ވަގުތު ދިގުލައިގެން ދިޔަ ކަމުގައި ވިޔަސް ޝައިހާ ވާހަކައެއް ނުދެއްކިއެވެ. ހިތުގެ އުދާސްތައް ބޭރުކޮށްލަން ނާލާއަށް ވަގުތު ދިނެވެ. އެހިތަށްކޮށްފައިވި ފުން އަސަރުތައް ނާލާގެ ވޭނީ ގިސްލުންތަކުން ޝައިހާއަށް އިހުސާސްކުރެވުނެވެ. ހިތުގައި ރުހައިމްއާއި މެދު ޝަކުވާ ވެސް އުފެދުނެވެ. ރުހައިމްގެ ފަރާތުން އަނިޔާއެއް ލިބިގެން މެނުވީ ނާލާ ހިތުގައި ޖެހި ނުރޯނެކަން ޔަގީންކުރެވޭތީއެވެ. އިތުރު ނުތަނަވަސްކަމެއް ލިބުނީ އެދެމެދުގައި ޖެހުނު މައްސަލައެއް ވެސް ލަފާކޮށްލަން ނޭނގޭތީއެވެ. އެހާލޯބިން އުޅުނު ދެމަފިރިންގެ ދެމެދުގައި ކުއްލިއަކަށް މައްސަލަ ހިލި ވަކިވާން ބޭނުންވާ ހިސާބަށް ދާން ޖެހުމުން އެތައް ހާސް ސުވާލެއް ވެސް އުފެދުނެވެ. އެދެމެދުގައި އޮތް ސާފު ލޯބި ޝައިހާއަށް ވެސް ވަނީ ފެނިފައެވެ. އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅޭވޭހެން ހީވަނީ އެހެންވެއެވެ. އެފަދަ ހާލަތަކަށް ނާލާ ދާން ޖެހުނު ސަބަބެއް ވިސްނާވިސްނާ ވެސް ނޭނގުނެވެ.
''ނާލާ...'' ނާލާގެ ބުރަކަށީގައި ޝައިހާއަށް ފިރުމާލެވުނެވެ. އޭރު ކޮންމެވެސް ވަރަކަށް ނާލާ ހަމައަކަށް އެޅިއްޖެއެވެ. ރުއިން ވެސް ހުއްޓުމަކަށް އަތުވެއްޖެއެވެ.
ޝައިހާއާއި ދުރަށް ޖެހިލަމުން ކޯތާފަތުގައިވި ކަރުނައިގެ އަސަރުތައް އަތުގެ ނުފުށުން ނާލާއަށް ފޮހެލެވުނެވެ. އަދި އެތެރެއަށް ނޭފަށް ދަމާލެވުނެވެ. ގިނައިރު ރުއިމުގެ ސަބަބުން ނާލާގެ ލޮލުގެ ކައިރި ފަށަލަ ވަނީ ދުޅަވެފައެވެ. ލޮލުގައި ވެސް ވަނީ މަޑު ރަތްކަމެކެވެ. ނޭފަތް ވެސް ވަނީ ރަތްވެފައެވެ. މުޅި މޫނުގެ ދިރުން ގެއްލިފައެވެ.
މިނެޓުތައް ފާއިތުވެގެން ދިޔަ އެވެ. ނާލާއަށް އޭނަގެ ތުންފަތުގައި ދަތް އަޅާލެވުނެވެ. އޭނަ ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައި ޝައިހާ އިންކަން ނާލާއަށް އެނގެއެވެ. ނަމަވެސް ހިތަށް ކަށި ހަރަމުން ދިޔަ ވާހަކަތައް ދުލާ ހަމައަށް ގެނެވޭ ގޮތެއް ނުވިއެވެ. މުޅި މީހާ ވަނީ ހިތްވަރުއެލި ބަލިކަށިވެފައެވެ. ނިކަމެތިވެފައެވެ.
''އައިމް ހިއާރ ފޯރ ޔޫ...'' ނާލާގެ އުނގުތެރޭގައި ޖޯޑުކޮށްލެވިފައިވި އަތްތިލައިގައި ޝައިހާ ހިފައިލިއެވެ. އެއީ ޔަގީންކަން ދިނުމުގެ އިޝާރާތެކެވެ. ޒަހަމްވެފައިވި ހިތް ހުޅުވާލަދޭން ނާލާއަށް ދިން ފުރުސަތެކެވެ. އިހުސާސްތައް ހިއްސާކުރުމުގެ ބަދަލުގައި، ވޭނާއި ކެކުޅުންތައް އެކަނިމާއެކަނި ބަރުދާސްތުކުރާނަމަ ނަފުސާނީ ގޮތުން ނާލާ ބަލިކަށިކޮށްލާނެކަން ޝައިހާއަށް ލަފާކޮށްލެވުނެވެ. އެކަނިވެރިވެފައިވީ ވަގުތު ނާލާގެ ހިތްވަރުކަމުގައި ވާން ވެސް ޝައިހާ ބޭނުންވީ އެހެންވެއެވެ. އާއިލާ މީހުނަށް ހިއްސާކުރުމަށް ވުރެން އެހިތުގައިވި އުދާސްކަން އޭނައާއި ހިއްސާކުރުން ނާލާއަށް ފަސޭހަވާނެތީއެވެ. އެކަމަށް އޮތް ހުރިހާ ދޮރެއް ޝައިހާ ހުޅުވާލަދިނެވެ.
ނާލާއަށް ހަށިފުރާ ނޭވާއެއްދޫކޮށްލެވުނެވެ. އެވަގުތު އެދެލޮލަށް އަނެއްކާ ވެސް ކަރުނަ ޖަމާވެއްޖެއެވެ. އަވަސްއަވަހަށް ނާލާއަށް ލޯ ފޮހެލެވުނެވެ. އަދި މީހާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ.
''ރުހައިމް، ވަޓް ޑިޑް ޔޫ ޑޫ؟...'' ޝައިހާއަށް އޭނަގެ ހިތާ ސުވާލުކޮށްލެވުނެވެ. ކަންތައް ވަނީ އޭނަ ލަފާކުރިވަރަށްވުރެން ގޯސްވެފައިކަން ޝައިހާއަށް އަންދާޒާ ކުރެވުނެވެ. ހިތަށް ވެސް އުނދަގޫތަކެއް ވިއެވެ. ނާލާއަށް ކޮށްފައިވާ ފުން އަސަރުތައް ފެނިފައެވެ. އެފަދަ ނާޒުކު ހާލަތެއްގައި ނާލާ ވަނިކޮށް އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ނާލާގެ މޫނުމަތިން އެއްވެސް އަސަރެއް ޝައިހާއަކަށް ނުފެނުނެވެ. މުޅިން ފެންނަނީ ހިމޭންކަމެވެ. އެހިމޭންކަމުން ހެކިދެނީ އެހިތަށް ލިބިފައިވި ކެކުޅުންތަކުގެ ވޭނީ ސިލްސިލާއެވެ.
''އަހަރެން މި ހުރީ އަޑުއަހަން، ނާލާ ހިއްސާކުރާ ކޮންމެ ވާހަކައެއް އަޑުއަހާނަން، ޖަޖެއް ނުކުރާނަން، އިތުރު މީހަކާ ހިއްސާއެއް ވެސް ނުކުރާނަން... ޕްލީޒް ނާލާ...'' ޝައިހާގެ އަޑުގައިވަނީ އާދޭހެވެ. އެކުވެރިޔާއަށް މަދަދުވެރިކަމުގެ އަތެއް ފޯރުކޮށްދޭން އޭނަ ނުހަނު ބޭނުން ވިއެވެ.
''ޝާ...'' ނާލާއަށް ބުނެވުނެވެ. ހިތްވަރުކޮށްލަމުން އޭނަ އިސްއުފުލައި ޝައިހާގެ މޫނަށް ނަޒަރެއް ދިނެވެ. ދެން ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ސުކޫތެކެވެ. ތިރީތުންފަތުގައި ބާރަށް ނާލާއަށް ދަތްއަޅާލެވުނެވެ.
މަޑުމަޑުން ނާލާގެ އަތަށް ޝައިހާ ފިތާލިއެވެ. އަދި ބޯޖަހާލިއެވެ. ވާހަކަ ކުރިއަށް ގެންދިއުމަށް ނާލާއަށް އިޝާރާތް ދިނެވެ.
''ރުހައިމް އަހަރެން ހީކުރި ކަހަލަ މީހަކަށް ނުވި...'' ނާލާގެ އަޑުގައިވަނީ ހިތްދަތިކަމެވެ. ''އަހަރެން ހީކުރި ކަހަލަ މީހަކަށް ނުވި...''
ނާލާގެ ޖުމްލައިން ޝައިހާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ނަމަވެސް އޭނަ ހިޔާރުކުރީ ހިމޭންކަމެވެ. އޭނަ ސުވާލުކުރަން ހަދައިފިނަމަ ނާލާ ވާހަކަތައް މެދުކަނޑާލަފާނެތީއެވެ.
''މިއަދު އަހަންނަށް ހުރިހާކަމެއް އެނގުނީ... ވިކަމެއް ހިނގީ ލަންޑަންގަ...'' ނާލާއަށް އިތުރަށް ކުރިއަކަށް ނުގެންދެވުނެވެ. އަރުބެދޭގޮތް ވާތީއެވެ.
އެނދުގެއަރިމަތީ ކަބަޑުމަތީ ހުރި ފެންޖަގުން ތަށްޓަކަށް ޝައިހާ ފެން އަޅާލިއެވެ. އަދި ނާލާއަށް ދިއްކޮށްލިއެވެ.
ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފެންތަށީގައި ނާލާ ހިފިއެވެ. ހިކިފައިވި އަރުތެރެއަށް ފިނިކަމެއް ލިބުނީ ދެނެވެ. ފެންތަށިން ތެދިން ކޯވަރު ބޯލަމުން ޝައިހާގެ އަތަށް ނާލާ ފެންތަށި ދިނެވެ.
''ލަންޑަންގަ ހުރިހާކަމެއް ހިނގީ... އަހަންނަށް...... އަހަންނަށް ގަބޫލެއް ވެސް ނުކުރެވުނު...'' ނާލާގެ ދެލޯ ފުރެން ފެށިއެވެ. ކަންފަތުގެ ތޫރީގައި ގުގުމަން ފެށީ ފިޒާޔާގެ ޖުމްލަތަކެވެ. އެޖުމްލަތަކުގެ ވިހަކަން ހިތުގެ ހިމަނާރާ ހަމައަށް އަނެއްކާ ވެސް ވާސިލުވާން ފެށިއެވެ.
''މިއަދު އަހަރެން ޑިއުޓީގައި ހުއްޓާ މެސެޖެއް ލިބުނީ......'' އުނދަގޫކަމަކަށް ވިޔަސް ނާލާ ހުރިހާ ވާހަކައެއް ޝައިހާއާ ހިއްސާކުރިއެވެ. އެކަމަށް ވަގުތު ވެސް ނެގިއެވެ. ވާހަކައިގެ މެދުތެރޭން ނާލާއަށް ހުއްޓާލަން ޖެހެއެވެ. ހިތަށް ލިބޭ ތަކުލީފެއްގެ ސަބަބުންނެވެ. ހުރިހާ ކަމެއް ޝައިހާއާއި ނާލާ ހިއްސާކުރީ އެހިތުގެ އުދާސްކަމަށް ކުޑަނަމަވެސް ލުޔެއް ލިބިދާނެކަމުގެ އުއްމީދުގައެވެ.
ޝައިހާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ހާމަވަމުން ދިޔަ ވާހަކަތައް ގަބޫލުކުރަން ދަތިކަމަކަށް އޭނައަށް ވެއްޖެއެވެ. އެސްފިޔަ ޖަހާލުމެއް ނެތި ނާލާގެ މޫނަށް ބަލަން އިނދެވުނެވެ. ސިހުމުގެ އަސަރުތައް ޝައިހާގެ ދެލޮލުގައި ވިއެވެ. ނާލާގެ ވާހަކަތަކުން ހިތުގައިވި ސުވާލުތަކަށް ޖަވާބު ލިބުމަށް ވުރެން އިތުރު ސުވާލުތަކެއް އުފެދެން ފެށިއެވެ. ރުހައިމް އެފަދަ އަމަލެއްކޮށްފާނެބާވައޭ ހިތާ ސުވާލު ކުރެވުނު އަދަދެއް އޭނައަށް ނޭނގެއެވެ. ނާލާ ދެކެ އިންތިހާއަށް ރުހައިމް ލޯބިވާއިރު އެފަދަ ދަށު ދަރަޖައަކަށް ވެއްޓިގަންނާނެކަން ގަބޫލުކުރުންވީ ދަތި ކަމަކަށެވެ. ހަމައެއާއެކު ހަގީގަތް ނާލާއަށް ހާމަވެގެން ދިޔަ ގޮތާއި މެދު ވެސް ސުވާލު އުފެދުނެވެ.
''ޔަޝްފީ؟... އެއީ އަހަރުމެންނާ ކުރީ ދުވަހު ހޮސްޕިޓަލުން ބައްދަލުވި ކުއްޖާތަ؟... ނާލާ ބުނީމެއްނު ރުހައިމްއާ އެއް އޮފީހެއްގެ މަސައްކަތްކުރާ ކުއްޖެކޭ...'' ޝައިހާއަށް ސުވާލުކޮށްލެވުނެވެ. އޭނަ ހުރީ ޔަގީންކުރަން ބޭނުން ވެފައެވެ.
ނާލާ ލަސްލަހުން ބޯޖަހާލިއެވެ.
''ނާލާއަށް އެވާހަކަތައް ކިޔައިދިނީ އޭނަގެ ރައްޓެއްސެއްތަ؟...'' އިތުރު ސުވާލެއް ޝައިހާއަށް ކޮށްލެވުނެވެ. މައްސަލަތައް ހިލިގެން ގޮސްފައި އޮތް ގޮތާ މެދު އޭނައަށް ފެންނަނީ ޝައްކުވާ ކަންތަކެވެ. ނާލާ ހުރި ހާލަތުން އެކަންތައް ނާލާއަށް ފާހަގަ ނުކުރެވޭކަން ވެސް ޝައިހާއަށް ގަބޫލުކުރެވުނެވެ.
ޔަޝްފީއާއި ބައްދަލުވި ފުރަތަމަ ދުވަހުވެސް ޝައިހާއަށް ޔަޝްފީ ދެނެގަންނަން އުނދަގޫ ވިއެވެ. އެއަށްފަހު ކުއްލިޔަކަށް ހާމަވެގެން ދިޔަ ހާދިސާއިން ވަކިންބޮޑަށް ޔަޝްފީގެ ނިޔަތާ މެދު ޝައްކު އުފެދޭ ގޮތް ވިއެވެ.
''ނާލާ... އަހަރެން ތި ވާހަކަތައް ގަބޫލުނުކުރަނީއެކޭ ނޫން، އެކަމަކު ރުހައިމް ނާލާ ދެކެ ލޯބިވާއިރު އެފަދަ ކަމެއްކޮށްފާނެތަ؟... ރުހައިމް އަކީ ލޯޔަލް މީހެއް... އަނެއްކަ ތިބުނާ ޔަޝްފީ... އޭނަގެ ވާހަކަތަކަށް އިތުބާރުކުރެވޭނީ ކިހިނެއްތަ؟... އޭނަ ޕްރެގްއޭ ބުނުމުން އެކަން ޓަސްލާފަ ގަބޫލުކުރެވޭތަ؟...'' ޝައިހާއަށް ބުނެވުނެވެ. އޭނަ އެވާހަކަތައް ހިއްސާކުރީ ޖެހިލުންވެފައެވެ. ނާލާ އޭނަ ދެކެ ހިތްހަމަނުޖެހިދާނެތީއެވެ. ނާލާއަށް އޭނަގެ ވާހަކަތަކުގެ މާނަ ނުބައި ގޮތަކަށް ނެގިދާނެތީއެވެ.
''ރުހައިމް... ރުހައިމް އެއްބަސްވެއްޖެ...'' ނާލާއަށް ގިސްލެވުނެވެ.
ޝައިހާއަށް ލިބުނީ ޝޮކެކެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ.
''ވަޓް؟...'' ޝައިހާގެ އަޑުގައި ވަނީ ސިހުމެވެ.
''ހީ ކޮންފެންސްޑް... ހުރިހާ ކަމަކަށް ރުހައިމް އެއްބަސްވެއްޖެ... ދެން ކިހިނެއް އަހަރެން އެކަމަށް ބީރުކަންފަތެއް ދޭނީ ވެސް..... ރުހައިމްގެ ސަބަބުން ޔަޝްފީގެ ދިރިއުޅުން ވެސް ހަލާކުވެގެން އެދިޔައީ... ޝީ އިޒް ޕްރެގްނެންޓް... ލެބްރިޒަލްޓް ވެސް ފިޒާޔާ އަހަންނަށް ދެއްކި... ޝާ... އަހަންނަށް ވެސް ގަބޫލުކުރަން ދަތިވި، އެތައް ސުވާލެއް އުފެދުނު، އެކަމަކު ފެންނަން ހުރި ހެކިތައް ކިހިނެއްތަ ނުފެންނަ ކަމަށް ހަދާނީ؟... އަހަރެން ހާދަ ބޭނުންވިއޭ އެކަންތައް ދޮގަކަށް ވާން... އެކަމަކު... އެކަމަކު ރުހައިމް ވީ އަހަރެން އުއްމީދުކުރި ފަދަ ފިރިއަކަށް ނޫން...... އަހަރެން ރުހައިމްއަށް ހާދަ އިތުބާރެއް ކުރީމޭ...'' ނާލާއަށް މޫނުގައި އަތްއަޅާލެވުނެވެ.
ޝައިހާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނަގެ ސިކުނޑި ވެސް ހުއްޓުމަކަށް އަންނަހާ ވެއްޖެއެވެ. ހުރިހާ ކަމަކަށް ރުހައިމް އެއްބަސްވުމުން ސުވާލު އުފައްދާނެ އިތުރު ގޮތެއް ވެސް އޭނައަކަށް ނުފެނުނެވެ. ޔަޝްފީގެ ފަރާތުން ފެނުނު ބަދަލުތަކަކީ ނާލާއާއި ކުރިމަތިލާން އުނދަގޫވުމުން ފެނުނު ބަދަލުތަކެއް ބާވައޭ ވެސް ހިތާ ސުވާލުކުރެވުނެވެ. އެފަދަ ސުވާލުތަކެއްގެ ތެރޭގައި ވަނިކޮށް އިވިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑެވެ. ފަސްއެނބުރި ބަލައިލިއިރު ދޮރުކުރިމަތީ ހުރީ ނަދީމާއެވެ. ސިހިފައި ޝައިހާއަށް ކޮޅަށް ތެދުވެވުނެވެ.
ނާލާ ވެސް ދޮރާއިދިމާއަށް ބަލައިލިއެވެ. ސިހުމާއި ބިރުވެރިކަން އެމޫނަށް ވެރިވީ ކުއްލިއަކަށެވެ. މަންމަގެ މޫނުން ފާޅުވަމުން ދިޔަ ކުލަވަރުތަކުން އޭނަ ދެއްކި ހުރިހާ ވާހަކައެއް މަންމައަށް އަޑުއިވިއްޖެކަން ނާލާއަށް ޔަގީންކުރެވުނެވެ. ލިބުނު ހާސްކަމާއި ނުތަނަވަސްކަމުން މުޅި މޫނު ވެސް ހުދުވެއްޖެއެވެ. މިފަދަ ގޮތަކަށް ހުރިހާކަމެއް ހާމަވެގެން ހިނގައިދާނެކަމަކަށް ނާލާއަށް ލަފާވެސް ކޮށެއް ނުލެވުނެވެ. ހާސްވެގެން ގޮސް ނޭވާލާން އުނދަގޫކަމަކަށް ވެއްޖެއެވެ.
ނަދީމާ ހުރީ ކޮޓަރި ދޮރުމަތީގައެވެ. އޭނަ ނާލާގެ ކޮޓަރިއަށް އައީ ނާލާގެ ހާލު ބަލައިލާށެވެ. ޝައިހާއާއި ބައްދަލުވުމުން ހެޔޮ ބަދަލެއް ނާލާއަށް އައިސްދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އޭނައަށް ހާމަވަގެން ދިޔައީ ސިހުން ގެނުވި ވާހަކަތަކެކެވެ. ހުރިހާ ކަމެއް ސިކުނޑިއަށް ނަގައިގަނެވުމުން ރުހައިމް ދެކެ ނަދީމާއައީ އަމަށަކު ރުޅިއެއް ނޫނެވެ. ރުހައިމްގެ ނުލަފާކަމާއި ޖައްބާރުކަން ހާމަވުމުން އެންމެ ހިނދުކޮޅަކަށް ވެސް ރުހައިމްގެ އަންބެއްގެ ގޮތުގައި ނާލާ ހުންނާކަށް ނަދީމާގެ ޒަމީރު އެއްބަހެއް ނުވިއެވެ. ރުޅިން ގޮސް މީހާ ތުރުތުރުއަޅަން ފެށިއެވެ. ނާލާއަށް ލިބިފައިވި ހިތްދަތިކަމުން ނަދީމާގެ ހިތުގައި ކެކިއުތުރިއަރައިގަތީ ނަފުރަތުގެ އަލިފާނެވެ. އެއަލިފާނުގެ ހޫނު ސިކުނޑިއާ ހަމައަށް ވާސިލުވިއެވެ.
''ނާލާ...'' ނަދީމާއަށް ގޮވާލެވުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އެނދުކަރިއަށް ނަދީމާ ގޮސް ހުއްޓުނެވެ.
މަންމައާއި ހަތަރުކަޅިހަމަކުރަން އުނދަގޫވެގެން ގޮސް ނާލާއަށް އިސްއޮބާލެވުނެވެ. މަންމަ ބުނެފާނެ އެއްޗަކާ މެދު އެހިތުގައި އުފެދިފައިވަނީ ނުތަނަވަސްކަމުގެ ތޫފާނެކެވެ.
''ދަރިފުޅު ގެއަށް އައުން އެއީ އެންމެ ރަނގަޅު ނިންމުން، ދަރިފުޅުގެ ގާތުގައި ދަރިފުޅުގެ މަންމައާއި ބައްޕަ އެބަތިބި، އޭނަގެ ގާތުން ދަރިފުޅު ވަރިވުން އެންމެ ރަނގަޅުވާނީ، އެފަދަ ނުލަފާ މީހަކާއެކު ރަނގަޅު ދިރިއުޅުމެއް ނުލިބޭނެ، އޭނަ މިހުރިހާ ދުވަހު ނާލާއަށް އޮޅުވާލި، ދޮގު ހެދީ، މިއަދު އޭނަގެ އަސްލު ސޫރަ އެވަނީ ހާމަވެފައި، އެކަހަލަ މީހެއްގެ ހިޔަނި އެޅުނަސް މިހާ ބަރުބާދުވެދާނެ......'' ނަދީމާ ބުންޏެވެ.
''ޝައިހާ ވެސް މީގެ ފަހުން އެރުހައިމް ދިފާއުކުރަން ވާހަކަނުދައްކާތި!...'' ޝައިހާއަށް ބަލައިލަމުން ނަދީމާ އިންޒާރެއް ދިނެވެ.
ނަދީމާ ހުރީ ޝައިހާދެކެ ހިތްހަމަނުޖެހިފައެވެ. ޝައިހާ ފެންމަތިކުރުވި ސުވާލުތަކުން އޭނައަށް ހީވީ ރުހައިމްގެ ކުށެއްނެތްކަން ނާލާއަށް އަންގައިދޭން ޝައިހާ މަސައްކަތްކުރިހެންނެވެ. ރުޅިވެރިކަން އުފެދުނީ އެހެންވެއެވެ. އެއްވެސް މީހެއްގެ ނުފޫޒުގެ ސަބަބުން ނާލާގެ ނިންމުން ބަދަލުވެގެން ދާކަށް ނަދީމާ ބޭނުމެއް ނުވިއެވެ. އޭނަ ހުރީ އަޒުމެއްގެ މަތީގައެވެ. ރުހައިމްގެ ޖައްބާރު ވަކިތަކުގެ ދަށުން ނާލާ މިނިވަންކޮށްދިނުމަށެވެ. ރުހައިމްގެ ފަރާތުން ދަރިފުޅަށް އިތުރު އަނިޔާއެއް ލިބުމުގެ ކުރީން ދަރިފުޅަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ވެސް ނަދީމާ ނުހަނު ބޭނުން ވިއެވެ.
*****
ރޭގަނޑެވެ. ކާމޭޒު ދޫކޮށް ފާރޫގު ދިއުމުން ތަށިތައް ނަގައި ދޮވެލަމުން ސަކީނާ އަވަސްވެގަތީ ތެލިތައް ހޫނުކުރުމަށެވެ. އޭގެ ކުރިން ރުހައިމްއަށް ދޭން ކާއެއްޗެހި އޭނަ ނެގިއެވެ. ހަވީރުއްސުރެން ރުހައިމް ކޮޓަރިއަކުން ނުނިކުމެއެވެ. ރުޅީގެ މައްޗަށް ބުރަވެ ހުރުމަށްވުރެން ރުހައިމްއާއި ވާހަކަދައްކަން ސަކީނާ ބޭނުންވިއެވެ. އަދިވެސް ރުހައިމްގެ ދެލޮލުން ފެނުނު މޮޅިވެރިކަމާއި ހިތާމަވެރިކަން އޭނައަށް ފެންނަ ކަހަލައެވެ. ކުރެވުނު ކަންތަކާ މެދު ދެރަވެ ލަދުގެންފައިވާ މިންވަރު ވެސް ފެންނަ ކަހަލައެވެ. އެފަދަ ނުބައިކަމަކަށް ރުހައިމް އަރައިގަތުމުން ސަކީނާގެ ހިތުގައި ވަނީ ހުސް ޝަކުވާ ތަކެވެ. އުދާސްކަމެވެ. އެއީ ކަނު ލޯބި ވެވުމުގެ ނަތީޖާ ހެއްޔެވެ؟ ދަރިފުޅުގެ އުނިސިފަތައް ނުފެނުނީ އެހެންވެގެން ހެއްޔެވެ؟
ތެލިތައް ހޫނުކުރެވުމުން އުނދުން ނިއްވާލުމަށްފަހު، ކާމޭޒުމަތީ ހުރި ތަށި ތަބަށް ލައިގެން ސަކީނާ ހިނގައިގަތީ ރުހައިމްގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރި ދޮރު ކުރިމައްޗަށް ހުއްޓިލަމުން ވިސްނާލަން އިރުކޮޅެއް ވަންދެން ސަކީނާ މަޑުކުރިއެވެ. އެއީ އޭނައަށް ކުރެވޭ ރަނގަޅުކަމެއް ބާވައޭ ވެސް ހިތަށް އެރިއެވެ. ފާރޫގު އޭނައަށް މަނާކޮށްފައި ވަނިކޮށްވެސް ރުހައިމްއާއި ބައްދަލުކުރުމުން ނިކުމެދާނެ ނަތީޖާއަކާ މެދު ވިސްނާލަން ޖެހުނެވެ. ނަމަވެސް ކަމުގެ ހަގީގަތް ހޯދަން ސަކީނާ ބޭނުންވިއެވެ. އެކަމަށް ނަފުސު ތައްޔާރު ނުކުރެވުނު ކަމުގައި ވިޔަސް މެއެވެ.
ފުންނޭވާއެއް ދޫކޮށްލަމުން ސަކީނާ ދޮރުގެ ތަޅުގައި ހިފާލިއެވެ. ހައިރާންކަން ލިބުނީ ދޮރު ހުޅުވާފައި ހުރުމުންނެވެ.
ދޮރުހުޅުވާލާފައި އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ސަކީނާއާއި ބައްދަލުކުރީ ހިމޭންކަމާއި އަނދިރިކަމެވެ. ދޮރުގެ ދާރައިގެ ކައިރިން ފާރުގައި ހުރި ސްވިޗްތަކުގައި ސަކީނާއަށް އަތް ހިންގާލެވުނެވެ. އަދި ބޮކިތައް ދިއްލައިލިއެވެ.
ސޯފާގައި ނިދިފައި އޮތް ރުހައިމްއަށް ސިހިފައި ލޯހުޅުވާލެވުނެވެ. އޭނައަށް ދޮރާއި ދިމާއަށް ބަލައިލެވުނީ އުއްމީދަކާއިއެކުގައެވެ. ބޭގަރާރުކަން ވެސް އެމޫނުގައި ވިއެވެ. އިތުރު މޮޅިވެރިކަމެއް ލިބި މޫނު މިލައިގެން ދިޔައީ އޭނަ ހޯދަން ބޭނުންވި ސޫރައިގެ ވެރިޔާއާއި ނަޒަރު ބައްދަލުނުވުމުންނެވެ. ރުހައިމްއަށް އޭނަގެ މަންމަ ފެނި ނުތަނަވަސްކަން ހިތުގައި އުފެދުނެވެ. މަންމައާއި ހަތަރުކަޅި ހަމަކުރާކަށް އޭނައަށް ނުކެރުނެވެ.
ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު ސަކީނާ ކުރިއަށް ހިނގައިގަތެވެ. ރުހައިމްގެ ފަރާތުން އޭނައަށް ފެންނަނީ ހިތާމަވެރިކަމެވެ. އުއްމީދުގެއްލިފައިވާތަނެވެ. ނާލާއާއި ވަކިވުމުގެ ނަތީޖާކަން ވިސްނައިގަނެވުނެވެ. އެފަދަ ހާއްސަ މަގާމެއް ރުހައިމްގެ ހިތުން ނާލާއަށް ދެވިފައިވާއިރުގައި، ރުހައިމްގެ ފަރާތުން ފެނުނު ބަދަލުތައް ގަބޫލުކުރަން ސަކީނާއަށް ދަތިކަމަކަށް ވެއްޖެއެވެ.
ކާއެއްޗެހި ގެންގޮސް ސޯފާކުރިމަތީ ހުރި މޭޒުމަތީގައި ސަކީނާ ބެހެއްޓިއެވެ. އިހުސާސްތައް ވަންހަނާ ކުރަމުން، ހަރުކަށިކަން މޫނުމައްޗަށް ގެންނަމުން ރުހައިމްއާއި ކުރިމަތިލައިފިއެވެ.
''މަންމަ ދައްކަން ވަރަށް ގިނަ ވާހަކަ އެބަހުރި، އެކަމަކު މަންމަ މިވަގުތު ދައްކަން ބޭނުންވަނީ ހަމަ އެންމެ ވާހަކައެއް...'' ސޯފާގައި އިށީނުމުގެ ހިޔާލެއް ސަކީނާގެ ނެތެވެ. ކޮޅަށް ހުރެ އޭނަ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. ''ކީއްވެގެންތަ ރުހައިމް އެފަދަ ހުތުރުކަން ބޮޑު ފާފައަކަށް އަރައިގަތީ؟... މަންމަ ރުހައިމްއަށް ހެވާއި ނުބައި ވިސްނައިދިނީމެއްނު؟... ދަރިފުޅު މަންމަގެ ހިތުގައި ވަރަށް ބޮޑަށް ޖައްސައިފި، އެއަށްވުރެން ބޮޑަށް ނާލާގެ ހިތުގައި ޖައްސައިފި... ދަރިފުޅު ދެކެ ނާލާ ލޯބިވާ މިންވަރެއް ނޭނގޭތަ؟... ހުރިހާ އެއްޗެއް ދޫކޮށްލާފައި ވިޔަސް ރުހައިމްގެ ގާތަށް އަންނަން ތައްޔާރަށް ހުރި ކުއްޖެއް އެއީ، ދެން ކީއްވެ އެފަދަ ބޮޑު ހިތްދަތިކަމެއް ނާލާއަށް ދިނީ؟، ދަރިފުޅާއެކު އާއިލާއެއް ވެސް ފަށަން ނާލާ ހުރީ ތައްޔާރަށް... ދެން ކީއްވެގެތެންތަ ރުހައިމްއަށް ނާލާގެ ލޯބި އިހުސާސް ނުވީ؟، ހަމައެކަނި ނާލާގެ ދިރިއުޅުމެއް ނޫން ތި ހަލާކުކޮށްލީ، ޔަޝްފީގެ ދިރިއުޅުން ވެސް... ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، ކިތަންމެ ބޮޑު ލަދަކާއި ކުރިމަތިލާން ޖެހުނަސް މިހާރު އޭނަ އެހެރީ ރުހައިމްގެ ދަރިއަކަށް ބަލިވެ!... މުޖުތަމައު ތެރޭގައި އެދެމައިން ބިކަވެގެން ދާނެ... ހާދަ ބޮޑު ދެރައެކޭ އެދެވެނީ... ރުހައިމް... މަންމަ ދަރިފުޅަށް ހާދަ އިތުބާރެއް ކުރީމޭ......''
ސަކީނާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔަ އެވެ. ކަރުނުން ފުރެމުން ދިޔަ ދެލޮލުން ފިރިހެން ދަރިފުޅަށް ބަލަން ސަކީނާ ހުއްޓެވެ. އެތައް ހާސްކަ ޝަކުވާތަކާއި ހިތްދަތިކަން އެމޫނުގައި ވިއެވެ.
''މަންމާ... އަހަންނަށް މައާފު ކުރޭ... މަންމަގެ ތަރުބިއްޔަތުގައި އުނިކަމެއް ނުވޭ، އުނިކަން ވަނީ އަހަރެންގެ ނަފުސުގައި...'' ރުހައިމްގެ އަޑުގައި ވަނީ އުދާސްކަމެވެ.
''ސަކީނާ!!!...'' ފާރޫގުގެ ހަޅޭކުގެ އަޑަށް ސަކީނާގެ އިތުރުން ރުހައިމް ވެސް ސިހުނެވެ.
ފަސްއެނބުރި ސަކީނާއަށް ބަލައިލެވުނެވެ. އޭރު ރުޅިއައިސް ރަތްވެފައި ހުރި ފާރޫގު ކޮޓަރިއަށް ވަންނަނީއެވެ.
''މަ ނުބުނަންތަ އޭނައާ ވާހަކަ ނުދައްކާށޭ!، ދެން ކީއްވެ މިތަނަށް ވަނީ؟... އަދިވެސް އޭނަ ދޮންފުތުކުރަންތަ ބޭނުމީ؟، ހުރި ހަމައެކަނި ދަރިއަށް ވިޔަސް ޖާހިލުކަން އިތުރުވީމަ ދަރިއެއްކަމުގައި ވެސް ނުބެލޭނެ... އެކަހަލަ ދަރިއަކު ދުނިޔޭގައި ނެތިއްޔާ ރަނގަޅު ވާނީ، އޭނަ ވެސް ލިބުނުތަނުން މަރުވިނަމަ މި ދުވަސް ދެކެން ނުޖެހުނީސްކަން ޔަގީން!...'' ފާރޫގު ހަޅޭއްލަވައިގަތެވެ.
''ކަލޭ ހީކުރީތަ ކަލޭގެ ނުބައިކަމަށްފަހު ވެސް އަހަރުމެންގެ ލޯބި ލިބޭނެކަމަށް؟، ނުވާނެ އެހެނެއް!...'' ރުހައިމްއާ ދިމާއަށް ފާރޫގު އެއްޗެހި ގޮވަން ފެށިއެވެ. އެހިތަށް ކޮށްފައިވާ ފުންއަސަރުތައް ވަނީ ރުޅިވެރިކަން އިހުތިޔާރުކޮށްފައެވެ. ރުހައިމްދެކެ ވިލޯބި ހިތި ޒަހަރަކަށް ވެފައިވާ ކަހަލައެވެ. އެޖަޒުބާތުތަކާއި ހަނގުރާމަކުރަން ފާރޫގަށް އިސްކުރެވުނީ ރުންކުރުކަމެވެ.
''ސަކީނާ ހަމަ މިހާރު މިތަނުން ނިކުމޭ!، މީގެ ފަހުން މީނަ އާއި ވާހަކަވެސް ދައްކައިގެން ނުވާނެ!... މީނަގެ ނުބައިކަން ނުފެންނަ ކަމަށް ހަދަންޏާ މީނައާއެކު ޖެހޭނީ މިގެއިން ނިކުންނަން...'' ފާރޫގު އިންޒާރެއް ދިނެވެ.
''ބައްޕާ...'' ރުހައިމްއަށް ސޯފާއިން ތެދުވެވުނެވެ.
''ޚަބަރުދާރު!!!... މަށަށް ބައްޕާއޭ ކިޔައި ނުގޮވާތީ... މާދަމާ އަރާ އިރާއެކު ކަލޭ ޖެހޭނެ މިގެއިން ނިކުންނަން... އެހާއިރަށް ސަކީނާ ވެސް ޖެހޭނެ ގޮތެއް ނިންމަން، އޭނައާއެކު ދަންޏާ އަހަރެންގެ އަންބަކަށް ނުވާނެކަން ވެސް ހަނދާންކުރާތި...'' ރުޅިވެރިކަމާއެކު ފާރޫގު ނިކުމެގެން ދިޔަ އެވެ.
ސިހުމުގެ އަސަރާއެކު ސަކީނާއަށް ބަލަން ހުރެވުނެވެ. އެދަރަޖައަށް ފާރޫގުގެ ރުޅިވެރިކަން ދުވަހަކު ގޮސްފާނެކަކަމަށް އޭނަ ހިޔެއް ވެސް ނުކުރެއެވެ.
ރުހައިމް ހުރީ ހާސްވެފައެވެ. އޭނަގެ ސަބަބުން މަންމައާއި ބައްޕަގެ ދެމެދުގައި ހައްލުނުކުރެވޭނެ ފަދަ މައްސަލައެއް ޖެހޭކަށް ބޭނުމެއް ނުވިއެވެ.
''މިގެއިން ނިކުމެގެން ދާނަމަ ދާނީ ހަމައެކަނި އަހަރެން... ބައްޕަގެ ރުޅިވެރިކަން އަހަންނަށް ޖާއިޒު... މަންމައަށް ވެސް ރަނގަޅުވާނީ އަހަރެން ކަހަލަ ނުބައި ދަރިއެއްގެ މޫނު ދެކެން ނުޖެހުނިއްޔާ، މިކަމާއި ކުރިމަތިލާން މަންމައާއި ބައްޕައަކަށް ނުޖެހޭނެ......'' އުދާސްކަމުގެ ނޭވާއެއް ރުހައިމްއަށް ދޫކޮށްލެވުނެވެ. އެއީ ހަޔާތުގައި ވެސް އޭނައަށް ނިންމަން އެންމެ އުނދަގޫވި ނިންމުމެވެ. އާއިލާގެ މަސްލަހަތަށްޓަކައި ކޮންމެހެން ވެސް އަޅަން ޖެހިފައި އޮތް ފިޔަވަޅެކެވެ. އޭނަގެ ސަބަބުން އިތުރު ދިރިއުޅުމެއް ބަރުބާދުވެގެން ދާކަށް ރުހައިމް ބޭނުން ނުވިއެވެ.
ސަކީނާގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. އެހިތުގައި ރިހުމެއް އުފެދުނެވެ. ނޭނގި ހުއްޓާ ދިރިއުޅުމަށް އައި ޒަލްޒަލާއަށް ފަހު، މުޅި ހަޔާތް ފަނާވެގެން ހިންގައްޖެކަމުގެ އިހުސާސް ކުރެވުނެވެ.
*****
ރުހައިމްގެ ހަގީގަތް އެނގުނުފަހުން ނަދީމާއަށް އޭނަގެ ދޫހިމޭންކުރެވޭ ގޮތެއް ނުވިއެވެ. މިހުރިހާ އަހަރެއް ވަންދެން ހިތުގައި ރުހައިމްއާ މެދު ވި ނުރުހުންތެރިކަން ބޭރުކުރަން ނަދީމާއަށް ރަނުގެ ފުރުސަތެއް ލިބިފައިވާ ކަހަލައެވެ. އޭނަ ދެކެމުން އަންނަ ނަޒަރިއްޔާތު އެންމެންގެ މައްޗަށް ބާރުގަދަ ކުރުވަން މަސައްކަތްކުރިއެވެ. ކަމުގެ ހަގީގަތް ހޯދުން ވެސް ނަދީމާއަށް މުހިންމުކަމަކަށް ނުވިއެވެ. ނަދީމާ ބޭނުންވީ ރުހައިމްގެ ގާތުން ނާލާ ވަރިވާށެވެ. އެވާހަކަ ވެސް ނާލާއާއި ދެއްކިއެވެ.
''އޭނަގެ ގާތުން މިނިވަންވެގެން ނޫނީ ނާލާއަށް ދެން ހަމަޖެހުމެއް ނުލިބޭނެ...'' ނިދަން ތައްޔާރުވަމުން ދިޔައިރުގައި ބިލާލްއާ ނަދީމާ ވާހަކަދެއްކިއެވެ.
އެނދުގައި އިން ބިލާލްގެ މޫނުމަތިން ފެންނަނީ ހައިރާންކަމުގެ ކުލަވަރުތަކެވެ. ނަދީމާ ހިއްސާކުރި ވާހަކަތައް ގަބޫލުކުރަން ދަތިކަމަށް ވިއެވެ. ނަމަވެސް ނާލާގެ ހިމޭންކަމުން އެހުރިހާ ކަމަކަށް ހެކިވާތީ، ނިންމުމަކަށް އަންނަން ބިލާލަށް އުނދަގޫ ވިއެވެ.
''ކީއްވެތަ ބިލާލް އެއްޗެއް ނުބުނަނީ؟، އަނެއްކާ ކޯޗެއްތަ ތި ވިސްނަނީ؟...'' އަތުގައި ހާކަމުން ދިޔަ މޮއިސްޗަރައިޒާ ފުޅި ރީތިވާ މޭޒުމަތީ ބަހައްޓަމުން ފަސްއެނބުރި އެނދުގައި އިން ބިލާލްއަށް ނަދީމާ ބަލައިލިއެވެ. ''ކޮންމެ ގޮތެއް ވިޔަސް އެފިރިހެނާގެ ނުފޫޒުގެ ދަށުން ނާލާ މިނިވަންކުރަން ޖެހޭ... އޭނަ އަހަރުމެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލައިފި... ނާލާ އަޅަމުން އެދާ ކަރުނަތަކުގެ ބަދަލު އޭނަގެ ފަރާތުން ހޯދާނަން...''
''ނަދީމާ، ތިވާހަކަދެއްކުން އިރުކޮޅަކަށް ހުއްޓާލަބަލަ، ނާލާއަށް ކިހާ އުނދަގޫވާނެ ތަކުރާރުކޮށް ތިވާހަކަ މިގޭތެރޭގައި ދެކެވެންޏާ، އޭނަ މިގެއަށް އައީ އަހަރުމެންގެ ގާތަށް، އެހުރިހާ ކަމަކާ ދުރަށްދާން، އެއީ އަހަރުމެންނާ ހިއްސާކުރަން އުނދަގޫވި ވާހަކައަކަށް ވީތީ ނާލާ ހިމޭނުން ހުރީ... މިހާރު އެކަންތައް ހާމަވީމަ އަހަރުމެންނާ ކުރިމަތިލާން ވެސް ނާލާ ޖެހިލުންވާނެ...'' ބިލާލްއަށް ވިސްނާލެވުނީ ނާލާއާ މެދުގައެވެ.
''ކީއްވެ ނާލާ ޖެހިލުންވާންވީކީއެއް؟... ރުހައިމް ޖެހޭނީ ލަދުގަންނަން...'' ނަދީމާ ބުންޏެވެ.
''ނިދަން މިއުޅެނީ، ދެން ނަދީމާ ވެސް ނިދަން އުޅޭ...'' ނަދީމާ ގޮތްދޫނުކުރާނެކަން އެނގޭތީ ބިލާލް ބުންޏެވެ. އަދި ނަދީމާއަށް ފުރަގަސްދެމުން އެނދުގައި އޮށޯތެވެ.
*****
ހެނދުނެވެ. ގުގުރުމާއެކު ބޯކޮށް ވެހެމުން ދިޔަ ވާރެއަށް އެއްވެސް ބަދަލެއް ނާދެއެވެ. ރޯޅިތައް ވެސް އާދަޔާހިލާފަށް ބާރެވެ. ކޮޓަރީގެ ބެލްކަނީގައި ނާލާ ހުރީ ވާރޭވެހެމުންދާ މަންޒަރު ބަލާށެވެ. ބޭރުތެރޭގައި އުފެދިފައި އޮތް ތޫފާނަށް ވުރެން ވަރުގަދަ ތޫފާނެއް އޭނަގެ ސިކުނޑީގައި އުފެދިފައި ވިއެވެ. އެތޫފާނުގެ އަސަރު ކުރަމުން ދިޔައީ އޭނަގެ އިހުސާސްތަކަށެވެ. ނާޒުކުވެފައިވި ހިތަށެވެ. ހިނދުކޮޅެއްގެ ތެރޭގައި ނާލާގެ ދެލޯ ކަރުނުން ފުރުނެވެ. އޭނައަށް ތަސްވީރުކުރެވެމުން ދިޔައީ ހެނދުނު ވަގުތު ރުހައިމްއާއެކު ހޭދަކުރެވޭ ލޮބުވެތި މަންޒަރުތަކެވެ. ރުހައިމްގެ ފަރާތުން ލިބުނު ފުރިހަމަ ލޯތްބެވެ. މިއަދު އެލޯބީގެ ފިނިކަން އޭނައަށް އިހުސާސްކުރެވެމުން ދިޔައީ އަނިޔާތަކެއްގެ ސިފައިގައެވެ.
''ދަރިފުޅާ...'' ނާލާ ސިހުނީ މަންމަގެ އަޑަށެވެ. އަވަސްއަވަހަށް ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ބެލްކަނީގެ ރެއިލިންގްގައި ބާރަށް ދެއަތުން ހިފަހައްޓާލިއެވެ. ފަސްއެނބުރި ބަލައިނުލީ މަންމައާއި ކުރިމަތިލުމުގެ ހިތްވަރެއް ނެތުމުންނެވެ.
''ސައިބޯން ދަރިފުޅު ހޯދަން މަންމަ މިއައީ...'' ނާލާގެ ގާތަށް ހުއްޓިލަމުން ނަދީމާ ބުންޏެވެ. ނާލާގެ ބުރަކަށީގައި ވެސް ފިރުމާލިއެވެ.
''ސައިބޯން ބޭނުމެއް ނޫން...'' ނާލާގެ އަޑު ވަނީ ކުރެހިފައެވެ.
''ރޭގަވެސް ގެނައި ކާއެއްޗެހި ހުރީ ހުރިގޮތަށް... ތިހެން އުޅެނިކޮށް ދަރިފުޅު ބަލިވެދާނެއޭ... ދަރިފުޅާ...'' ނަދީމާގެ އަޑުގައިވަނީ ކަންބޮޑުވުމެވެ. ނާލާގެ ސިއްހަތާ މެދު ފިކުރުބޮޑުވާންފެށިއެވެ.
''ނާލާ...'' ނާލާގެ ކޮނޑުގައި ހިފާ އޭނައާއި ދިމާއަށް އަނބުރާލަމުން ނަދީމާ ގޮވާލިއެވެ. ''މަންމައާއި ކުރިމަތިލާން ޖެހިލުންވާ ފަދަ ކަމެއް ދަރިފުޅު ނުކުރޭ... މަންމަގެ ގާތުން މައާފަށް އެދޭވަރުގެ ކަމެއް ވެސް ދަރިފުޅު ނުކުރޭ... ވެދިޔަ ކަންތަކުގައި ދަރިފުޅުގެ ކުށެއް ނުވޭ، ކުށް ކުރީ ރުހައިމް، ލަދުގަނެ މީހުންނާ ކުރިމަތިލާން ޖެހިލުންވާންވީ ވެސް އޭނަ، ދަރިފުޅެއް ނޫން... ނުކައި ނުބޮއި އުޅެންޏާ އެއީ ދަރިފުޅުގެ ނަފުސަށް ދެވޭ އަނިޔާއެއް، މަންމަ ގަބޫލުކުރަން ދަރިފުޅު ހިތްދަތިވެފައިވާކަން، ލޯބިވާ މީހާގެ ފަރާތުން އަނިޔާ ލިބިފައިވާކަން، އެކަމަކު އެފަދަ ނުބައި މީހަކަށް ދަރިފުޅުގެ ހިތާމަތައް އިހުސާސްވާނެތަ؟... ދަރިފުޅުގެ ކަރުނަތައް ފެންނާނެތަ؟... އެކަހަލަ މީހަކަށް ކަރުނަ އޮއްސުމުގެ ބޭނުމަކީ ކޮބާތަ؟ އޭނައަށް ދުވަހަކު ދަރިފުޅުގެ ހިތާމަތައް އިހުސާސެއް ނުވާނެ، އޭނަ ކުޑަކޮށް ވެސް ދަރިފުޅުދެކެ ލޯބިވާނަމަ ބޭވަފާތެރިއެއް ނުވާނެ، ހިތްދަތިކަމެއް ނުދޭނެ... އެންމެ ރަނގަޅުވާނީ ހަގީގަތާ ކުރިމަތިލިއްޔާ، ދަރިފުޅުގެ ހިތަށް ފިނިކަމެއް ލިބޭނީ ވެސް އޭރުން...''
''މަންމާ...'' މަންމަގެ ގައިގައި ނާލާއަށް ބާރަށް ބައްދައިގަނެވުނެވެ. އަދި ގިސްލެވުނެވެ.
''ދެން ނުރޮއި...'' ނާލާގެ ބުރަކަށީގައި ލޯތްބާއެކު ނަދީމާ ފިރުމާލިއެވެ. އޭނަގެ ހިތަށް ވެސް ނާލާގެ ކަރުނަތަކުން ފުން އަސަރުތަކެއް ކުރުވިއެވެ.
*****
ހެނދުނުގެ ސަޔަށް އިންސާފުކުރަމުން ދިޔަ ވަގުތު ކާމޭޒުދޮށަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ނާލާއަށް ކާން ދޭން ނަދީމާ ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. ކުޑަގޮތެއް ހަދާލައިގެން ދިއުމުގެ ފުރުސަތެއް ނަދީމާ ނުދިނެވެ.
ހިމޭންކަމާއެކު ދަރިފުޅަށް ބަލަން ބިލާލް އިނެވެ. ދަރިފުޅަށް މަދަދުވެރިކަން ފޯރުކޮށްދޭނެ ގޮތެއް ނޭނގޭތީ ބިލާލްގެ ހިތުގައި ވަނީ މާޔޫސްކަމެވެ. ދަރިފުޅަށް އުފާވެރި ހަޔާތެއް ހޯދައިދިނުމުގައި އޭނަ ފެއިލްވެއްޖެކަމުގެ ހިތިކަމާ ވެސް ކުރިމަތިލާން ޖެހިފައި ވިއެވެ. ނަދީމާގެ ނިންމުމުގެ މައްޗަށް ދަރިފުޅުގެ އުފާވެރިކަން އިސްކޮށް، ރުހައިމްއާއެކު ހަޔާތެއް ފެށުމުގެ ފުރުސަތުދެވުން އެއީ އޭނަ ހެދުނު ގޯހެއް ބާވައޭ ތަކުރާރުކޮށް ހިތާ ސުވާލުކުރެވުނެވެ. ކުށްވެރިކަމުގެ އިހުސާސްތައް އައިސް ބިލާލްގެ ނަފުސު ހާސްކުރުވަން ފެށިއެވެ.
ގޭގެ ބެލްޖަހާލި އަޑަށް އެންމެނަށް ވެސް ލިބުނީ ހައިރާންކަމެވެ. އެވަގުތަކީ އެގެއަށް މީހުން އަންނަ ގަޑިއަކަށް ނުވާތީއެވެ. ބަދިގޭގައި އުޅުނު ޝަކުންތަލާއަށް ނަދީމާ ގޮވާލިއެވެ. އަދި ދޮރުހުޅުވަން ދިއުމަށް ބުނެލިއެވެ. އެއާއެކު ދުމެއް ޖަހާފައި ޝަކުންތަލާ ހިނގައިގަތީ ދޮރުހުޅުވުމަށެވެ.
''ކާކުތަ؟...'' ޝަކުންތަލާގެ ޖަވާބެއް ނުލިބުމުން ނަދީމާ އަހާލިއެވެ. ޖަވާބެއް ނުލިބި އިރުކޮޅެއް ފާއިތުވެ ދިއުމުން ނަދީމާ ގޮނޑިން ތެދުވުނެވެ. އޭނަ ކާކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
''ކީއްކުރަން ކަލޭ ތިއައީ!...'' ދޮރުކުރިމަތީ ހުރި ރުހައިމް ފެނުމުން ނަދީމާ ރުންކުރުވިއެވެ. ''ނުކުމޭ!... ހަމަ މިހާރު ނިކުމޭ!...''
އަޑުގަދަވެގެން ބިލާލްގެ އިތުރުން ނާލާ ވެސް ކާކޮޓަރިން ނިކުތެވެ. ރުހައިމްއާ ނަޒަރު ބައްދަލުވުމާއެކު ނާލާގެ ފިޔަވަޅުތައް ގަނޑުވެއްޖެއެވެ. ހިތުގެ ވިންދުތައް ވެސް ހިނދުކޮޅަކަށް މަޑު ޖެހިލިއެވެ. ރުހައިމްގެ މޫނުގައިވި އަނިޔާގެ ނިޝާންތަކަށް ނާލާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ރުހައިމާ ނަޒަރުބައްދަލުވުމުން ނާލާއަށް އިހުސާސްކުރެވުނީ މާޔޫސްކަމެވެ. ވޭނެވެ. ލަސްވެގެން ދިޔަ ނޭވާތަކާއެކު ރުހައިމްއަށް ބަލަން ނާލާ ހުއްޓުވެ. ހިތުގެ ރިހުން ގަދަވާން ފެށިއެވެ.
''ބަލަ އަޑެއް ނިވޭތަ؟، މިބުނީނު މިގެއިން ދާށޭ!، ކަލޭ ބައްދަލުކުރަން ޖެހޭ މީހެއް މިގޭގައި ނުހުންނާނެ...'' ނަދީމާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.
ބިލާލް ނަދީމާގެ އަތުގައި ހިފުމުން ވެސް ރުޅިވެރިކަމާއެކު ބިލާލްގެ އަތް ނަދީމާ ފޮޅުވާލިއެވެ.
''ނާލާއަށް ދެވުނު ހިތާމަތައް ކުޑަވަގެންތަ ކަލޭ މިގެއަށް ތިއައީ؟، އޭނ!... ކަލޭގެ ސަބަބުން ނާލާގެ ދިރިއުޅުން ހަލާކުވެއްޖެ...'' ނަދީމާ ރުޅިން ގޮސް ރޫޅިދާނެހެން ހީވި ވަގުތުކޮޅެއް ވެސް ދިޔަ އެވެ.
ދައްކަން ބޭނުން ކިތަންމެ ވާހަކައެއް ހުރި ކަމުގައި ވިޔަސް ރުހައިމްގެ ދޫ ވަނީ ހިމޭންވެފައެވެ. އޭނައަށް އަމާޒުވެފައިވާ ރުޅިވެރިކަން ހައްގުވާތީއެވެ. ހަމައެއާއެކު ނާލާއާއި ނަޒަރު ބައްދަލުވެ އެދެލޮލުން ފެނުނު ހިތްދަތިކަމުން ރުހައިމްގެ ހިތުގައި ވޭން އަޅުވާލިއެވެ. އޭނަ ކުރި ހުރިހާ ހިތްވަރެއް އެލިގެން ދިޔަ އެވެ. ނާލާއާއި ބައްދަލުކުރަން އޭނައައީ ކަށިން ހިތްވަރުނެރެގެންނެވެ. އަނބުރާލާފައި ދާން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ.
''މަންމާ...'' ނާލާއަށް ކުރިއަށް ޖެހިލެވުނެވެ. ރުހައިމް އޭނައާއި ބައްދަލުކުރަން އައުމުން ނާލާ ހުރީ ސިހުމެއްގެ ތެރޭގައެވެ. އޭނަގެ ނިންމުން ގަބޫލުކުރަން ރުހައިމްއަށް ދަތިވެފައިވާކަން ނާލާއަށް ދެނެގަނެވުނެވެ. އޭނަ ބޭނުންވީ ރުހައިމްއަށް އެކަން ހަނދުމަކޮށްދޭށެވެ. އޭނަގެ ނިންމުން މަތީގައި ސާބިތުވެ ހުންނާށެވެ. ކިތަންމެ ވޭނެއް ލިބުނުކަމުގައި ވިޔަސް މެއެވެ.
''އަހަރެން ބޭނުން ރުހައިމާ ވަކިން ބައްދަލުކޮށްލަން...'' ނާލާ އެދުނެވެ. އެއާއެކު ރުޅިވެރިކަމާއެކު ނާލާއަށް ނަދީމާ ބަލައިލިއެވެ. ހައިރާންކަން ވެސް އެމޫނުގައި ވިއެވެ.
''ކީކޭ؟...'' ނަދީމާއަށް ބުނެވުނެވެ. ''އޭނަ ކުރި ކަންތަކަށް ފަހުގައި ވެސް ދަރިފުޅު ބޭނުންވަނީ އޭނައާއި ވާހަކަދައްކަންތަ؟...''
''މަންމާ، ޕްލީޒް...'' ނާލާ އާދޭސްކުރިއެވެ. ބިލާލް ކުރިއަށް ޖެހިލީ ދެނެވެ. ނާލާ ބޭނުންވާ ގޮތަށް ކަންތައް ކޮށްދިނުމަށެވެ. ދިރިއުޅުމުގެ މުހިންމު ނިންމުމަކާ ހަމައަށް ނާލާއަށް އެވަނީ އަންނަން މަޖުބޫރުވެފައެވެ. އެކަން ބިލާލްއަށް ތަސައްވަރުކުރެވުނެވެ. ދަރިފުޅުގެ މޮޅިވެރިކަމާއި އުދާސްކަމެވެ. އުއްމީދުގެއްލިފައިވާ ތަނެވެ. ރުހައިމްއާއެކު ދިރިއުޅުން ކުރިއަށް ގެންދިއުމުގައި ނާލާއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައިވާ މަންޒަރު ވެސް ފެނުނެވެ. ބިލާލްގެ ހިތުގައި ރިހުމެއް އުފެދުނެވެ. ނާލާގެ އުފާވެރިކަން އަޑިއަޅާލުމުންނެވެ. ރުހައިމްއަށް އިތުބާރުކުރުން އެއީ އޭނައަށް ހެދުނު ގޯހެއް ބާވައޭ ވެސް ހިތާ ސުވާލުކުރެވުނު އަދަދެއް ނޭނގެއެވެ. ރުހައިމްގެ ޝަހުސިއްޔަތު ދަސްކުރުމުގައި އޭނައަށް ހެދުނީ ކޮން ގޯހެއް ހެއްޔެވެ؟
''އެކަމަކު!... ބިލާލް...'' ނަދީމާއަށް ގޮތްދޫކުރުން ވީ އުނދަގޫ ކަމަކަށެވެ. ހަމަހިލާ ރުހައިމްއަށް ނާލާއާއެކު އެކިނިވުމުގެ ފުރުސަތު ދޭކަށް އޭނަ ބޭނުމެއް ނުވިއެވެ.
''ނަދީމާ... މީ ރުހައިމްއާއި ނާލާ ނިންމަން ޖެހޭ ކަމެއް، ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އެ ފުރުސަތު ދޭން އެބަޖެހޭ...'' ބިލާލް ބުންޏެވެ.
''ދަރިފުޅު ދޭ...'' ނާލާއަށް ބަލައިލަމުން ބިލާލް އިޒުނަ ދިނެވެ.
ތުންފިއްތައިގެން ނަދީމާ ހުއްޓެވެ. އަލިފާންކަނި ބުރަމުން ދިޔަ ދެލޮލުން އޭނަ ރުހައިމްއަށް ބަލަން ހުއްޓެވެ.
ލަސްލަހުން ހިނގާފައި ގޮސް ނާލާ ބޮޑުކޮޓަރީގެ ބެލްކަނި ދޮރު ހުޅުވާލިއެވެ. އަދި ފަސްއެނބުރި ރުހައިމްއަށް ބަލައިލީ އޭނަގެ ފަހަތުން އައުމުގެ އިޝާރާތެއްގެ ގޮތުންނެވެ. އެއަށްފަހު ބެލްކަނިއަށް އޭނަ ނިކުތެވެ.
ނާލާގެ ފަހަތުން ދިއުމުގެ ކުރިން ރުހައިމްއަށް ބަލައިލެވުނީ ނަދީމާއާއި ބިލާލްގެ މޫނަށެވެ. ކޮންމެ މީހެއްގެ މޫނުން ވެސް ރުހައިމްއަށް ފެނުނީ ނުރުހުންތެރިކަމެވެ. އިތުބާރު ނަގާލައިފިކަމުގެ ޝަކުވާތަކެވެ. އެކަމާ ކުރިމަތިލާނެ ގޮތެއް ރުހައިމްއަށް ނޭނގި އިސްޖެހުނެވެ.
*****
ރުހައިމާ ނާލާގެ ދެމެދަށް ވެރިވެފައިވަނީ މަރުގެ ހިމޭންކަމެވެ. އެންމެ ދުވަހެއްގެ ތެރޭން ވެސް އެދެމެދަށް ހުސްކަން ވެރިވެއްޖެކަން ރުހައިމަށް އިހުސާސްކުރެވުނެވެ. ނާލާގެ މޫނު މިލައިގެން ގޮސްފައިވާ މިންވަރު ވެސް އިހުސާސްކުރެވުނެވެ. އެދެލޮލުގައިވި ކަރުނައިގެ އުދާސްކަން ވެސް ފެނުނެވެ. ހިތަށް ކޮންމެ ފަހަރަކު ތުނޑުތޫނު ކަށިތައް ހަރާލެވޭ ކަހަލައެވެ. ހިތުގެ ވޭން ގަދަވާން ފަށައެވެ.
ރުހައިމާ ނަޒަރު ބައްދަލުކުރުމުގެ ބަދަލުގައި ނާލާ ބަލަން ހުރީ ވާރޭ ވެހެމުން ދިޔަ މަންޒަރަށެވެ. ރަހުމެއް ނެތް ވާރޭގެ ހަމަލާތަކުން ބެލްކަނީގައިވި މާގަސްތަކަށް ލިބެމުން ދިޔަ ސަޒާތަކަށް ބަލަން ނާލާ ހުއްޓެވެ. އޭނަ ވެސް ވަނީ ހަމަ އެފަދަ ހާލެއްގައެވެ. ހިތް ވަނީ ހަލާކުވެފައެވެ. ނުފިލާނެ ރިހުމެއް އުފެދިފައެވެ. ދެން އެހިތަށް ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެކަމެއް ވެސް ނޭނގެއެވެ. ލޯތްބަށް ކުރި އިތުބާރު ވަނީ ގެއްލިފައެވެ.
''ނާލާ...'' އިސްވެ ރުހައިމް ގޮވާލިއެވެ. ނާލާ ހުރީ ރުހައިމްއަށް ފުރަގަސް ދީގެންނެވެ. ބެލްކަނީގައި ހުރި އުނދޯލީގައި ހިފަހައްޓައިގެންނެވެ.
''ކީއްކުރަން ތިއައީ؟...'' ރުހައިމާ ދިމާއަށް ނާލާ ބަލައިވެސް ނުލިއެވެ. ހިތުގެ ތަކުލީފުތައް ބަރުދާސްތުނުކުރެވޭނެތީއެވެ. އޭރު ކަރުނަތަކާއި ނާލާ ހަނގުރާމަކުރަމުން ދިޔަ އެވެ.
''އައިމް ސޮރީ...'' އެދެމެދުގައި އޮތް ހިމޭންކަން ރުހައިމަށް ސަޒާއަކަށް ވިއެވެ. އޭނަ ނާލާގެ ގާތުން ހާސްފަހަރު މައާފަށް އެދުނެވެ. ނަމަވެސް ނާލާގެ ފަރާތުން ފެނުނީ ހަމަހިމޭންކަމެވެ.
''ކީއްކުރަންތަ ތިއައީ؟...'' ރުހައިމް މައާފަށް އެދުނަސް ނާލާ އިޖާބައެއް ނުދިނެވެ. އޭނަ އެނގެން ބޭނުންވީ ރުހައިމް އޭނައާއި ބައްދަލުކުރަން އައި ސަބަބެވެ. ވެދިޔަ ކަންތަކަށްފަހު އޭނަގެ ކުރިމައްޗަށް އަންނަން ރުހައިމްއަށް ހިތްވަރުލިބުމުން ވެސް ނާލާ ހައިރާން ވިއެވެ.
''އަހަންނަށް އެނގޭ ނާލާގެ ހިތުގައި ޖެއްސިއްޖެކަން... ނާލާއަށް ދޮގު ހެދިފައިވާކަން ވެސް ގަބޫލުކުރަން... އަހަރެން ދޮގު ހެދީ ނާލާއަށް ހިތާމައެއް ލިބެން ބޭނުން ނުވާތީ...''
''ދޮގު ހުސް ދޮގު!...... ހޮޔެނުވާނެ، އެއްފަހަރު ވިޔަސް އަހަންނަށް ތެދު ހާމަކޮށްބަލަ...'' ރުހައިމްގެ ވާހަކަތަކަށް ނިމުމެއް ގެނައީ ނާލާއެވެ. ''ރުހައިމްއަށް އަހަރެންގެ ހިތުގައި ޖެއްސިފައިވާ މިންވަރެއް ދުވަހަކު އިހުސާސެއް ނުވާނެ، އަހަންނަށް ދެވުނު ނިކަމެތިކަން ވެސް ރޭކާނުލާނެ... އަހަރެންވި ލޯބި އިހުސާސް ނުކުރެވުނު މީހެއްތީ...''
'''ނޫން!... ނޫން... އަހަރެން ނާލާދެކެ ލޯބިވޭ... ހަމައެކަނި ލޯބިވާ ފަރާތަކީ ތިއީ...'' ރުހައިމްގެ އަޑު ކުރެހުނެވެ.
''ކިހިނެއްތަ އަހަރެން ތިވާހަކަތައް ގަބޫލުކުރާނީ؟......'' ނާލާއަށް ރޮވެން ފެށުނެވެ. ''ޔޫ ލައިޑް ޓު މީ... ލަންޑަނުން އައި ފަހުން ކިތައް ދޮގު އަހަންނަށް ހެދީ؟، ރުހައިމް މަސައްކަތްކުރީ އަހަންނަށް އޮޅުވާލަން، ޔަޝްފީއާ މެދު ކަންތައް ކުރި ގޮތް އަހަންނަށް ސިއްރުކުރަން...''
ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަތައް ނާލާ ފޮހެލިއެވެ. އަދި އެތެރެއަށް ނޭފަތް ދަމާލިއެވެ.
''އަހަންނަށް ގޯސްހެދިފައިވާކަން ގަބޫލުކުރަން، ހުރިހާކަމެއް ރަނގަޅުކުރަން ވެސް ބޭނުން... ނާލާ...'' ރުހައިމަށް ކުރިއަށް ޖެހިލެވުނެވެ. ނަމަވެސް ނާލާގެ އަތުގައި ހިފަން އޭނަ ޖެހިލުން ވިއެވެ. އޭނަ ހުރީ ނާލާގެ ފުރަގަހުގައެވެ.
''ރުހައިމްއަށް ހެދުނު ގޯސްތައް ދެން ރަނގަޅެއް ނުކުރެވޭނެ، ރުހައިމަށް އިތުބާރުކުރުން އެއީ އަހަންނަށް ފަސޭހަކަމެއް ނޫން...'' ރުހައިމާ ދުރަށް ނާލާ ޖެހިލުމުން ރުހައިމްއަށް ތެޅިގަނެވުނެވެ. އަދި ނާލާގެ އަތުގައި ހިފަހައްޓާލެވުނެވެ. ނާލާގެ ބަސްތަކުން ރުހައިމް ބިރުގަންނުވާލިއެވެ. ނުތަނަވަސްވެ މީހާ ފިނިވެއްޖެއެވެ. ވާރޭގެ ތެތްފިނިކަން އެކުލެވިގެންވި މާހައުލުގައި ވެސް ނިތުން ފިނި ދަލެއް ހިއްލާލިއެވެ. އޭރު އެހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ.
''ޕްލީޒް...'' ރުހައިމްގެ އަޑުގައި ވަނީ އާދޭހެވެ. ''އަހަންނަށް ނާލާއާއި ދުރުގައި ނުހުރެވޭނެ...''
''ދެން ކީއްވެ އެފަދަ ކަމެއް ކުރީ؟... އަހަރެންވި ލޯތްބަށް ގަދަރުނުކުރީ ކީއްވެތަ؟...'' ނާލާއަށް ގިސްލެވުނެވެ. އެހިތުގައިވަނީ ޝަކުވާ ތަކެވެ.
''އަހަރެން ރުހައިމްދެކެ ހާދަ ލޯތްބެއް ވީމޭ... އިތުބާރެއް ކުރީމޭ... ރުހައިމްއަށް އެނގޭތަ ރުހައިމްގެ ދަރިއަކަށް ބަލިވެ އިންނަން އަހަރެން ބޭނުންވެފައި ހުރިކަން؟، މިފަހަރު ޗުއްޓީއަށް ގޮސް ދައްކަން ބޭނުންވި ވާހަކައަކީ ވެސް އެއީ، އެކަމަކު ދެން އަހަންނަށް އެދުވަސް ދުށުމުގެ ނަސީބެއް ނުލިބޭނެކަން އެނގިއްޖެ...'' ނާލާގެ ލޮލަށް ކަރުނަ ބޮޑިވެގެން ދިޔަ އެވެ. ތުންފަތުގައި ބާރަށް ދަތްއަޅައިގަނެވުނެވެ. ހިތުގެ އުދާސްކަން ހިންދާލުމުގެ ބޭނުމަށެވެ. އޭރު ނާލާގެ މޫނުމަތިން ރަމްޒުކޮށްދެނީ ވޭނާއި ހިތާމައެވެ.
''އަހަންނަށް ފުރުސަތެއް ނުދެވޭނެތަ؟... އަހަރެން ބޭނުން ހުރިހާކަމެއް ހަމައަކަށް އަޅުވަން...'' ރުހައިމް އާދޭސްކުރިއެވެ. ދިރިއުޅުން ގޮސްފައި އޮތް އަޑިގުޑަންގަނޑުން އަރައިގަނެ، ދިރިއުޅުމުގެ ސަމުގާ އަމިއްލަ އިހުތިޔާރުގެ ދަށަށް ގެންނަން ރުހައިމް ނުހަނު ބޭނުންވިއެވެ. އޭނަގެ އަތުން ހެދުނު ހުރިހާ ގޯހަކަށް ހައްލެއް ގެންނަން ވެސް ބޭނުން ވިއެވެ.
ނާލާއަށް މަޑުމަޑުން ދެފަރާތަށް ބޯހޫރާލެވުނެވެ. އެދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔަ އެވެ.
''އަހަންނަށް ރުހައިމްއާއެކުގައި ނޫޅެވޭނެ...'' ނާލާ އިސްއޮބާލިއެވެ.
''ނޫން ތިހެން ނުބުނޭ...'' ރުހައިމްއަށް ތެޅިގަނެވުނެވެ. އޭނައަށް ނާލާގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އަސަރުން ފުރިގެންވާ ދެލޯ ނާލާއަށް އަމާޒުކޮށްލިއެވެ.
''އައިމް ސޮރީ...'' ރުހައިމްގެ ހިތުގެ ފުންމިނުން ނާލާގެ ގާތުން މައާފަށް އެދުނެވެ. ރުހައިމްއަށް ވެސް ރޮވިއްޖެއެވެ. ލޮލުގައިވި ކަރުނުން އެހިތުގައި ނާލާއަށްޓަކައިވި ލޯބި ހާމަކޮށްދޭން މަސައްކަތްކުރިއެވެ.
ރުހައިމާ ނާލާ ނަޒަރު ވަކިކޮށްލިއެވެ. އަދި ރުހައިމާ ދުރަށް ޖެހިލިއެވެ. އެއަށްފަހު ރުހައިމްއަށް ފުރަގަސްދިނެވެ. އެމަންޒަރު ބަލަން ރުހައިމްއަށް ކެތެއް ނުކުރެވުނެވެ. ފުރަގަސްދިން ނާލާގެ އަތުގައި ރުހައިމް ހިފިއެވެ.
''ޕްލީޒް...'' ރުހައިމް އާދޭސްކުރިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ރުހައިމްގެ އަތުގެ ތެރޭން ނާލާ ވީއްލިގަތެވެ. އެއީ ހިތްދަތި ވަގުތުކޮޅެކެވެ. ހަޔާތުގައި ވެސް އެފަދަ އުދާސްކަމެއް ނާލާއަށް އިހުސާސެއް ނުކުރެވެއެވެ. ހިތް އެތިކޮޅުތައްވެ ބުރައިގެން ދިޔަ ކަހަލައެވެ. ވޭނީ ގިސްލުމަކާއެކު ނާލާއަށް ބަރުބާރަށް ރޮވިއްޖެއެވެ.
''އަހަރެންގެ ނިންމުން ރުހައިމްއަށް ވިސްނިއްޖެކަމަށް ހީކުރަން...'' ރޮމުން ގިސްލަމުން ނާލާ ބުނެލިއެވެ. އެއަށްފަހު ބެލްކަނީގެ ދޮރު ހުޅުވާލާފައި އޭނަ ދުވެފައި ގޮސް ވަނީ ކޮޓަރިއަށެވެ. ނާލާ ދިޔަ ދިމާއަށް ބަލަން ހުރި ރުހައިމްގެ ވޭނީ ދުލުން ނާލާއަށް ގޮވާލެވުނެވެ. އެހިތުގެ އާހްތައް އޮބި ދެންވެރިވެގެން ދިޔައީ ނިމުމެއް ނުވާ ހިތާމައިގެ ދިލަ ހޫނެވެ.
''ނާލާގެ ނިންމުން މިހާރު އެނގިއްޖެއެއްނު، ދެން މީގެ ފަހުން ދުވަހަކު މިގެއަށް އައިސްގެން ނުވާނެ!، ނާލާއާއި ބައްދަލުކޮށްގެން ވެސް ނުވާނެ...... ފަހު ފަހަރަށް ކަލޭ ނާލާއާއި ބައްދަލުވާނީ ކޯޓުން، ވަރީގެ ކަންތައް ނިންމަން، ހަނދާން ކުރާތި!، ނާލާގެ ދިރިއުޅުން ހަލާކުކޮށްލާފައި ކަލެއަށް ދުވަހަކު އުފަލުގައި ނޫޅެވޭނެ...'' ރުހައިމް އުފުލަމުން ދިޔަ ހިތާމަތައް ދެނެގެންނާކަށް ނަދީމާ ބޭނުމެއް ނުވިއެވެ. އޭނަ ހީކުރީ އެއީ ތަމްސީލެއް ކަމަށެވެ. ހިތުގައިވި ރުޅިވެރިކަން ވިސްނުމަކާ ނުލާ ބޭރުކޮށްލީ އެހެންވެއެވެ.
''އެހެރީ ވަން ދޮރު، ހަމަ މިހާރު މިގެއިން ނިކުމޭ، މީ ކަލެއަށް މިގެއަށް ވަދެވޭނެ ފަހު ފަހަރު، ނާލާ ހޯދަން ދެން ކަލޭ އައިސްގެން ނުވާނެ، ކަލެއާއި ނާލާއާ ދެމެދު އެއްވެސް ގުޅުމެއް ނުވާނެކަން ވެސް ހަނދާންކުރާތި...'' ނަދީމާގެ ރަހުމުކުޑަ ބަސްތަކުން އިތުރު ހިތްދަތިކަމެއް ރުހައިމްއަށް ލިބުނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