''ނާލާ؟...'' ނަދީމާއަށް ގޮވާލެވުނެވެ. ނަދީމާގެ އަޑަށް ބިލާލް ވެސް ބަލައިފިއެވެ. ލެޕްޓޮޕް ސޯފާމަތީގައި ބާއްވަމުން އޭނަ ވެސް ކޮޅަށް ތެދުވުނެވެ.

''ނާލާ...'' ދިގު ފިޔަވަޅުތައް އަޅަމުން ގޮސް ނާލާގެ ކުރިމައްޗަށް ނަދީމާ ހުއްޓުނެވެ. ދަރިފުޅުގެ މޫނަށް އޭނަ ދިން އަވަސް ނަޒަރާއެކު އެދަރިފުޅަށް ލިބިފައިވި ހިތްދަތިކަން ނަދީމާ ދެނެގަތެވެ. އެހިތަށް ލިބުނީ ހާސްކަމާއި ނުތަނަވަސްކަމެވެ.

''މަންމާ...'' މަންމަގެ ގައިގައި ބައްދާލަމުން ނާލާއަށް ރޮވުނެވެ.

ނާލާގެ ރުއިމުގެ އަޑުން ނަދީމާއަށް ލިބުނީ ނުތަނަވަސްކަމެވެ. މެޔަށް ފިނިފެން އެއްޗެއް އޮއްސާލިކަމުގެ އިހުސާސް ކުރެވުނެވެ. އަވަސްވެގެން ދިޔަ ހިތުގެ ވިންދާއެކު ދަރިފުޅުގެ ގައިގައި ނަދީމާއަށް ހިފަހައްޓާލެވުނެވެ. އަދި ގެނެސް މޭގައި ޖައްސާލެވުނެވެ. އެވަގުތު އޭނަގެ މޭގަނޑު ގުޑުވާލީ ނާލާގެ ލޮލުން އޮހޮރުނު ކަރުނައިގެ ފިނިކަމުންނެވެ. އެކަރުނަތަކުން އޭނައަށް ކިޔައިދޭން މަސައްކަތްކުރަމުން ދިޔަ ވާހަކަތައް ނަދީމާ ނެދެނެގަތެވެ. ދަރިފުޅަށް ބޮޑު ހިތްދަތިކަމެއް ލިބިއްޖެކަން އިހުސާސްކުރެވުމާއެކު ބިރުވެރިކަމުގެ ވިންދުތައް ހިތުގައި ޖަހަން ފެށިއެވެ. ސުވާލު އުފެދިގެން ދިއުމާއެކު ނާލާ އޭނައާއި ދުރަށް ޖައްސާލަމުން، އޭނާގެ މޫނަށް ނަދީމާ ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އޭރު ނަދީމާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ދެލޮލިގައި ވަނީ ކަންބޮޑުވުމެވެ.

''ދަރިފުޅާ...'' ނަދީމާއަށް ގޮވައިލެވުނެވެ. އޭނައަށް ނާލާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އިސްއޮބާލައިގެން ނާލާ ހުރުމުން ހިތުގެ އުދާސްތައް ސިއްރުކުރަން ނާލާ ކުރަމުން ދިޔަ މަސައްކަތްތައް ނަދީމާއަށް ފާހަގަ ވިއެވެ. އޭނަ ހީކުރި ވަރަށް ވުރެން މަސްރަހު ގޯސްވެއްޖެކަން ނަދީމާގެ ޒަމީރު އަންގައިދިނެވެ. އެވަގުތަކީ ބިލާލް ވެސް އައިސް ނާލާގެ ގާތަށް ހުއްޓުނު ވަގުތެވެ. ބިލާލްއާއި ނަދީމާއަށް ނަޒަރު ބަދަލުކޮށްލެވުނެވެ.

''ނާލާ...'' ބިލާލް ގޮވާލިއެވެ. ސުވާލުކުރަން ނަދީމާ އުޅުނު މަންޒަރު ފެނުމުން ބިލާލް ދެފަރާތަށް ބޯހޫރާލީ އެކަން މަނާކުރުމުގެ ގޮތުންނެވެ. އެއަށްފަހު އޭނަ ނަދީމާއަށް އިރުޝާދުދިނީ ނާލާ އެތެރެއަށް ވެއްދުމަށެވެ. ނާލާ ހުރި ނާޒުކު ހާލަތު ބިލާލްއަށް އިހުސާސްކުރެވުނެވެ. އެދަރިފުޅު ހިތުގައިޖެހި ރޮމުން ދިޔަ މަންޒަރު ފެނި ބިލާލްގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވިއެވެ. ބޮޑު ހިތާމައެއް ލިބިގެން މެނުވީ ނާލާ ނުރޯނެކަން ބިލާލްއަށް އެނގުނެވެ. ހަމައެއާއެކު ކުއްލިގޮތަކަށް އެގެއަށް ނާލާ އައުމުން މައްލަހަތު ގޯސްވެފައިވާކަން ވެސް އެނގުނެވެ. ފޮށި ތަންމަތި ހިފައިގެން ނާލާ އަންނާނީ ބޮޑު ހައިޖާންގަނޑެއް އުފެދުމުންކަން އޭނައަށް ޔަގީންކުރެވުނެވެ. ހިތް ނުތަނަވަސްވީ ވެސް އެހެން ވެއެވެ. ކިތަންމެ ވަރަކަށް ހިތް ނުތަނަވަސް ވިޔަސް ނާލާއާއި ސުވާލުކުރުން ފަސްކޮށްލަން ބިލާލް ބޭނުން ވިއެވެ. ހިތުގެ އުދާސްތައް ބޭރުކޮށްލަން ނާލާއަށް ފުރުސަތު ދޭން ބޭނުންވާތީއެވެ. އެ ދަރިފުޅަށް ހިމާޔަތާއި ރައްކާތެރިކަން އިހުސާސްވާން ވެސް ބޭނުން ވާތީއެވެ.

ބިލާލްގެ އެދުމުގެ މަތިން ނާލާ ގޮވައިގެން ގޮސް ބޮޑުކޮޓަރީގެ ސޯފާގައި ނަދީމާ އިށީނެވެ. އަދި ޝަކުންތަލާއަށް ބަލައިލަމުން ފެންތަށްޓެއް ގެނެސްދިނުމަށް ބުނެލިއެވެ. އެއާއެކު ޝަކުންތަލާ ބާރުބާރަށް ހިނގާފައި ގޮސް ވަނީ ބަދިގެއަށެވެ. ނާލާގެ ފޮށި އެތެރެއަށް ވައްދަމުން ގޭގެ ދޮރު ބިލާލް ލައްޕައިލިއެވެ. އެއަށްފަހު އޭނަ ވެސް އައިސް ނާލާގެ ގާތުގައި އިށީނެވެ. އޭރު ވެސް ނާލާ ދިޔައީ ރޮމުންނެވެ. ކަރުނަތަކުގެ ސިލްސިލާއަށް ނިމުމެއް ނުވާ ކަހަލައެވެ.

''ދަރިފުޅާ، ފެން ބޯލަބަލަ...'' ޝަކުންތަލާ ގެނައި ފެންތަށި އަތުލަމުން ނާލާއަށް ދިއްކޮށްލުމަށްފަހު، ނަދީމާ އޯގާތެރިކަމާއެކުގައި ބުނެލިއެވެ. ނާލާގެ ބުރަކަށީގައި ވެސް ނަދީމާ ފިރުމާލިއެވެ.

ނާލާއަށް ހަމަ ރޮވެނީއެވެ. މަންމަގެ އޯގާތެރިކަމާއި ލޯބި އިހުސާސްކުރެވުމުން އިތުރަށް ހިތުގައި ޖެހޭ ގޮތް ވިއެވެ. އޭނަގެ ލޯކުރިމަތިން ސިފަވަމުން ދިޔައީ އޭނައާއި ރުހައިމްގެ ގުޅުމަށް މަންމަ ދެކޮޅު ހެދި ދުވަސްތަކެވެ. މަންމަގެ ކަންބޮޑުވުމަކަށްވީ ރުހައިމްއާއެކު އޭނައަށް އުފާވެރި ދިރިއުޅުމެއް ނުލިބިދާނެކަމެވެ. ނަމަވެސް އެދުވަހު މަންމަގެ ނަސޭހަތް އަޑުއެހުމުގެ ބަދަލުގައި އޭނައަށް އިޖާބަދެވުނީ އެހިތުގެ ގޮވުންތަކަށެވެ. އެހިތުގައި ވިންދު ޖަހަމުން ދިޔަ ލޯތްބަށެވެ. އެހެނަސް މިއަދު މަންޒަރުތައް ބަދަލުވެގެން ހިނގައްޖެއެވެ. ލޯބީގެ ދާން އަނދާއަޅިއަށް ވެއްޖެއެވެ. ރުހައިމްގެ ހަޤީޤަތާ ކުރިމަތިލާން ޖެހުމުން މަންމަ ދިން ނަސޭހަތުގެ މުހިންމުކަން އިހުސާސް ވެއްޖެއެވެ. މަންމައާ ހަތަރުކަޅިހަމަކުރުން ވެސް ނާލާއަށް ދަތިކަމަކަށްވީ އެހެންވެއެވެ. ބިކަހާލުގައި ޖެހުނު ދުވަހު އަންނަން ޖެހިފައި އެވަނީ ހަމަ އެމަންމަގެ ގާތަށެވެ.

ހިމޭންކަމާއެކު ވަގުތު ފާއިތުވާން ފެށިއެވެ. ނާލާގެ ތުނބުގައި ނަދީމާ ފެންތަށި ޖެއްސުމުން ވެސް ނާލާއަށް ފެން ބޮވޭ ގޮތެއް ނުވިއެވެ. ގިސްލެވި އަރުބެދުނީއެވެ. އޭރު ވެސް އިރުއިރުކޮޅާ ނާލާއަށް ކޯތާފަތް ފޮހެލެވެއެވެ.

