ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންފައިވާ ވައުދުފުޅާ ހިލާފަށް، ފެނަކަ ކޯޕަރޭޝަނުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ގެންދާ ކަމަށް ބުނެ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ އެވެ. މި ކުއްލި މައްސައަށް ބަހުސް ކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން 33 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މެންބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ، އެއްވެސް މުވައްޒަފަކަށް އިހާނާތްތެރިކޮށް ނުހިއްތަވާނެ ކަމަށާއި، އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް ވެވަޑައިގެންނެވި ވައުދުފުޅާ ހިލާފަށް ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ދަށްފަންތީގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނިކަމެތިކުރަމުންދާ ކަމަށެވެ.

އެގޮތުން މެންބަރު ހުސެއިން މުހައްމަދު ދީދީ ނިސްބަތްވެ ވަޑައިގަންނަވާ ފުވައްމުލަކުގެވެސް 59 މުވައްޒަފުން ވަޒީވާއިން ވަކިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ، ވަޒީފާއިން ވަކި ކުރަމުންދަނީ ވަރަށް އާދައިގެ ކުޑަކުޑަ މުސާރައެއް ލިބޭ މީހުން ކަމަށެވެ. އެކަމުގެ ސަބަބުން ގިނ އާއިލާތަކެއް ބިކަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތަށް ވަޒީފާއިން ވަކިކުރަނީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކަމަށް ޝައްކުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް މީހުން ވަޒީފާއިން ވަކި ކުރަމުން ދިއުމުގެ ސަބަބުން ފެނަކައިގެ އިންޖީނުގެތައް ހެދުމުގެ މަސައްކަތްތަކަށް ހުއްޓުން އަރައި އައިސްޕްލާންޓްތަކުގެ މަސައްކަތްވެސް ހުއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތަށް ވަޒީފާތަކުން މީހުން ވަކި ކުރުމުގެ ބޭނުމަކީ މަޖިލިސް އިންތިހާބަށް މަގުފަހި ކުރުން ކަމަށާއި، ރައީސް މުއިއްޒުއަށް ތާއީދު ކުރާ މީހުންނަށް ވަޒީފާ ދީގެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދުން ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށް ޓަކައި އެ ފަދަ ފަރާތްތަކަށް ވަޒީފާ ދިނުމަށް ޓަކައި 39 މުވައްޒަފުން ފެނަަކައަށް ހޯދަން އިއުލާން ކޮށްފައިވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ. އެހެންކަމުން އެގޮތަށް މީހުން ވަޒީފާއިން ވަކި ނުކުރުމަށާއި، ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކަންތައްތައް ކުރުމަށް މެންބަރު ހުސެއިން މުހައްމަދު ދީދީ ވަނީ މި ސަރުކާރަށް ގޮވާލައްވައިފައެވެ.