ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި އިންޑިއާގެ 25 މަސްވެރިން ސްރީލަންކާއިން ހައްޔަރުކޮށްފިއެވެ.
ލަންކާގެ ނޭވީން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ 25 މަސްވެރިން ހައްޔަރުކޮށްފައިވަނީ ދެ ބޯޓެއްގައި ގަވައިދާ ހިލާފަށް ލަންކާ ކައިރި ސަރަހައްދެއްގައި މަސްވެރިކަން ކުރަނިކޮށެވެ.
ލަންކާގެ ނޭވީން ނެރެފައިވާ ބަޔާނެއްގައި ވަނީ އެގައުމުގެ ކަނޑުގެ ސަރަހައްދާއި އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އެގައުމުގެ މަސްވެރިން ކުރާ މަސްވެރިކަމަށް ހުރަސް އެޅޭ ކަންކަން ހުއްޓުވުމަށް އަބަދުވެސް ޕެޓްރޯލްކޮށް ކަނޑުގެ ސަރަހައްދު ބަަލަމުންދާ ކަމަށް ބުނެފައެވެ.
ނޭވީން ނެރުނު ބަޔާނުގައި ވަނީ ހައްޔަރު ކުރި 25 މަސްވެރިން ނިސްބަތްވަނީ އިންޑިއާގެ ޓަމިލްނާޑޫ އާއި ޕަޑުންޗެރީގެ ކަރައިކަލް ޑިސްޓްރިކްޓަށް ކަމަށް ބުނެފައެވެ.
ހައްޔަރު ކުރި މަސްވެރިން މިހާރު ތިބީ ކަމާބެހޭ އިދާރާއާ ހަވާލުކޮށްފައި ކަމަށާއި އެމީހުންނާ މެދު އަޅާނެ ފިޔަވަޅެއް އެ އިދާރާއިން ނިންމާނެ ކަމަށް ނޭވީން ބުނެފައިވެއެވެ.
މިދިޔަ މަހުވެސް ލަންކާއިން ވަނީ އިންޑިއާގެ 27 މަސްވެރިޔަކު ހައްޔަރުކޮށްފައެވެ. އެމީހުން 15 ދުވަހުގެ ބަންދަކަށްފަހު ވަނީ ޑީޕޯޓުކޮށްލައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