''ދަރިފުޅާ، މަންމަ ހާސް އެބަވޭ، ކީއްވެގެންތަ ކުއްލިޔަކަށް ދަރިފުޅު އަންނަން ޖެހުނީ، ކީއްވެގެންތަ ތިރޮނީ؟، ރުހައިމް ކޮބާތަ؟، އޭނަ ނާދޭތަ ދަރިފުޅާއެކުގައި؟...'' ނަދީމާއަށް އެހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތައް ބަންޑުންކޮށްލެވުނެވެ. އަތުގައި އޮތް ފެންތަށި ސޯފާކުރިމަތީ ހުރި މޭޒުމަތީ ބަހައްޓަމުން ނާލާގެ އަތުގައި ނަދީމާއަށް ހިފާލެވުނެވެ. ހާސްވެގެން ގޮސް ނެވާލާން ވެސް ނަދީމާއަށް އުނދަގޫވެފައި ވިއެވެ. ނާލާގެ ކަރުނަތައް ތަކުލީފަކަށް ވާން ފެށިއެވެ. ލޯބިވާ ދަރިފުޅުގެ ލޮލުން ކަރުނަ އޮހޭ މަންޒަރު ބަލަން ކެތްކުރެވޭ ގޮތެއް ނުވިއެވެ.

''މަންމާ... އަހަންނަށް... އަހަންނަށް މަޢާފްކުރޭ...'' ނަދީމާގެ ސުވާލުތަކަށް ނާލާއަށް ޖަވާބެއް ނުދެވުނެވެ. މަޢާފަށް އެދެވުނީ އެހެންވެއެވެ.

ނާލާގެ ޖުމްލައިން ނަދީމާގެ އިތުރުން ބިލާލްއަށް ވެސް ލިބުނީ ހައިރާންކަމެވެ. އެކަކު އަނެކަކާ ނަޒަރު ބަދަލުކޮށްލެވުނެވެ.

ނާލާގެ ޖުމްލައިގެ މާނަ އެދެމަފިރިންނަށް ވެސް ދޭހަކުރެވޭ ގޮތެއް ނުވިއެވެ. ކަންބޮޑުވުން އިތުރުވީ ވެސް އެހެން ވެއެވެ.

''ދަރިފުޅު މަޢާފަށް ތި އެދެނީ ކީއްވެގެންތަ؟، މައާފަށް އެދޭވަރުގެ ކަމެއް ނާލާއަށް ކުރެވުނީތަ؟...'' ހިތް ނުތަނަވަސްވެގެން ދިޔަ ދަނޑިވަޅުގައި ނަދީމާއަށް ސުވާލުކޮށްލެވުނެވެ. ނާލާގެ ދަތްދޮޅީގައި ހިފަމުން އިސް އުފުލުވާލެވުނެވެ. ރަތްކަން އެކުލެވިގެންވި ނާލާގެ އުދާސީ ދެލޮލާއި ނަދީމާގެ ނަޒަރު ބައްދަލުވުމާއެކު ހިތް ގެނބިގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ.

ތާޒާ ކަރުނަތައް ބަބުޅަމުން ދިޔަ ނާލާގެ ދެލޮލުގައި ވަނީ ހިތްދަތިކަމެވެ. ވޭނާއި ކެކުޅުމެވެ.

''ހޫމްމްމް...'' ގިސްލުމަކާއެކު މަންމަގެ ސުވާލަށް ނާލާ ޖަވާބު ދިނެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން މަންމައަށް ނާލާ ބަލައިލިއެވެ. އެހިތުގައި ތޫނު ރިހުމެއް އުފެދިފައި ވިއެވެ. ރުހައިމްގެ ހަޤީޤަތް އޭނަ ހާމަކުރާނީ ކިހިނެއް ހެއްޔޭ ވެސް ހިތާ ސުވާލުކުރެވުނެވެ.

''ކޮންކަމެއްތަ؟... ދަރިފުޅާ... ރުއިން ހުއްޓާލާފައި މަންމައަށް ކިޔައިދީބަލަ... ފޮށި ހިފައިގެން އަންނަން ޖެހުނީ ކީއްވެގެންތަ؟...'' ސުވާލަކަށް ފަހު ސުވާލެއް ނަދީމާއަށް ކުރެވުނެވެ.

''މަންމާ... އަހަރެން ހީކުރިކަހަލަ މީހަކަށް ރުހައިމް ނުވި...'' އިސްޖަހާލަމުން ނާލާ ބުނެލިއެވެ. ނާލާގެ އަޑުގައި ތުރުތުރުލުމެއް އެކުލެވިގެން ވިއެވެ.

ނާލާގެ ޖުމްލައާއެކު ހީވީ މާހައުލަށް ބޮމެއް ވައްޓާލެވުމުންހެންނެވެ. ނަދީމާގެ އިތުރުން ބިލާލް ވެސް ދިޔައީ ސިހިގެންނެވެ. ހައިރާންކަމާއެކު ބަލަން ތިބެވުނެވެ.

ހިމޭންކަމުގެ ސުކޫތު ދިގުލައިގެން ދިޔަ އިރުގައި ވެސް އިތުރު އެންމެ ލަފުޒެއް ވެސް ނާލާގެ ދުރުން ބޭރެއް ނުވިއެވެ. އޭގެ ސަބަބުން ބިލާލްގެ ދެމަފިރިންނަށް ލިބުނީ އިތުރު ހާސްކަމަކެވެ.

*****

އަތުގައި އޮތް ސިޓީއުރައަށް ބަލަން ހުރި ސަކީނާގެ އަތުގައި މަޑު ތުރުތުރުލުމެއް އުފެދިގެން ދިޔަ އެވެ. އޭރު އެހިތުގެ ތެޅުން ވެސް އިންތިހާއަށް އަވަސްވެއްޖެއެވެ. މޫނުމަތިން ފާޅުވަމުން ދިޔައީ ސިހުމުގެ ކުލަވަރުތަކެވެ. ބޮޑުވެގެން ދިޔަ ދެލޮލުން އަނެއްކާ ވެސް ސަކީނާއަށް ބަލައިލެވުނެވެ. އޭގައި ލިޔެފައި އޮތް އެއްޗެއް ކޮންމެވެސް ވަރަކަށް އޭނައަށް ފަހުމުވާ ގޮތް ވިއެވެ. ބިރުވެރިކަން އައިސް މީހާ ވަށާލީ ދެނެވެ.

''ޔަޝްފީ؟...'' އޭގައި ލިޔެފައި އޮތް ނަން ސަކީނާއަށް ކިޔާލެވުނެވެ. މީގެ އިރުކޮޅެއް ކުރިން ލޯކުރިމަތިން ނިއުޅިގެން ދިޔަ މަންޒަރުތަކުގެ ސަބަބު އޭނައަށް ސާފުވާން ފެށީ ދެނެވެ. ނާލާގެ ހިމޭންކަމެވެ. އެދެލޮލުން އޮހޮރުނު ކަރުނަތެކެވެ. ނުހުއްޓުވުމަށް އެދި ކުރި އާދޭސްތަކެވެ. ފަސްބެލުމެއް ނެތި ގެއިން ނިކުމެގެން ދިޔަ މަންޒަރެވެ.

ސަކީނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ނޭވާގެ ހިނގުމަށް ވެސް ބުރޫއަރާ ގޮތް ވިއެވެ. ޤަބޫލުކުރަން ދަތިވެފައިވާ ހާލު ކުރިމަތީ ހުއްޓި ހުރި ރުހައިމަށް ސަކީނާ ބަލައިލިއެވެ. ކުށްވެރިއަކު ފަދައިން އޭނަގެ ކުރިމަތީ އިސްޖަހައިލި ރުހައިމް ފެނުމާއެކު ސަކީނާގެ މޭގަނޑަށް ލޮޅުމެއް އަރައިގެން ދިޔަ އެވެ. ފައިގެ ދަށުގައި އޮތް ބިންގަނޑު ވެސް ގުޑިލި ކަހަލައެވެ. މީހާ އަރިއަޅާލަން ވެސް އުޅުނެވެ. އޭނަގެ މަދަދުވެރިކަމަށް ރުހައިމް އަތް ދިއްކޮށްލުމާއެކު ސަކީނާގެ ގާތަށް އައީ ރުޅިއެވެ. ވަގުތުން ރުހައިމްގެ އަތް ފޮޅުވާލެވުނެވެ.

''މި ކޯޗެއްތަ؟...'' ސަކިނާގެ އަޑުގައި ވަނީ ތުރުތުރުލުމެކެވެ. ބިރެއް ފެނިފައިވާ ކަހަލައެވެ. ހަމަނޭވާލާން ދަތިވުމުން މޭގައި ވެސް ފިރުމާލެވުނެވެ. ރުހައިމްގެ ހަމަހިމޭންކަމުން ސަކީނާގެ ހިތަށް އިތުރު ތަކުލީފުތަކެއް ލިބުނެވެ. ފެންނަމުން ދިޔަ ހަޤީޤަތާ ކުތިމަތިލުން އޭނައަށް ދަތިކަމަކަށް ވެއްޖެއެވެ. ކުއްލި ގޮތަކަށް ނާލާ ގެއިން ނިކުންނަން ޖެހުނު ސަބަބު އޭނައަށް ސާފުވާން ފެށިއެވެ. ނަމަވެސް ޤަބޫލުކުރަން ދަތިކަމަށް ވިއެވެ. ލޯބިވާ ދަރިފުޅު އެފަދަ ދަށު ދަރަޖައަކަށް ވެއްޓިގަންނާނެކަން ގަބޫލުކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟

''ރުހައިމް...'' ސަކީނާއަށް ބާރަށް ގޮވާލެވުނެވެ. އެވަގުތު ފާރޫގު ވެސް އައިސް ކޮޓަރިއަށް ވަނެވެ. މަންމައާއި ބައްޕައާ ކުރިމަތިލާންވުމުން ރުހައިމްއަށް ލިބުނީ ނުތަނަވަސްކަމެވެ. މަންމަގެ ދެލޮލުން ފެންނަމުން ދިޔަ ސުވާލުތަކަށް އޭނައަށް ޖަވާބުދާރީއެއް ނުވެވުނެވެ. އެސުވާލުތަކަށް ޖަވާބު ދީފިނަމަ މަންމަގެ ހިތަށް ބަޔާންކުރަން ދަތި ސަޒާއެއް ލިބޭނެތީއެވެ.

''މަންމާ...'' ރުހައިމްއަށް ގޮވާލެވުނެވެ. އެވަގުތު ސަކީނާގެ އަތުގެ ހޫނު ހަމަލާއެއް ރުހައިމްގެ ކަންކަށިމައްޗަށް އަމާޒު ވިއެވެ. ހަމަލާގެ އަޑުފަށްގަނޑު ވެސް ކޮޓަރީގައި ގުގުމާލިއެވެ. ދޮރުކުރިމަތީ ހުރި ފާރޫގު ސަކީނާގެ ގާތަށް ދިޔައީ ދެނެވެ.

''މި ކޯޗެއް؟... ކޮން ޔަޝްފީއެއްތަ؟...'' އަތުގައި އޮތް ސިޓީއުރަ ރުހައިމްގެ މޫނުމައްޗަށް ހޫރާލަމުން ސަކީނާ ވާހަކަދެއްކިއެވެ.

ވާނުވާނޭނގިފައި ހުރި ފާރޫގުގެ ނަޒަރު ފުރަތަމަ ގޮސް ހުއްޓުނީ ސަކީނާ އަށެވެ. އެއަށްފަހު ހާސްވެ ނުތަނަވަސްވެފައި ހުރި ފިރިހެންދަރިފުޅަށެވެ. މަސްރަހު ގޯހުންގޯހަށް ގޮސްފައި އޮތް މިންވަރު ވެސް އޭނައަށް އަންދާޒާކޮށްލެވުނެވެ.

ރުހައިމްގެ ފަރާތުން ޖަވާބެއް ނުލިބުމުން، ޖަވާބު ބޭނުންވެފައި ހުރި ފާރޫގު ގުދުވެލަމުން ބިންމަތީގައި އޮތް ސިޓީއުރަ ނެގިއެވެ. އޭގައިވާ އެއްޗެއް ބެލުމުގެ ޝައުޤުވެރިކަން ހިތުގައި އޮތެވެ.

''ކީއްވެތަ ޖަވާބު ނުދީ ތިހުންނަނީ، މިކަމެއްގެ ސަބަބުންތަ ނާލާ ގެއިން ނިކުމެގެން ދާން ޖެހުނީ، ރުހައިމް!...'' ސަކީނާގެ އަޑު ބާރުވާން ފެށިއެވެ. އެދެލޮލަށް ކަރުނަ ވެސް ޖަމާވެއްޖެއެވެ. ބޮލަށް ވެސް އެނބުރުން އަރާ ކަހަލަ ގޮތެއް ވިއެވެ. ލޮލުގެ ނޫރު ފަދައިން ބަލާ ބޮޑުކުރި ދަރިފުޅު އެފަދަ ހުތުރު އަމަލެއް ކޮށްފާންކަމުގެ ހަގީގަތާ ކުރިމަތިލުންވީ ދަތި ކަމަކަށެވެ. އޭނަގެ ތަރުބިއްޔަތުގައި އުނިކަމެއް އެކުލިވިގެންވީބާވައޭ ވެސް ސަކީނާއަށް ހިތާ ސުވާލުކުރެވުނެވެ. މާބޮޑަށް ލޯބިދެވުނީ ހެއްޔެވެ؟ ދޮންފުތުކުރެވުނީ ހެއްޔެވެ؟

''މަންމާ... އަހަންނަށް މަޢާފްކުރޭ...'' ރުހައިމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެވަގުތު ކަންކަށިމައްޗަށް އަރައިގެން ދިޔަ ހޫނު އެތިފަހަރުގެ ދިލަކަން ރުހައިމްގެ ހިތާ ހަމައަށް ވާސިލު ވިއެވެ. މަންމައާއި ބައްޕައަށް އޭނަގެ ސަބަބުން ލިބެމުން ދިޔަ ތަކުލީފުތައް ރުހައިމްއަށް އިހުސާސްކުރެވުނެވެ. ލަދުވެތިކަން އައިސް މީހާ ވަށާލައިފިއެވވެ. އޭނައަށް އަރައިގަނެވުނު ފާފަ އެވަނީ ބޭޒާރުވެގެން ގޮސްފައެވެ. ހުރިހާ އެންމެންގެ ނަފްރަތު އޭނައަށް އަމާޒުވާނެކަން ގައިމެވެ. މަންމައާއި ބައްޕަ އޭނައާ މެދު ދެކެމުން އައި ލޯބީގެ ނަޒަރިއްޔާތު ވެސް ރުޅިވެރިކަމަށް ބަދަލުވާނެއެވެ. އެހިތަށް އިތުރު ވޭނެއް ލިބުނީ ދުނިޔެމަތިން ވެސް އެންމެ ބޮޑަށް ލޯބިވި ފަރާތް އޭނައާ ވަކިވެއްޖެކަމުގެ ހިތިކަމުންނެވެ. ވޭނާއި ހިތްދަތިކަން ބަރުދާސްތުކުރެވޭ ގޮތެއް ނުވިއެވެ.

''މިދުވަސް ދުށުމުގެ ކުރިން އަހަރެން މަރުވިނަމައޭ ހިތަށް އެބައަރާ، އޭރުން މިފަދަ ލަދުވެރިތަކަމަކާ ކުރިމަތިލާން ނުޖެހުނީސް... ރުހައިމްއަށް ހެވާއި ނުބައި ދަސްކޮށްދިނުމުގައި މަންމައަށް ގޯހެއް ހެދުނީތަ؟... ރަނގަޅު ތަރުބިއްޔަތެއް ނުދެވުނީތަ؟... ރުހައިމްގެ ސަބަބުން ކޮންފަދަ ބޮޑު ހިތްދަތިކަމެއްތަ ނާލާއަށް އެލިބުނީ، ރުހައިމްދެކެ ލޯބިވާތީ އެއްނު ނާލާގެ މަންމަގެ ނުރުހުމުގައި ވެސް ރުހައިމްއާ ކައިވެނި ކުރީ، މިއަދު ނާލާއަށް ދާން ޖެހިފައިވަނީ އެމަންމަގެ ގާތަށް، ހަމައެކަނި ނާލާގެ ދިރިއުޅުމެއް ނޫން ރުހައިމްގެ ސަބަބުން ހަލާކުވީ، އެޔަޝްފީގެ ދިރިއުޅުން ވެސް ހަލާކުވެގެން އެދިޔައީ... އަންހެންކުއްޖެގެ އަބުރަކީ ކިހާ މުހިންމު އެއްޗެއްކަން ރުހައިމްއަށް ނުވިސްނުނުތަ؟... ރުހައިމް މިއަދު އަހަރުމެންގެ އަގު އެންމެންގެ ތެރޭގައި ވައްޓާލައިފި، ނާލާއާ ވާހަކަދައްކަން ދެން ނަދީމާގެ ކުރިމައްޗަކަށް ވެސް ނޭރޭނެ... ކީއްވެ؟، ކީއްވެ އެފަދަ މުޑުދާރު ކަމަކަށް އަރައިގަތީ... ރުހައިމްތީ ހެޔޮނުބައި ވަކިކުރަން އެނނގޭ ވަރުގެ ފިރިހެނެއް ނޫންތަ؟، ދެން ކީއްވެ؟... ކީއްވެގެންހޭ!...'' ވާހަކަދައްކަމުން ގޮސް ސަކީނާއަށް ރޮވުނީއެވެ.

''މިއަދު ހިތަށް އެބައަރާ ތިކަހަލަ ދަރިއަކު ލިބުމަށްވުރެން ދަރިއަކު ލިބުމުގެ ނަސީބުން މަރުހޫމް ވިނަމަވެސް މާ ރަނގަޅޭ... އޭރުން މިފަދަ ބޮޑު ލަދުވެތިކަމަކާ ކުރިމަތިލާން ވެސް ނުޖެހުނީސް!...'' ސަކީނާގެ އަރުބެދުނެވެ.

ފާރޫގު ހުރީ ޝޮކެއްގެ ތެރޭގައެވެ. ދަރިފުޅާ މެދު ހާމަވެގެން ދިޔަ އަނދިރި ސިއްރުތަކާ ކުރިމަތިލާނެ ގޮތެއް ނޭނގިފައެވެ. އޭނަ ގާތަށް ރުޅި އަންނަ ގޮތް ވެސް ވިއެވެ. ކުރިއަށް ޖެހިލެވުނީ އެރުޅިވެރިކަން ރުހައިމްއަށް އަމާޒުކކުރުމުގެ ބޭނުމުގައެވެ.

''ފާރޫގު!...'' ސަކީނާއަށް ފާރޫގުގެ އަތުގައި ހިފާލެވުނެވެ. އިތުރަށް އެތަނުގައި މަޑުކުރުމަކީ ބުއްދިވެރިކަމެއް ނޫންކަން އޭނައަށް ވިސްނުނެވެ. ފާރޫގު ރުޅިއައިސް ހައިޖާންގަނޑެއް ހިންގާލަފާނެތީ ވެސް ސަކީނާ ބިރުގަތެވެ. ރުޅިއަޔަސް ރުހައިމްއަށް ބޮޑު ހާނިކައެއް ވާން ސަކީނާގެ މައިލަގޮނޑިއަށް ކެތެއް ނުވިއެވެ. އެހިތުގައި އަދިވެސް މައިވަންތަކުގެ ލޯބި ވިއެވެ. ދަރިފުޅު ގޯސް މަގު ޚިޔާރުކުރުމުން އެހިތުގައި ވަނީ ޝަކުވާތަކެވެ. ހިތުގައި އުފެދިފައިވި ރިހުމާއި ގުޅިފައިވާ އަސްލު ސަބަބަކީ އެއީއެވެ.

''އެއްޗެއް ނުބުނެ ހުރުމުން މިކަން ނުވާކަމަށް ވޭތަ؟... އޭނަ އެކުރި މުޑުދާރު ކަންތަކުން ކޮންފަދަ ބޮޑު ލަދުވެތިކަމަކާތަ އަހަރުމެން ކުރިމަތިލާން ޖެހޭނީ... އޭނަގެ ނުބައިކަމުން ނާލާ ވެސް ނިކުމެގެން އެދިޔައީ، އެމަންޖެ ހުރީ އަހަރުމެންނާ ކުރިމަތިލާން ވެސް ނުކެރިފައި... އެހެންވެ އަވަސްއަވަހަށް އެދިޔައީ ވެސް......'' ފާރޫގަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު ވެސް ފާރޫގުގެ އަތުން ސަކީނާ ދުލެއް ނުކުރިއެވެ. ބޮޑު ކޯޅުންގަނޑެއް ހިނގާފާނެތީ ސަކީނާ ހުރީ ޖެހިލުންވެފައެވެ. އޭރު ރުހައިމްއާ މެދު އެހިތުގައި އޮތް ރުޅިވެރިކަން ވަނީ ބިރުވެރިކަމަށް ބަދަލުވެފައެވެ. ކަންބޮޑުވުމާއެކު ރުހައިމްއަށް ސަކީނާ ބަލައިލިއެވެ. ދަރިފުޅުގެ މޫނުމަތިން ހިތްދަތިކަން ސަކީނާއަށް ފާހަގަ ކުރެވުނެވެ. ދެރަވެ ހިތުގައި ޖެހިފައި ހުރި މިންވަރު ވެސް ފެނުނެވެ. ކުރެވުނު ކަންތަކާ މެދު ލަދުގަނެފައި ހުރި ކަން ވެސް ޔަޤީންކުރެވުނެވެ. އެވަގުތު ސަކީނާގެ ހިތް ފުރިގެންއައީ ޝަކުވާތަކުންނެވެ.

''ކަލޭގެ ލަދުހަޔާތް ކޮބާތަ...'' ސަކީނާގެ އަތް ފޮޅުވާލަމުން ފާރޫގު ދިޔައީ ރުހައިމްއާ ދިމާއަށެވެ. ފާރޫގު ހުރީ ރުޅި އައިސް ރަތްވެފައެވެ. ރުޅިވެރިކަމުގެ އަމާޒުފަށްގަނޑަކަށް ހެދުނީ ރުހައިމް އެވެ.

ބައްޕަގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތަކުން ދިފާއުވާކަށް ރުހައިމް ބޭނުމެއް ނުވިއެވެ. އެވޭނާއި ތަކުލީފުތައް އޭނައަށް ޖާއިޒު ވާތީއެވެ. އޭނަގެ ނުބައިކަމުން އާއިލާގެ މަސްލަހަތު ވެސް ނަގާލެވިއްޖެއެވެ. ކިތަންމެ އަދަބެއް ލިބުނަސް އޭނައަށް ހައްޤެވެ. ޖިސްމަށް ލިބެމުން ދިޔަ އަނިޔާއަށް ވުރެން އެހިތަށް ލިބިފައިވި ޒަހަމްތައް ފުނެވެ. އޭގެ ކެކުޅުންތައް ވެސް ގަދައެވެ. ނާލާއާއި ވަކިވެއްޖެކަމުގެ ހިތިކަމާ ކުރިމަތިލާން ގޮތެއް ރުހައިމްއަކަށް ނޭނގުނެވެ.

މަންޒަރު ބަލަން ސަކީނާއަށް ދުރުގައި ނުހުރެވުނެވެ. އޭނަ އައިސް ފާރޫގުގެ އަތުގައި ހިފަހައްޓަން އުޅުނެވެ. އޭރު ރުހައިމް އޮތީ ބިންމައްޗަށް ވެއްޓިފައެވެ. ލޮލާއި ތުންފަތް ފަޅައިގެން ގޮސް ލޭ އައިސްފައި ހުއްޓެވެ. ރުހައިމްއަށް ލިބިފައިވި އަނިޔާތައް ފެނި ސަކީނާއަށް ރޮވުނެވެ.

