މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މަސްވެރިކަމުގެ ސިނާއަތުގައި މަސަައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން "މަސްވެރިންގެ ގުންޒަރު"ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.
ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ އެ ފޯރަމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އެ ފޯރަމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމުލަ 40 މަސްވެރިން ބައިވެރިވެއެވެ.
އެ ފޯރަމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، އުންމީދަކީ އުތުރާއި ދެކުނުގެ މަސްވެރިންނަށް ބައިވެރިވެވޭނެ އެފަދަ މަސްވެރިންގެ ގުންޒަރެއް ކޮންމެ އަހަރަކުވެސް ދެ ފަހަރު ބޭއްވިގެން ދިއުން ކަމަށެވެ.
"މި މަސްވެރިންގެ ގުންޒަރުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި ސިނާއަތާ ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ، މި ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރުން،" ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެ ގުންޒަރުގެ ސަބަބުން މަސްވެރިންނާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ބޭފުޅުންނަށް ވަރަށް މުހިންމު މައުލޫއުތަކުން މައުލޫމާތު ދެވި މަޝްވަރާކުރެވޭނެ ކަމަށެވެ.
- ކަޅުބިލަމަހުގެ އެމްއެސްސީ ސެޓިފިކެޓް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައް
- މަސްދޯނިފަހަރުގައި ރެސްކިއު ޑައިވިންއަށް ސެޓިފައިވެފައިވާ ފަޅުވެރިން ތިބުމުގެ މުހިންމުކަން
- ބޮޑުކަންނެލީގެ މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ހިންގަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުން
- ކަނދުފަތި ގާއިމުކުރުމުގައި ބަލަންޖެހޭ ބައެއް ފަންނީ ކަންކަން
- މަސްވެރިޔާ ކާޑުގެ މައުލޫމާތު އަދި ސްކޭމް އާއި ފްރޯޑްއަށް ރައްކާތެރިވުމަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުން
- މަހުގެ އަގު ކަނޑައެޅުމުގައި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ގެންގުޅޭ ހަމަތަކާއި މިންގަނޑުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުން
އެ ގުންޒަރު ނިންމާލުގެ ގޮތުން މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް އެއްފުރާޅެއްގެ ދަށުގައި ތިބެ ހިއްސާކޮށް އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް މަސްވެރިންގެ ހިޔާލު ހޯދުމަށް ވެސް ހަމަޖެހިފައިވާ ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު