މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައިނުވާ ބޭސްތައް ޕޯޓުތަކުން އެތެރެކުރާ ކަމަށް އޭޑީކޭ އިން މިއަދު ތުހުމަތުކޮށްފިއެވެ.
ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އެމްއެފްޑީއޭ އިން ދޫކޮށްފައިވަނީ އެ އިދާރާގައި ރަޖިސްޓްރީކޮށްފައިވާ މާލޭގެ ޕޯޓުތަކަށެވެ. ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އެމްއެފްޑީއޭ އިން ދޫކޮށްފައިވަނީ 17 ގައުމަކަށެވެ.
ރާއްޖެއަށް އެތެރެކޮށްފައިވާ ބައެއް ބޭސްތަކުން ނުރައްކާތެރި މާއްދާތަކެއް ފެނިފައިވާތީ އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފައެވެ. އެހެންވެ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް އާސަންދަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)، އެމްއެމްއެފްޑީއޭ އަދި އޭޑީކޭ ވަނީ ހާޒިރުކޮށްފައެވެ.
ކޮމިޓީ ބައްދަލުވުމުގައި އޭޑީކޭގެ ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރު ފަޒްލާ ހަސަން ވިދާޅުވީ ބައެއް ފަރާތްތަކުން ދަނީ ހުއްދަ ދޫކޮށްފައިނުވާ ބޭސްތައް ޓެސްޓު ކުރުމަކާ ނުލައި ޕޯޓުތަކުން އެތެރެކުރަމުން ކަމަށެވެ. އެގޮތަށް އިމްޕޯޓް ކޮށްފައި ހުންނަ ރަށްރަށުގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުން ބޭސް ސިޓީގައި ލިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި ފުރުސަތުގައި ފާހަގަ ކޮށްލަން މި ވަގުތު ހިނގަމުން އަންނަ ކަމެއް، ޕޯޓުތަކަށް މެޑިސިން، އަން އެޕްރޫވްޑް ޑްރަގްސް އެބަ ކްލިއާވޭ. އަން އެޕްރޫވްޑް ޑްރަގްސްއޭ މި ބުނަނީ މި ބޭފުޅުންގެ އޮވޭ އެޕްރޫވްޑް ޑްރަގް ލިސްޓެއް. އެ ރަށްރަށުގައި ޑޮކްޓަރުން ވެސް އެބަ އެ ބޭސްތައް ލިޔޭ" ފަޒްލާ ވިދާޅުވިއެވެ.
އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް، އައިޝަތު ޖަލީލާ ވިދާޅުވީ ބޭސް އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި އެމްޕީއެލް ކޮމާޝަލް ޕޯޓަށް ކަމަށެވެ. ނަމަވެސް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ވިދާޅުވީ އެއީ ފުރިހަމަ ޖަވާބެއް ނޫން ކަމަށާއި ހދ. ކުޅުދުއްފުށީ ޕޯޓަށް ވެސް ބޭސް އެތެރެކުރާ ކަމަށެވެ. ރޮޒެއިނާ އެކަން ފާހަގަކުރެއްވުމުން ޖަލީލާ ވިދާޅުވީ ކުޅުދުއްފުށި ޕޯޓުގައި، އެމްއެފްޑީއޭގެ މުވައްޒަފަކު ނުހުންނާނެ ކަމަށެވެ.
"ކާބޯތަކެތި އެތެރެ ކުރުމަށް އެމްއެފްޑީއޭގެ ސްޓާފުން، ފުޑް ކޮންޓްރޯލްގެ ސްޓާފުން ތިބޭނެ. އެކަމަކު މެޑިސިން ކްލިއާ ކުރާއިރު އެ ހުއްދަ ދޭން ޖެހޭ އޮފިސަރުން، އަޅުގަނޑުމެންގެ އެއްވެސް ސްޓާފަކު ނުހުންނާނެ މާލޭގެ ދެ ޕޯޓު ނޫން އެހެން ޕޯޓެއްގައެެއް. ހުއްދައެއް ވެސް ދީފައެއް ނޯންނާނެ" ޖަލީލާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު