ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ގައުމީ ސަލާމަތަށް އަސަރުކުރާ ކަމަށް ބުނެ، އޭރުގެ އިދިކޮޅު ފަރާތްތަކުގެ ދެއްކި ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެކަމާބެހޭ އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީއެވެ.

އެ ގަރާރުގައި ވަނީ، އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތަކާއި އެ ސަރުކާރުން ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތާއި ސިޔާދަތަށް އަސަރުކޮށްފައިވާ ކަމަށް ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

"ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ސަލަމާތާއި މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް ނުވަތަ އަސަރެއް ކޮށްފައިވާ އެއްވެސް އަމަލެއް ހިންގާފައިވޭތޯ ނުވަތަ އެފަދަ އެއްވެސް ސިޔާސަތެއް ތަންފީޒު ކޮށްފައިވޭތޯ ދެނެގަނެ، އެކަމުގެ ތެދު ހަގީގަތް ދިވެހި ރައްޔިތުންނަށް ހާމަކުރުމަކީ ދިވެހިރާއްޖޭގެ ހަމަޖެހުމަށާއި ދިވެހިރާއްޖޭގެ މަސްލަހަތު ބައިނަލްއަގްވާމީ ދުނިޔޭގައި ހިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް،" މުގުނީގެ ގަރާރުގައިވެއެވެ.

އެގޮތުން އެތައްހާސް އިންޑިއާ ސިފައިން ހަތިޔާރާއެކު ރާއްޖޭގައި ބައިތިއްބައިގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތާއި ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލަ ނިންމާފައި ވަނީ ރާއްޖެއަށް ގެންލުންވާ ގޮތަށް ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށްވެސް އެ ގަރާރުގައިވެއެވެ.

"އެކަން ހިނގާފައި ވަނީ ނިމިދިޔަ ސަރުކާރުން ގަސްތުގައި ނުކޮށް ދޫކޮށްލި ކަންތައްތަކަކާއި ގަސްތުގައި ދިވެހި ގައުމަށް ގެއްލުންވާ ގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއްގެ ސަބަބުންކަމާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ބަލައި، އިސްވެ ދެންނެވުނު ކަންކަމުގެ ތެދު ދޮގު ދެނެގަނެ ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ހުށަހެޅީ،" ކަމަށް އެ ގަރާރުގައިވެއެވެ.

ރައްޔިރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގއި މި ގަރާރު މަޖިލީހަށް ބަލައިގަތީ، އެ ވަގުތު ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ގަރާރު ބަލައި ނުގަތުމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ގަރާރު މަޖިލީހަށް ބަލައި ގަތުމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، (241 ކޮމިޓީ) އަށް ފޮނުއްވާ ކަމަށެވެ.