އަންނަ މަހު ރިލީސްކުރާ ފިލްމު "ފައިޓާ"ގެ ޓީޒާ ރިލީސްކޮށްފިއެވެ.

ސިދްއާތް އާނަންދް ޑައިރެކްޓްކުރާ މި ފިލްމަކީ ރިތިކް ރޯޝަން އާއި ދީޕިކާ ޕަޑުކޯން އަދި އަނިލް ކަޕޫރު ލީޑުން ފެނިގެންދާ ފިލްމެކެވެ. މިއީ ރިތިކް އަދި ސިދްއާތް އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން ރިލީސްކޮށްފައިވާ ދެ ފިލްމު ކަމަށްވާ "ބޭންގް ބޭންގް" އަދި "ވޯ" ވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

ފައިޓާ ވެގެންދާނީ އިންޑިއާގެ ފުރަތަމަ އެރިއަލް އެކްޝަން ފިލްމަށެވެ. ޓީޒާއިންވެސް ފެނިގެންދަނީ ފިލްމުގެ ތަރިން އުޑުގައި ޖެޓްތަކުގައި އެކި އެކްޝަންތައް ހަދާ މަންޒަރެވެ.

https://www.youtube.com/watch?v=973Ct2AC3EA

ފިލްމުގެ ތަރިންގެ 'ފަސްޓް ލުކް' އާއި ނަންތައްވެސް ވަނީ ވަރަށް ފަހުން އާންމުކޮށްފައެވެ. އެގޮތުން ރިތިކް ފެނިގެންދާނީ ސްކޮޑްރޮން ލީޑަރުގެ ގޮތުގައި 'ޝަމްޝޭރު ޕަތާނިޔާ' ގެ ނަމުގައެވެ. އޭނާއަށް ވަނަމަކަށް ފިލްމުގައި ކިޔަނީ ޕެޓީއެވެ. އަނިލް ކަޕޫރަކީ ގްރޫޕް ލީޑަރު ކެޕްޓަން 'ރަކޭޝް ޖައި ސިންގް' އެވެ. އާންމު ނަމުން ރޮކީއެވެ. ދީޕިކާ އަކީ ސްކޮޑްރޮން ލީޑަރު 'ނިމާލް ރާތޯރު' މިމީއެވެ. އެމީހުން ކުޅެނީ އިންޑިއާގެ އެއާ ފޯސްގެ އެއާ ޑްރެގަންސް ޔުނިޓުގެ އޮފިސަރުންގެ ރޯލެވެ.

ފައިޓާގެ ޝޫޓިން ކުރިއަށް ގޮސްފައިވަނީ އިންޑިއާގެ އަސާމް ގައެވެ. ބޭނުންކޮށްފައިވަނީ އިންޑިއާގެ ޑިފެންސްއިން ބޭނުންކުރާ އެއާ ކްރާފްޓުތަކެވެ. ފިލްމުގައި އިންޑިއާގެ އަސްކަރިއްޔާގެ މީހުންވެސް ފެނިގެންދާނެ ކަމަށްވެއެވެ. ފިލްމު ރިލީސްކުރަން ހަމަޖައްސާފައިވަނީ ޖެނުއަރީ 25ގައެވެ. އެއީ އިންޑިއާގެ ޖުމްހޫރީ ދުވަހެވެ.