ފަލަސްތީނުގެ މައްސަލައާ މެދު ގޮތެއް ނިންމުމުގައި އދ. ގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައި އޮތް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނައިބު ރައީސް މިއަދު ވަނީ ސްވިޒަލެންޑުގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަލަސްތީނުގެ ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް މިނިސްޓަރު ރިޔާދް އަލް މާލްކީގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސާއި ފަލަސްތީނުގެ މިނިސްޓަރު ވަނީ ގާޒާގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން އެކި ފަހަރުމަތިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން މިނިވަންކަން ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރުމުގައި ދެމިތިބޭނެކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކޮށް، އެ ގައުމުގެ އިސްތިގުލާލުގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ހައްގު މަސައްކަތަށް އެއްބާރުލުން ދިނުމުގައި ރާއްޖެއިން ދެގޮތެއްނުވެ މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ ފަލަސްތީނުގެ މައްސަލައާ މެދު ގޮތެއް ނިންމުމުގައި އދ. ގެ ސަލާމަތީ މަޖިލީހުން ނުކުޅެދިފައިވާ ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ރާއްޖެއާއި ފަލަސްތީނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1982 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. ފަލަސްތީނުގެ މުސްތަގިއްލު މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާ އިރު، އިސްރާއީލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ރައްޔިތުން ވެސް ދަނީ އަޑު އުފުލަމުންނެވެ.