ނޫސްވެރިންނަށް ފަސޭހައިން މައުލޫމާތު ލިބޭނެ ގޮތް ހެދުމަށްޓަކައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ރައްޔިތުންގެ ޕޯޓަލްގެ ތެރެއިން ނޫސްވެރިން ބޭނުންވާ މައުލޫމާތު ލިބޭނެ ގޮތް ހަދައިދީ، ޕީޖީ އޮފީސް ކޮރެސްޕޮންޑެންޓްސް އުފައްދައިފިއެވެ.

ޕީޖީ އޮފީހުގެ ރައްޔިތުންގެ ޕޯޓަލަކީ އާންމުންނާ މުއާމަލާތުކުރަން ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ. އީ ޕާސް މެދުވެރިކޮށް އެ ޕޯޓަލަށް ވަދެވޭ އިރު، ޕީޖީ އޮފީހުން ވަނީ މި ޕޯޓަލް ތެރޭގައި ނޫސްވެރިންނަށް ހާއްސަ ޓެބެއް ހިމަނައިފައެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މި ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އެ ނޫސްވެރިއަކު ނިސްބަތްވާ ނޫސް އޭޖެންސީއެއްގެ ރަސްމީ އީމެއިލުން [email protected] އަށް، ނޫސްވެރިންގެ އައިޑީ ކާޑު ނަންބަރާއި ފުރިހަމަ ނަން ފޮނުވަން ޖެހެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި، ޕޯޓަލް މެދުވެރިކޮށް އެދޭ މައުލޫމާތު ހިއްސާކުރާނީ އެ މައުލޫމާތެއް ހޯދަން އެދުނު ނޫސްވެރިޔާއަށް އެކަންޏެވެ. އަދި މި ކަމުގެ ސަބަބުން މައުލޫމާތު ހޯދުމާއި ނޫސްވެރިންގެ ހަބަރުތަކުގެ "އެކްސްކްލޫސިވިޓީ" ކަށަވަރުކުރަން މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ،