ޗައިނާގެ ލޮނުމެދަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އެމެރިކާގެ ސެނެޓަރެއް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސެނެޓަރު ރިކް ސްކޮޓް ވިދާޅުވީ ޗައިނާއިން އެތެރެކުރާ ލޮނުމެދުގެ ސަބަބުން ކުރިމަތިވާނެ ކަންކަން ބެލުމަށް އެމެރިކާގެ ސަރުކާރުން ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ.

ޗައިނާ ވެފައިވަނީ ދުނިޔޭގައި އެންމެ ގިނައިން ލޮނުމެދު އެކްސްޕޯޓުކުރާ ގައުމުތަކުގެ ތެރޭ ހިމެނޭ ގައުމަކަށެވެ. އަދި އެ ގައުމުން އެކްސްޕޯޓުކުރާ ލޮނުމެދުގެ ބޮޑު ނިސްބަތެއް އެމެރިކާއިން އެތެރެކުރެއެވެ.

އެމެރިކާއިން ވަނި ޗައިނާއިން ނުއަގުގައި ލޮނުމެދު ވިއްކާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި 1990 ވަނަ އަހަރު އެ ގައުމުން ވަނީ ޗައިނާއިން އެތެރެކުރާ މުދަލަށް ޓެރިފް ރޭޓެއް ކަނޑައަޅައި، އެމެރިކާގައި އުފައްދާ ބާވަތްތައް ރަނގަޅު އަގެއްގައި ވިއްކުމަށް ގަވާއިދެއް ހަދައިފައެވެ.

މީގެ ކުރިން 2019 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެގައުމަށް އެތެރެކުރާ ޗައިނާގެ މުދަލުގެ ޓެރިފް ބޮޑުތަނުން އިތުރުކޮށްފައެވެ.

ސެނެޓަރު ރިކް ސްކޮޓް ވަނީ އެމެރިކާގެ އާންމުން ބޭނުންކުރާ ލޮނުމެދަކީ ރަނގަޅު ފެންވަރެއްގެ ލޮނުމެދަށް ހެދުމަށް ޗައިނާއިން އެތެރެކުރާ ލޮނުމެދުގެ ފެންވަރާ މެދު ސުވާލު އުފައްދައިފައެވެ.

ސެނެޓަރު ރިކް ސްކޮޓް ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސް އިން ތަހުގީގު ހިންގުމަށްފަހު ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައެވެ.