ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސަބަބުން ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ އަދަދު ދަށް ނުވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް މިރޭ އެ އޮފީހުގައި ބޭއްވި ޖަލްސާއަށްފަހު ކުރިއަށްގެންދިޔަ ޕީޕީއެމް/ޕީއެންސީ ސެނެޓު ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހާމަކުރުމަށް ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް މިހާރު ވެސް ދަނީ މެމްބަރުންގެ އަދަދު އިތުރުވަމުން ކަމަށެވެ. އެކަން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރު ސާފުވާން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކަށް އިރާދަކުރެއްވިއްޔާ ނުގެއްލޭ އެއްވެސް މީހަކު. އަޅުގަނޑުމެން ކޯލިޝަނަށް މިއަދު ދަނީ ހަމަ މީހުން އިތުރުވަމުން އިނގޭތޯ. އަޅުގަނޑުމެން ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިއިރު 3،022 މީހުން ޕާޓިގަ ތިބީ. މިއަދު އިލެކްޝަންގެ ދަފުތަރަށް ބައްލަވައިލައިފިއްޔާ ފެނިވަޑައިގަންނަވާނެ އިތުރުވެފަ ހުރި މިންވަރު. އެހެންވީމާ އަޅުގަނޑުމެންގެ ކޯލިޝަނަކަށެއް އަދި ވަކި ޕާޓީއެއް އުފައްދައިގެން އެ އަކުންނެއް އިރާދަކުރެއްވިއްޔާ އަސަރެއް ނުކުރޭ އަދި މިހާތަނަށް އައިއިރު،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރަން ގެންގުޅޭނެ ފޯމިއުލާއަކީ ގަދައަޅާ މަސައްކަތް ކުރުން ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާނެ ކަމަށާއި ވައުދުތައް ފުއްދާ މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާނީ ރައްޔިތުންނާ ގާތުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މި ފޯމިއުލާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތަނަވަސް އައުލަބިއްޔަތު ނަގާނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު