މިހިނގާ 2023 ވަނަ އަހަރަކީ ދުނިޔެ އެންމެ ހޫނުގަދަވި އަހަރު ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކްލައިމެޓް ޗޭންޖް ސާވިސްގެ ސައިންސްވެރިން ބުނެފައިވާ ގޮތުގައި، މިއަހަރު ދުނިޔޭގެ ފިނިހޫނުމިން ވަނީ 1.4 ޑިގްރީއަށްވުރެ މައްޗަށް އަރައިފައެވެ.

މިއަހަރު ފިނިހޫނުމިން 1.4 ޑިގްރީއަށް އުފުލުނު އިރު، 1.5 ޑިގްރީއަކީ އެވަރަށް ހޫނުމިން އިތުރުވެއްޖެ ނަމަ އިންސާނުންނާއި މުޅި ދުނިޔޭގެ ގުދުރަތީ ނިޒާމަށް ބަދަލު އަންނާނެ ފިނިހޫނުމިނެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

ސައިންސްވެރިން ބުނާގޮތުގައި މިއަހަރުގެ ޖޫން މަހުގެ ފަހުން އައި މަސްތަކުގައި ހޫނުމިނަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ފިނިހޫނުމިން ބޮޑުތަނުން އިތުރުވާނެ ކަމަށްވެސް ސައިންސްވެރިން ލަފާކުރެއެވެ.

ދުނިޔޭގެ މޫސުމަށް ބޮޑު ބަދަލެއް އައިސްފައި މިވަނީ ދުނިޔެއަށް މިއަހަރު ކުރިމަތިވެފައިވާ އެލްނިނޯގެ އަސަރުގެ ސަބަބުން ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. އެލްނިނޯ އަކީ މޫސުން ކޮންމެ އަހަރެއްގައި އެތުރިގެން އަންނަ ގޮތަށް ބަދަލު އައިސް، ޕެސިފިކް ކަނޑުގެ މަތީފަށަލަ ހޫނުވުމަށް ދީފައިވާ ނަމެކެވެ.