ޕާކިސްތާނު ސިފައިން ތިބޭ ބޭސްއަކަށް ހަމަލާދީ 23 ސިފައިން މަރާލައިފިއެވެ.

އަފްގާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހުންނަ ޕާކިސްތާނު އާމީން ތިބޭ ބޭސް އަކަށް ދިން ހަމަލާގެ ޒިންމާ ޕަކިސްތާނަށް ނިސްބަތްވާ ތާލިބާނުންގެ ގުރޫޕަކުން

ވަނީ ނަގާފައެވެ.

އެ ހަމަލާ ދީފައިވަނީ އެބޭސް އަށް ގޮވާއެއްޗެހި ބަރުކޮށްފައި ހުރި ޓްރަކެއް ވައްދައި ޖާނުން ފިދާވެގެން ހަމަލާ ދީގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމަލާ ދިނުމާއެކު އެ ބޭސްގައި ހުރި އިމާރާތެއް ބިމާ ހަމަވި ކަމަށް އޮފިޝަލުން ބުނެއެވެ.

ހަމަލާގެ ކުރިންވެސް އެގުރޫޕުގެ ހަނގުރާމަވެރިން ވަނީ އެބޭސް އަށް ވަނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ރައްދުގައި ދިން ހަމަލާތަކުން އެކަން ވަނީ ފެއިލް ވެފައެވެ.

އޮފިޝަލުން ވަނީ ހަމަލާގައި އެބޭސްގައި ހުރި ގޮވާ ހަތިޔާރުތައްވެސް ގޮވާފައިވާކަމަށާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުން އިތުރުވެގެން ދިޔަކަމަށް ބުނެފައެވެ.

ހަމަލާގައި 23 ސިފައިން މަރުވެފައިވަނީ ހަމަލާ ދިން ވަގުތު ގިނަ މީހުން ނިދާފައި ތިބުމުގެ ސަބަބުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ. ޕާކިސްތާނުގެ އާމީން ވަނީ ހަމަލާ ދިނުމަށް މަގުފައިވި ގޮތް ހޯދުމަށް ތަހުގީގު ފަށާފައެވެ.