ރާއްޖޭގައި އިންޑިއާގެ ސިފައިން 77 އާއި 89 އާ ދެމެދުގެ އަދަދަކަށް އެބަތިބި ކަމަށާއި އިންޑިއާ ސިފައިންގެ އަދަދު އަދި ޔަގީން ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިންގެ ކަންކަން ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށެވެ. އެ ކޮމިޓީގައި ފޮރިން މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ އަދި ރައީސް އޮފީހުގެ ބައެއް ބޭފުޅުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮމިޓީއަށް މިހާތަނަށް ލިބުނު ލިޔުންތަކުގައި އިންޑިއާ ސިފައިންގެ އަދަދާ ގުޅޭގޮތުން އެކިފަހަރު އެކި އަދަދުތައް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ލިބުނު ލިޔުންތަކުން އެކި ފަހަރު އެކި އަދަދު ހުރީ އައިސްފައި, 77 އިން 89 އަށް އެބަދޭ, އެވެސް ސާފެއް ނޫން. އަދިވެސް ހުރިހާ މައުލޫމާތެއް ސާފެއް ނޫން. އެއަށްވުރެ އިތުރުވެސް ވެދާނެ،" ރައީސް ވިދާޅުވިއެވެ.
ތުރުކީއަށް އަދި ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ޓްރާންސިޝަން މުއްދަތުގައި އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް އެ މަނިކުފާނު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، ރާއްޖެއިން ފޮނުވާލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ކަމަށެވެ. މިހާތަނަށް އެކަމާ ގުޅިގެން ފަސް މަޝްވަރާއެއް ބާއްވަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން ވަރަށް ސާފުކޮށް 18 ނޮވެމްބަރުގެ މާނައަކީ ހުވާކޮށްގެން އެންމެ ފުރަތަމަ ދުވަހު، ޖެހިގެން އައި ދުވަހު ރަސްމީކޮށް އަޅުގަނޑުމެންގެ ފަރާތުން، ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް ދެންނެވިން މިތަނުގައި ތިބި ބޭރުގެ ސިފައިން، އިންޑިއާ ސިފައިން އަނބުރާ ގެންދަވާށޭ، ގެންގޮސްދެއްވާށޭ. އެހެންވީމާ ރަސްމީކޮށް އެ އޮތީ ހުށަހެޅިފައި. އަދި އޭގެ ކުރިން ކުރެވުނު މަސައްކަތާ މިއަދާ ހަމައަށް އައި އިރު، މި ކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެއްބަސްވެފައިވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ މިހާރު ކުރަމުންދަނީ އެ މަސައްކަތުގެ ޓެކްނިކަލް ލެވެލްގައި ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދާނެ ކަމަށް އެ ގައުމުގެ ފަރާތުން އެއްބަސްވެ ޔަގީންކަން ދީފައިވަނީ އަނގަބަހުން ކަމަށެވެ. އަދި އެއްވެސް ރަސްމީ ސިފައެއްގައި އިންޑިއާގެ ފަރާތުން އެކަމާ ގުޅޭ ނިންމުމެއް ލިބިފައިނުވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު