ދަރަނި ދެއްކުމަށް ފަހަށް ރައްކާ ކުރާ ފައިސާ ޖަމާކުރާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް މި އަހަރު ޖަމާކުރި އަދަދު، މި އަހަރަށް ކަނޑައެޅި އަދަދަށްވުރެ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި އެސްޑީއެފް ފަންޑަށް ޖަމާކުރަން ކަނޑައަޅާފައި ވަނީ 871.4 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސޮވަރިން ފަންޑަށް 920.2 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.
މިއީ މި އަހަރަށް ކަނޑައެޅި އަދަދަށްވުރެ 48.8 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު އެއީ 150 މިލިއަން ރުފިޔާ ނުވަތަ 19 ޕަސެންޓް އިތުރު އަދަދެކެވެ.
ދަރަނި ނުދެއްކި ގައުމެއް ސޮވަރިން ޑިފޯލްޓަކަށް ދިއުމުގެ ފުރުސަތު ކުޑަކުރުމަށް، 1.1 ބިލިއަން ރުފިޔާއާއެކު ސޮވަރިން ޑިވަލޮޕްމަންޓް ފަންޑެއް އުފެއްދީ 2017 ވަނަ އަހަރުއެވެ. އެ ފަންޑަށް ޖަމާކުރަނީ އެއާޕޯޓް ޑިވަލޮޕްމަންޓު ފީގެ ގޮތުގައި ލިބޭ ފައިސާއެވެ.
އެސްޑީއެފްގައި މިހާރު ހުރި ސީދާ އަދަދެއް ނޭނގެއެވެ. އެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ވަކިން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު