ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުމާ އެއްގޮތަށް، ގދ. ތިނަދޫގައި މިހާރު އޮތް ރަށު ކައުންސިލަށް ވީ އެންމެ އަވަހަކަށް ސިޓީއެއްގެ ދަރަޖަ ދޭން ދައުލަތުގެ އެންމެހާ ފަރާތްތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.

ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ތިނަދުއަށް ވަޑައިގެންނެވެ.

ނަމަވެސް ސިޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް ތިނަދޫ ކައުންސިލުން ވަނީ އެ މައްސަލަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅައިފައެވެ.

އެ ހުށަހެޅުމުގައި ކައުންސިލުން ބުނެފައިވަނީ، ތިނަދޫއަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާ ގުޅިގެން ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަކަށް ލިބިދޭ އެންމެހާ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ކައުންސިލަށް ލިބެންޖެހޭ ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގައި ސިޓީއަކަށް ލިބިދޭންޖެހޭ އެންމެހާ ހިދުމަތްތައް ދިނުމުގައި އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށާއި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ބުރޫއަރައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ކައުންސިލުން ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ބަހުސް ކުރުމަށްފަހު، ކޮމިޓީން ވަނީ ކަންތައްތަކެއްވެސް ފާހަގަކޮށްފައެވެ.

  • ރަށު ކައުންސިލުގެ ދައުރުގެ މެދުތެރެއިން ލިބުނަސް ކައުންސިލުގެ ހައިސިއްޔަތު ސިޓީއެއްގެ ދަރަޖައަށް ބަދަލުވާނެ
  • ސިޓީއެއްގެ ގޮތުގައި ހިދުމަތް ދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަކީ ދައުލަތުގެ މުއައްސަސާތަކަށް ލާޒިމު ކަމެއް
  • އިތުރު އިންތިހާބަކާ ނުލައި ކައުންސިލުގެ ރައީސްގެ ހައިސިއްޔަތު މޭޔަރު ކަމަށް ބަދަލުވާނެ
  • ރަށު ކައުންސިލު އުވި ސިޓީ ކައުންސިލަށް ލިބޭ ހުރިހާ ބާރުތަކެއް އެ ކައުންސިލަށް ލިބުން
  • ރަށު ކައުންސިލުން ދައުރު ހަމަވަންދެން އެ ސިޓީ ކައުންސިލް ހިންގަން ޖެހުން
  • ސިޓީ ކައުންސިލެއްގެ ގޮތުގައި ކައުންސިލަށް މުހާތަބުކުރުން

އެހެންކަމުން ކޮމިޓީން ފާސްކޮށްފައިވަނީ ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވެފައިވާ ކަމަށް ކަނޑައަޅައި، ސިޓީގެ ދަރަޖަ ލިބުނީ ދައުރުގެ މެދުތެރެއިން ކަމަށް ވިޔަސް ދައުރު ހަމަވަންދެން އެއީ ސިޓީ ކައުންސިލެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގައި ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ކައުންސިލަށް ލިބޭނެ ކަމާއި ތިނަދުއަކީ ސިޓީއެއް ކަމަށް ކަނޑައަޅާފައިވާތީ އެ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ވީ އެންމެ އަވަހަކަށް ދިނުމަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގައި ދަންނަވަން އެ ކޮމިޓީން ވަނީ ނިންމައިފައެވެ.

މި ނިންމުން މަޖިލިސް ތަޅުމަށް ހުށަހަޅައިގެން ފާސްކުރަންވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.