ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތަށް ބަޖެޓުގައި 10 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިރޭ ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ އެޓާނީ ޖެނަރަލް އޮފީހުގެ ބަޖެޓަށް އިތުރުކުރަން ސަރުކާރުން ފޮނުވާފައިވާ ބައިތަކުގެ ތެރޭގައި ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ގާނޫނީ މަސައްކަތް ކުރުމަށް 10 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ.

ބަޖެޓު ދިރާސާ ކޮމިޓީން ވަނީ އެ 10 މިލިއަން ރުފިޔާ ހިމަނައިގެން ބަޖެޓު ފާސްކޮށްފައެވެ. ބަޖެޓު ކޮމިޓީން ދަނީ ސަރުކާރުގެ މުއައްސާސަތަކަށާއި އޮފީސްތަކަށް އިތުރުކުރަން ފޮނުވާފައިވާ ބަޖެޓު ވެސް ދިރާސާކުރަމުންނެވެ.

އިޓްލޮސްގެ ހުކުމް އިސްތިއުނާފުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިޓްލޮސްއިން މައްސަލަ ނިންމީ މިއަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.

މޮރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.

ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިފައިވާކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދަކީ މި ސަރުކާރުން ވިއްކާލި ބައެއް ކަމަށް އެ ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ.