ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ކޭންސީސީ) ކޯލިޝަނުގެ ބައްދަލުވުމެއްގެ ރިޔާސަތާ ރާއްޖެއިން ހަވާލުވެއްޖެއެވެ.

ރާއްޖޭގެ އިތުރުން މާޝަލް އައިލެންޑްސް އާއި ކިރިބިސް އާއި ޓުވާލޫ އަދި ޓޮކެއާލޫ ހިމެނޭ ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ކޭންސީސީ) އަކީ ކުދި އަދި ބިންތިރި ގައުމުތަކަށް މޫސުބީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކޮށް، މިފަދަ ގައުމުތަކުގެ ހާއްސަ ނާޒުކުކަމާ މެދު މަޝްވަރާ ކުރުމަށް އުފައްދާފައިވާ ކޯލިޝަނެކެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދުބާއީގައި މިހާރު ކުރިއަށް ގެންދާ ދުނިޔޭގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް، ކޮޕް-28 ގައި އިއްޔެ ބޭއްވި ކޭންސީސީގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެ ޖަމާއަތުގެ ރިޔާސަތާ ހަވާލުވެވަޑައިގަތީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމް ކަމަށެވެ.

ބަޔާނުގައި ބުނީ ކޭންސީސީގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓަރު ތޯރިގް ދެއްކެވި ވާހަކައިގައި ޖަރީޒާ ގައުމުތައް އުފެދިފައިވާ ގޮތުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށާއި ވަކިން ހާއްސަކޮށް އެ ކަހަލަ ގައުމުތަކަށް ދިމާވެފައިވާ ނާޒުކު ތިމާވެށީގެ މައްސަލަތަކަށް އަލިއަޅުއްވާލެއްވި ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށާއި އަދި މިކަމުގެ ސަބަބުން ލިބޭ އިއާދަނުކުރެވޭ ގެއްލުންތައް ފޫބެއްދުމަށް އެޅިދާނެ ފިޔަވަޅުތަކާއި މި މަސައްކަތަށް ކުރެވިފައިވާ ރަނގަޅު ތަޖުރިބާތައް ހިއްސާ ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ތޯރިގު ވާހަކަދެއްކެވި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އަތޮޅު ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮޕް ސަމިޓަށް ފުރާވަޑައިގެންނެވުމުގެ ކުރިން މިދިޔަ މަހުގެ 29ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިނިސްޓަރު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އެ ދުވަހު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލުތަކުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޮޑެތި ގައުމުތަކުގެ އެހީ ބޭނުންވާ ކަމަށެވެ.