މިދިޔަ ސަރުކާރުން ފެށި، މާލޭގެ މައި ވިޔަފާރި ބަނދަރު ގުޅިފަޅުގައި ގާއިމުކުރުމުގެ ބޮޑު މަޝްރޫއަކީ މި ވަގުތު އިގުތިސާދަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތް އެންމެ މުހިންމު އެއް މަޝްރޫއެވެ. ސަބަބަކީ އެތައް އަހަރުތަކެއް ކުރިން ހަދާފައިވާ މާލޭ ވިޔަފާރި ބަނދަރު ކުޑަވެ، މުދާ ކްލިއާ ކުރުން ލަސްވުމެވެ. އެކަމުގެ ސަބަބުން މުދަލުގެ އަގު ބޮޑުވާން މެދުވެރިވުމެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 300 މިލިއަން ޑޮލަރު (5 ބިލިއަން ރުފިޔާ)ގެ ލޯނަކުން ހަދާ އެ ބަނދަރުގެ މަސައްކަތްތަކެއް މިދިޔަ ސަރުކާރުގެ ކުރީކޮޅު ފެށިއެވެ. އެގޮތުން 19 ސެޕްޓެމްބަރު 2019 ގައި ގުޅިފަޅު ބަނދަރުގެ މާސްޓާޕްލޭން ހަދަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކުރި އިރު، ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކަން ބޮސްކާލިސްއާ ހަވާލުކޮށް، 2020 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ތަން ހިއްކަން ފެށިއެވެ.
ހިއްކަން ކަނޑައެޅި ސަރަހައްދުގެ ބޮޑު ބައެއް ހިއްކައި ނިމިފައިވީ ނަމަވެސް އެ މަޝްރޫއު މިހާރު އޮތީ ހުއްޓި، ލަސްވެފައެވެ. ހުޅުވޭނެ ދުވަހެއް ލަފާކުރަންވެސް ނޭނގެއެވެ.
"ގުޅިފަޅުން ބިމެއް ހިއްކާފަ އެބަ އޮތް ކަމަށް ހަބަރު ލިބޭ. އަދި އަޅުގަނޑު ނުދަން އެ ތަނަކަށް. ނަމަވެސް ޕޯޓް ތަރައްގީ ކުރުމާ ގުޅޭގޮތުން އެއްވެސް މަސައްކަތެއް ފަށާފައެއް ނެތް،" 'ވަން'އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުގައި ގުޅިފަޅު ބަނދަރާ ގުޅޭގޮތުން ސުވާލު ކުރުމުން އެމްޕީއެލްގެ އާ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވިއެވެ.
ނަމަވެސް ވަޖީހު ވިދާޅުވި ގޮތުގައި، އާ ބަނދަރެއް ހަދައި ނިމެންދެންވެސް މާލޭ ވިޔަފާރި ބަނދަރުން އެއްވެސް ދައްޗެއް ނެތި ހިދުމަތް ދެވިދާނެއެވެ.
އެގޮތުން އެމްޕީއެލްގައި މީގެ 10 އަހަރު ކުރިން ކުރެއްވި ތަޖުރިބާ ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ، 2017 އަދި 2018 ހިސާބުގައި ރާއްޖެއަށް ރެކޯޑް މިންވަރަށް މުދާ އެތެރެކުރި އިރު ހިދުމަތް ދިނީ މިހާރަށްވުރެ މަދު މުވައްޒަފުންނާއެކު ކަމަށެވެ. އެހެންކަމުން ވިޔަފާރި ބަނދަރުގެ ބިން ބޮޑު ނުކުރެވުނަސް އެރޭޖްމަންޓަށް ބަދަލު ގެނެސްގެން، އާ ބަނދަރެއް ހަދައި ނިމެންދެން މެނޭޖުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"ދަތިކަމެއް ނެތް އިނގޭތޯ ރަނގަޅަށް މެނޭޖުކުރެވިއްޖެއްޔާ އަޅުގަނޑަށް ޔަގީންކަން އެބައޮތް އަދިވެސް ހިފަހައްޓާލާނަން މި ޕޯޓް ތެރެއިން ރައްޔިތުންނަށް ދަތިނުވެ، ދަތިނުކޮށް ބޭނުންވާ މިންވަރަށް ބޭނުންވާ އަވަސް މިނުގައި ހިދުމަތް ދިނުމަށްޓަކާ. އެއީ އެ މީހުން ބޭނުންވާ މުދާ އެ މީހުން ބޭނުންވާ ވަގުތަކަށް ނެރެދިނުން. މިހާރު އަޅުގަނޑުމެން މަސައްކަތް ފަށައިފިން،" ވަޖީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވިޔަފާރި ބަނދަރުގެ ބިން ބޮޑު ނުކުރެވުނަސް ތަނުގެ ތަރުތީބަށް ބަދަލުތަކެއް ގެނެވިދާނެއެވެ. އެގޮތުން ކޮންޓެއިނަރުތައް އުސްކޮށް ޖެހޭނެ ގޮތެއް ހޯދައި، ދެންވެސް ހުރި ދަތިތައް ހައްލުކުރުމަށްފަހު އާ ބަނދަރެއް ހެދެންދެން މެނޭޖު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު