ޕަބްލިކް ބޭންކް އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ ޗާޕް ކުރަން ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން، އެ މުއްދަތު އިތުރުނުކޮށް، ހަރަދަށް ޒިންމާވާ ގާނޫނު ފުރިހަމައަށް އިޔާދަކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެދިވަޑައިގެންފިއެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް އަމަލުކުރުން ސަސްޕެންޑްކޮށް، އެ މާއްދާތައް އިސްތިސްނާކޮށް މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން ނުވަތަ ދަރަންޏަށް ނެގުމަށް އެއް އަހަރު ދުވަހުގެ ހުއްދައެއް ދޭން ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފާސްކުރީ، 2019 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް އައި ލޮޅުން ހަމައަކަށް އެވުމަށްޓަކައި ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައެވެ. އެ ހުއްދަ ދިނީ 26 އޭޕްރިލް 2020 ގައެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، ސަރުކާރުން ދަރަންޏަށް މަރުކަޒީ ބޭންކުން ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. އެގޮތަށް ނެގޭނީ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށްނުވާ ރޭޓެއްގައި އެޑްވާންސްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ. އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގޭނެ މިންވަރެއްވެސް އެ މާއްދާގައި ބުނެފައިވެއެވެ.
އެ މާއްދާގެ (ރ) ގައި ވަނީ 1 ޖެނުއަރީ 2016 އިން ފެށިގެން ސަރުކާރަށް ދަރަނީގެ ގޮތުގައި ފައިސާ ނަަގަންވާނީ ތަރައްގީގެ މަޝްރޫއުތަކަށާއި އިގުތިސޯދީ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ދަރަނި އަދާކުރުމަށް ދަރަނި ނެގުން އެ މާއްދާއިން ވަނީ މަނާކޮށްފައެވެ.
އެ މާއްދާގެ (ބ) ގައި ބުނަނީ (ރ) ގައިވާ އުސޫލުގެ އިސްތިސްނާ ހާލަތެވެ. އެއީ ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރަން އެމްއެމްއޭއިން ފައިސާ ނަަގަން ދީފައިވާ ހުއްދައެވެ. އެ މާއްދާގައިވާ ގޮތުން އެގޮތަށް ނަގާ ފައިސާ 14 ދުވަހުގެ ތެރޭގައި އެމްއެމްއޭއަށް އަނބުރާ ދައްކަން ޖެހޭނެއެވެ.
ނަމަވެސް އެކަމަށް މަޖިލީހުން ދިން މުއްދަތު ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ. އެންމެ ފަހުން އެކަމަށް އިތުރުކޮށްދިން މުއްދަތު ހަމަވާނީ މި މަހުގެ 31ގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު އިތުރު ނުކުރުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮނުއްވި މި ސިޓީގައި މިނިސްޓަރު ވިދާޅުވެފައި ވަނީ، ރާއްޖޭގެ އިގުތިސާދީ ހިސާބުތަކަށް ބަލާއިރު ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން 2019 އަހަރު ހުރި މިންވަރަށް ރާއްޖޭގެ ރިޔަލް ޖީޑީޕީ މިދިޔަ 2022 ވަނަ އަހަރު ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ. އަދި 2022 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީވެސް 2019 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައިވާތީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މިހާރު ނެތް ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އަންނަ ޖެނުއަރީ މަހުގެ އެެއްވަނަ ދުވަހުން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިސްތިސްނާކުރުން ނިމުމަކަށް ގެނެސްދެއްވައި އެ ގާނޫނު ފުރިހަމައަށް އިޔާދަކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
"އަންނަ 2024 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓްގެ ފައިނޭންސިން ޕްލޭންގައި ރާވާފައިވާ ފަދައިން އިސްތިސްނާގެ މުއްދަތު ހަމަވާއިރު ދައުލަތުުގެ ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ވެފައިވާ މިންވަރު އެއްކޮށް ސެކްރަޓަރައިޒްކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރަށް އިޝޫކުރާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ރާވާފައިވާ ކަމަށް މައުލޫމާތައްޓަކައި ދަންނަވަން،" މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު