ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް މަޝްހޫރު ނޫސްވެރިޔާ އަދި ބްރޯޑްކޮމްގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝަހީބު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދުއެވެ. އޭނާ އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.
ނޫސްވެރިކަމުގެ ދާއިރާއިން އާންމު ހިދުމަތުގެ ގައުމީ އިނާމު ހާސިލު ކުރައްވާފައިވާ ޝަހީބަކީ ނޫސްވެރިކަމުގެ ދާއިރާއަށް 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ރާއްޖޭގައި ފުލްޓައިމް ނޫސްވެރިންގެ ގޮތުގައި ފުރަތަމަ މަސައްކަތް ފެއްޓެވި މަދު ބޭފުޅުންގެ ތެރޭގައި ޝަހީބު ހިމެނިވަޑައިގަންނަވައެވެ. އޭނާ ނޫސްވެރިއެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ "ހަވީރު" ނޫހުގައެވެ. އެ ނޫހުގެ އިސް މަގާމުތަކެއް ފުރުއްވިއެވެ. ޝަހީބުގެ އުފެއްދުންތެރި ލިޔުންތެރިކަމުގެ ފަންނު އެންމެ ބޮޑަށް ފެނިގެންދިޔައީ، 2000 ވަނަ އަހަރު، ޝަހީބުގެ އެޑިޓަރުކަމުގެ ދަށުން ނެރުއްވަން ފެއްޓެވި "ހުވާސް" މަޖައްލާގެ "ހަވާސް" ކޮލަމުންނެވެ.
ސަން މީޑިއާގެ ޗީފް އެޑިޓަރު ކަމާއި ސީއޯއޯ ކަމުގެ މަގާމު ވެސް ޝަހީބު ވަނީ ގިނަ އަހަރުތަކެއް ވާންދެން ފުރުއްވައިފައެވެ.
ފަހުން، 2020 ވަނަ އަހަރު ޝަހީބު ވަނީ "އަދިވެސް" ނަމުގައި އޮންލައިން ނޫހަކާއި މަޖައްލާއެއް ހިންގަވަން ފައްޓަވައިފައެވެ. އަދި އޭނާ ގެންދަވަނީ ޝަހީބު މީޑިއާގެ ނަމުގައި "މީޑިއާ ހައުސް"އެއްވެސް ހިންގަވަމުންނެވެ.
ޝަހީބު މީޑިއާއަކީ ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދީ ކުރިއަރުވައިދޭނެ ޒިންމާދާރު ނޫސްވެރީން ތަމްރީނުކުރުމާއި، ޒުވާނުންނަށް މީޑިއާގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި މީޑިއާ މެނޭޖުކުރުމާއި މީޑިއާ މާކެޓިން އަދި ޕްރޮމޯޝަނާ ގުޅޭ އެކިއެކި މަސައްކަތް ކުރުމުގެ މަގުސަދުގައި 2010 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާ ހައުސްއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު