ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރުން ވަކިވަކިން ތިބެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެންނަން ހުށަހެޅި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވިއެވެ.
މަޖިލިސް ޖަލްސާގައި މެންބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މީގެ ކުރިން ވަނީ ފާސްކޮށްފައެވެ. އެއީ 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވައިގެންނެވެ. ނަމަވެސް އޭރު މަޖިލީހުގައި ކޮންމެހެން ނިންމަންޖެހޭ ބިލުތަކެއް ހުރުމުން އެކަމަށް ބަހުސް ކުރުމަށް މަޖިލިސް ތަޅުމަށް އެ މައްސަލަ ގެނެސްފައެއް ނުވެއެވެ.
އެ ބަދަލު ގެނައުމަށް އާންމު ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގައި ދެގޮތަކަށް ބަދަލު ގެނައުމަށް މެންބަރުން ވާހަކަދެއްކެވިއެވެ. އޭގެ ތެރެއިން އެއްްގޮތަކީ ޕާޓީތައް ވަކިން ޖަލްސާގައި ތިބެންޖެހޭ ގޮތަށް ބަދަލު ގެނައުމެވެ. އަނެއް ގޮތަކީ ހާ ށަވިޔަނީގެ ތަރުތީބުން އއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ގެންނަ ތަރުތީބުން ގޮނޑިތައް އަތުރައިގެން ބަދަލު ގެނައުމެވެ.
އެ ދެގޮތަށް މެންބަރުން ބަހުސްކުރެއްވުމަށްފަހު، މެންބަރުން ފާސްކުރެއްވީ ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަކިން ތިއްބަވާ ގޮތަށެވެ. ހަމަ އެގޮތަށް އަމިއްލަ މެންބަރުންވެސް ވަކިން ތިއްބަވާ ގޮތަށެވެ.
ނަމަވެސް އެ ޕާޓީއަކަށް ކަނޑައަޅާފައިވާ ގޮނޑިތަކުގައި މެންބަރުން ތިއްބަވާ ތަރުތީބު ކަނޑައަޅާނީ އެ ޕާޓީއެއްގެ ޕާލަމެންޓަރީ ގްރޫޕަކުން ކަމަށްވެސް ކޮމިޓީން ނިންމިއެވެ.
އެ މައްސަލަ މަޖިލިސް ތަޅުމަށް ގެނަސް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން މަޖިލިސް ޖަލްސާގައި މެންބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެނައުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އެގޮތަށް ނުފެންނަ ކަމަށް 42 މެންބަރުން ވޯޓު ދެއްވިއެވެ. އެހެންކަމުން އެގޮތަށް ފާހެއް ނުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު