މިއަހަރު އެފްރިކާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު، ނަޕޯލީގެ ނައިޖީރިއާ ފޯވަޑް ވިކްޓޯ އޮސީމެން ހޯދައިފިއެވެ.

ރޭ މޮރޮކޯގެ މަރަކެޝްގައި ބޭއްވި އެފްރިކާގެ ފުޓުބޯޅަ އެވޯޑު ހަފްލާގައި އޮސީމެން އެވޯޑު ހާސިލްކުރީ މުހައްމަދު ސަލާހާއި މޮރޮކޯގެ އަޝްރަފް ހަކީމީއާ ވާދަކޮށްގެންނެވެ. އޮސީމެން ވެފައި ވަނީ 199 ވަނަ އަހަރަށްފަހު އެވޯޑު ހޯދި ނައިޖީރިއާގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެ އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދީ ނައިޖީރިއާ އެންވަންކްވޯ ކާނޫއެވެ.

ރޭގެ ހަފުލާފައި އެފްރިކާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ނައިޖީރިއާގެ ކުޅުންތެރިއެކެވެ. އެއީ ބާސެލޯނާއަށް ކުޅެމުން އަންނަ އާސިއަތު އޮޝޯލާއެވެ.

އުމުރުން 24 އަހަރުގެ އޮސީމެން ކެރިއަރުގައި ފުރަތަމަ ފަހަރަށް އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމި ހޯދީ، 2022-23 ގެ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. ކްލަބު ފުޓުބޯޅައިގައި ކުޅުނު 32 މެޗުގައި 26 ގޯލު ޖަހާފައިވާ އިރު، އޭގެ ތެރޭގައި މުހިއްމު ގޯލުތައް ހިމެނެއެވެ. އެގޮތުން 33 އަހަރަށްފަހު ނަޕޯލީއަށް ލީގު ޔަގީންކޮށްދޭން ޖެހި ގޯލުވެސް ފާހަގަކޮށްލެވެއެވެ.

ގައުމީ ޓީމުގައިވެސް އޮސީމެން މުހިއްމު ކުޅުމެއް ދައްކާފައިވާ އިރު، އޭނާއަކީ ބެލޮންޑިއޯގެ ގަދަ 10 ގައި ނިންމާލި ހަމައެކަނި ނައިޖީރިއާ ކުޅުންތެރިޔާވެސް މެއެވެ. އޮސީމެންއަކީ މިއަހަރު ބެލޮންޑިއޯ ރޭންކިންގެ 8 ވަނައެވެ.

ރޭގެ އިވެންޓް ފުރިހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، އެފްރިކާގެ އެންމެ މޮޅު ފިރިހެން ކޯޗަކީ މޮރޮކޯއާއެކު ވޯލްޑް ކަޕް ސެމީއަށް ދިޔަ ވަލީދު ރަކްރާކީއެވެ. އެންމެ މޮޅު އަންހެން ކޯޗަކީ ދެކުނު އެފްރިކާގެ ކޯޗު ޑެސެރީ އެލީސްއެވެ. އެންމެ މޮޅު ގޯލްކީޕަރުންނަށް ޔާސީން ބޯނޫއާއި ޗިއާމަކާ ނަޑޯޒީ ހޮވުނު އިރު، އެންމެ މޮޅު ކްލަބުތަކަކީ އަލް އަހްލީއާއި މަމެލޯޑީ ސަންޑައުންސްއެވެ.