ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އަޔަސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެހެން ވިދާޅުވެފައި މިވަނީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓްކުރުން ހުއްޓާލުމަށް އިންޑިއާއިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭ ކަމަށާއި ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ އެކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ ހިނގާ ކަމެއް ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އިސްކަން ދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން އޮފީހާ ރަސްމީކޮށް ހަވާލުވެލެއްވުމަށްފަހުވެސް ބައްލަވަމުން އައީ ރައްޔިތުންގެ ފުޑް ސެކިއުރިޓޯ ގާއިމުކުރުން. އެކަން ކާމިޔާބު ކުރާނީ ދެމެހެއްޓެނިވި ވަށާ ޖެހޭ ހައްލަކާއެކު،" ސައީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އިންޑިއާއިން އަންނަ އަހަރުގެ މާޗްގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ނުކުރަން ނިންމާފައިވަނީ އަންނަ އަހަރު ބާއްވާ ލޯކް ސަބާ (މަޖިލިސް) އިންތިހާބާ ދިމާކޮށް އިންފްލޭޝަން ކޮންޓްރޯލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. ހުކުރު ދުވަހުން ފެށިގެން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލަން ނިންމަވައި، އެ ގައުމުގެ ފޮރިން ޓްރޭޑްގެ ޑިރެކްޓާ ޖެނެރަލް ނެރުއްވި ބަޔާނެއްގައި ވަނީ، މިހާރު އެކްސްޕޯޓު ކުރަން ލޯޑު ކޮށްފައިވާ ކޮންސައިންމަންޓްތަކާއި ޝިޕިން ބިލް ފައިލްކޮށް، ލޯޑު ކުރުމަށް ބަނދަރުކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ރޮޓޭޝަން ނަމްބަރު ދޫކޮށްފައިވާ އުޅަނދުތަކަށް އެކްސްޕޯޓު ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ. އަދި އެ އިއުލާން ކުރުމުގެ ކުރިން އެކްސްޕޯޓު ކުރުމަށް ކަސްޓަމްސްއަށް ގެންގޮސްފައިވާ ފިޔާ އެކްސްޕޯޓު ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން، ގައުމުތަކުން އެދިއްޖެ ހާލަތެއްގައި ސަރުކާރުން ހުއްދަދޭ ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރާނެ ކަމަށް އިންޑިއާގެ ފޮރިން ޓްރޭޑުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުންޏެވެ.