ދާއިމީ އެއްވެސް މުވައްޒަފަކު ވަކިކުރަން ނުނިންމާ ކަމަށާއި ނިންމީ ބައެއް ވަގުތީ މުވައްޒަފުންގެ ކޮންޓްރެކްޓު އާ ނުކުރަން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ ހިލާފަށް ފެނަކައިގެ މުވައްޒަފުން ވަކިކުރަމުންދާ ކަމަށްބުނެ، އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ ފެނަކައިގެ ދަށް ފަންތީގެ ގިނަ މުވައްޒަފުންތަކެއް ވަކިކުރަމުންދާ ކަމަށާއި އެކަމާ ގުޅިގެން އެތަކެއް އާއިލާތަކެއް ބިކަވެގެންދާ ކަމަށެވެ.
ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފެނަކައިގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަށްބުނެ ފަތުރާ ވާހަކައަކީ ކަމުގެ ހަގީގަތް އޮޅުވާލައި، ނާޖާއިރު މަގުސަދެއް ހާސިލުކުރުމަށް، ޒިންމާދާރުކަމެއް ނެތް މަސައްކަތްތަކެއްގެ ތެރެއިން އާންމުކުރަމުންދާ ވާހަކަތަކެއް ކަމަށެވެ.
ބަޔާނުގައި ބުނީ ބައެއް ރަށްރަށުގައި އިންޖީނުގެއާއި އޮފީސް އިމާރާތްކުރުމަށް ނެގި ކޮންޓްރެކްޓު މުވައްޒަފުން، މަޝްރޫއު ނިމި ކުރާނެ އިތުރު މަސައްކަތެއް ނެތް އިރު، ރިޔާސީ އިންތިހާބާ ދިމާކޮށް އެ މުވައްޒަފުންގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.
"މަސައްކަތް ނިމިފައިވާ މަޝްރޫއުތަކަށް، އަދި ފާއިތުވި ތިން މަސްދުވަހު އެއްވެސް މަސައްކަތެެއް ކުރިއަށް ގެންގޮސްފައިނުވާ، މި ވަގުތަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތް މަޝްރޫއުތަކަށް ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން ނަގައި، އާ ސަރުކާރާއި ކުންފުނީގެ އާ މެނޭޖްމެންޓަށް ބުރައަކަށް ވާގޮތަށް، 30 ނޮވެމްބަރު 2023ގެ ނިޔަލަށް ކޮންޓްރެކްޓް މުއްދަތު ހަމަވާގޮތަށް ހަމަޖައްސާފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓުތައް އާ ނުކުރުމަށް ނިންމާފައި ވާނެއެވެ..،" ފެނަކައިގެ ބަޔާނުގައި ބުންޏެވެ.
ފެނަކަ އިން އިތުރަށް ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ އުސޫލުގެ ބޭރުންވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގައި، ދާއިމީކޮށްފައިވާ ކަމަށާއި އެއްވެސް ދާއިމީ މުވައްޒަފަކު ވަކިކުރަން އެ ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން ނިންމާފައި ނުވާނެ ކަމަށެވެ. އެހެންކަމުން ކުންފުންޏާ މެދު ނުރަނގަޅު ތަސައްވަރެއް އުފެއްދުމަށް ކުރާ އެފަދަ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު