އަލަށް އިމާރާތްކޮށް މިދިޔަ އޮގަސްޓް މަހު ބޭނުންކުރަން ފެށި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ކުޑަދޮރުތަކުގައި ޖަހާފައިވާ ބިއްލޫރިތައް ތަޅައިގެންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ވިލާ ކޮލެޖު ކުރިމަތީގައި އިމާރާތް ކޮށްފައިވާ ދަރުމަވަންތައިގެ އާ އިމާރާތުގެ ބިއްލޫރިތައް ތަޅައިދާން ފަށާފައިވާ މައްސަލައެއް ފެންމަތިވި އިރު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވަނީ އެ ސްކޫލަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވައިފަ އެވެ.
އާ ސްކޫލުގެ ދޮރުތަކުގައި ޖަހާފައި ހުރީ ފަސް މިލި މީޓަރުގެ ތުނި ބިއްލޫރިތަކެކެވެ.
އެކަމާ ގުޅިގެން އެ ސްކޫލު އިމާރާތް ކުރި އެސްޖޭ ކޮންސްޓްރަކްޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކޮންޓްރެކްޓަރަކީ ޑިޒައިނަށް ބަދަލު ގެނެސް، މެޓީރިއަލަށް ބަދަލު ގެނެވޭނެ ބައެއް ނޫން ކަމަށެވެ. އަދި އެ ސްކޫލު އިމާރާތް ކުރުމަށް ބޭނުންކޮށްފައިވާ މެޓީރިއަލްއަކީ ޑިޒައިނާއި ސްޕެސިފިކޭޝަނާ އެއްގޮތަށް ފާސްކޮށްފައިމާ މެޓީރިއަލް ކަމަށް ބުންޏެވެ.
އެސްޖޭއިން ބުނީ، މިނިސްޓްރީގެ ޑިޒައިންގައި މައްސަލަތަކެއް ހުރިކަން އެންގި ކަމަށާއި ނަމަވެސް ކުރެހުމާ އެއްގޮތަށް މަސައްކަތް ކުރުމަށް މިނިސްޓްރީން އެންގި ކަމަށެވެ.
"އެހާ އުސް ދޮރުތައް ހިފަހައްޓާނީ ދޮރުގެ ޑިޒައިންނަށް ބަދަލު ގެނެސްގެން. މި ޕްރޮޖެކްޓަކީ ޑިޒައިންގެ ބޮޑެތި މައްސަލަހުރި ޕްރޮޖެކްޓެއް. އެގޮތުން ފައުންޝަނުގެ މަސައްކަތް ކުރަނިކޮށް ފާހަގަވީ، ފައުންޑޭޝަން ފެއިލްވާކަން. އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެކަން ރަގަނޅު ކުރަން މިނިސްޓްރީން އެއްބަސްވީ، ފައުންޑޭޝަން އަލުން ރީ ޑިޒައިން ނުކޮށް މަސައްކަތް ނުކުރާނެ ކަމަށް އެންގުމުން." އެސްޖޭގެ ޕޯސްޓުގައި ބުންޏެވެ.
އެ ކުންފުނިން އިތުރަށް ބުނީ ސްކޫލު އިމާރާތްކުރަން ދިން ޑިޒައިންގައި ބައެއް ސިޑިތަކުގެ ރެއިލިންވެސް ނެތް ކަމަށާއި ސިޑި ކައިރި ރާނަންވެސް ނެތް ކަމަށެވެ. އަދި އެކަން ކުރުމަށް މިނިސްޓްރީން ހުއްދަ ދިނީ ސްކޫލު ހުޅުވަން ހަފުތާއަކަށްވީ ފަހުން ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓަރަށާއި މިނިސްޓްރީގެ މީޑިއާ އޮފިސަރަށް ގުޅައިގެންވެސް ފޯނު ނުނަންގަވާތީ، މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު