤު ކުރުމުގެ ޤާބިލުކަން ހުރި ޖަމްޢިއްޔާއަކަށް އެ ޖަމްޢިއްޔާ ނުވާނެއެވެ. އަލިފުދާލުގެ ދާއިމީ މެންބަރުން އަދި ވީޓޯ ބާރު އޮންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ، އިނގިރޭސި ވިލާތް، އަދި ފަރަންސޭސީންގެ ފުރިހަމަ ތާއީދާ އެކު، ޖަމްޢިއްޔާގެ ޗާޓަރުގެ 1 ވަނަ މާއްދާ އަދި 2 ވަނަ މާއްދާގެ ގާތްގަނޑަކަށް ކޮންމެ އަކުރަކާ ޚިލާފަށް، އަދި ޗާޓަރުގެ އެހެން އެތައް މާއްދާއަކާ ޚިލާފަށް، އެތައް ސަތޭކަ ޖަރީމާއެއް ހިންގައިފައި ވާ ޓެރަރިސްޓް އިސްރާއީލުން ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ހިންގަމުންދާ ބިރުވެރި، ނުބައި، އަނިޔާވެރި، ޣައިރުޤާނޫނީ، އަދި ލާއިންސާނީ ޖަރީމާތަކުގެ ކުރިމަތީގައި އަލިފުދާލު ނުކުޅެދިފައިވާ މިންވަރާ މެދު ވިސްނައިލި ކޮންމެ މީހަކަށް އެކަން ޤަބޫލު ކުރެވޭނެއެވެ.
ކޮލަމް މަލަސް
ކޮލަމް މަލަސް
ކޮލަމް މަލަސް