''ފާރޫގު!...'' ސަކީނާއަށް ހަޅޭއްލަވައިގަނެވުނެވެ.

ފާރޫގަށް ހަމަހޭވެރިކަންވީ ދެނެވެ. އޭރު ރުހައިމް އޮތީ ބިންމައްޗަށް ދެމިފައެވެ.

ރުހައިމްގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައީ ބައްޕަގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންނެއް ނޫނެވެ. ހިތުލޯބި ހިތާވަކިވެއްޖެކަމުގެ އުދާސްކަމުންނެވެ.

ހަމަހޭވެރިކަން ވުމުން ބިންމައްޗަށް ދެމިފައި އޮތް ރުހައިމްއަށް ފާރޫގު ބަލައިލިއެވެ. އެއަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީ އެވެ.

ރޮވިފައި ހުރި ސަކީނާއަށް ރުހައިމްގެ ގާތަށް ތިރިވެވުނެވެ. ދަރިފުޅުގެ ދުލުން ބޭރުވި ރުއިމުގެ އަޑު ސަކީނާގެ ކަންފަތާ ހަމައަށް ފޯރީ ދެނެވެ. އެއީ ރުހައިމްގެ ހަށިގަނޑަށް ބޭރުފުށުން ލިބުނު ވޭނަށް ވުރެން ހިތުގައި އަޅަމުން ދިޔަ ރިހުންކަން ސަކީނާއަށް ތަސައްވަރުކުރެވުނެވެ.

ރުހައިމްއަށް ބަލަން ސަކީނާއަށް ހުރެވުނެވެ. ސިހުނީ ފާރޫގުގެ އަޑަށެވެ.

''އޭނައަށް އެހީވާނެކަމެއް ނެތް... ސަކީނާ ނިކުމޭ!...'' އަޑުހަރުކޮށް ފާރޫގު ބުނެލިއެވެ. ފިރިމީހާ އިންކާރުކުރުމުން މަޑުކުރާކަށް ސަކީނާއަކަށް ނުކެރުނެވެ. ފާރޫގުގެ ރުޅިވެރިކަން އޭނައަށް ފެނުނީ ފުރަތަމަ ފަހަރަށެވެ. ސިހުން ލިބިފައިވީ އެހެން ވެއެވެ. ނަމަވެސް އަނިޔާކުރުން އެއީ ގޯސްކަމެއްކަން ފާރޫގަށް ވިސްނައިދޭން ސަކީނާ މަސައްކަތްކުރިއެވެ. އެކަމާ ވެސް ފާރޫގު ރުޅިގަދަވިއެވެ.

*****

''ނާލާ...'' ބޮޑުކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް އައީ ނަދީމާގެ އަޑުންނެވެ. އޭރު ނާލާ އިނީ އިސްޖަހާލައިގެންނެވެ. ''ދަރިފުޅާ ރުހައިމްއާ ދެމެދު މައްސަލައެއް ޖެހުނީތަ؟...''

މަންމަގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނާލާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހަޤީޤަތް ހާމަކުރުމުގެ ހިތްވަރެއް އެހިތަކަށް ނުލިބުނެވެ. ރޮވުނީ އެހެން ވެއެވެ.

މަސްލަހަތު ވަރަށް ގޯސްވެއްޖެކަން ނަދީމާގެ އިތުރުން ބިލާލްއަށް ނަގައިގަނެވުނެވެ. ނަދީމާގެ ހިތުގައި އެތައް ސުވާލެއް ފުނިޖެނުވެ. ސުވާލުތައް ދުލާ ހަމައަށް ނުގެނެވީސް މަޑުޖައްސާލަން ޖެހުނީ ބިލާން އޭނަގެ ކޮނޑުގައި އަތްތިލަ ބާއްވާލުމުންނެވެ. ބިލާލް ބުނަން ބޭނުންވާ ވާހަކަ ނަދީމާއަށް ނަގައިގަނެވުނެވެ. ފުންނޭވާއެއް އޭނައަށް ދޫކޮށްލެވުނެވެ. އޭރު އޭނަ ހުރީ ރުހައިމް ދެކެ ހިތްހަމަނުޖެހިފައެވެ. ނާލާގެ ކަރުނަތަކާއި ވާހަކަތަކުން ކުށްވެރިކަމުގެ އިނގިލި ދިއްކުރަމުން ދިޔައީ ހަމައެކަނި ރުހައިމް އަށެވެ. އޭނައާ ހަތަރުކަޅި ހަމަކުރަން ވެސް ނާލާ ފަސްޖެހިފައިވުމުން، ރުހައިމްގެ ސަބަބުން ނާލާއަށް ލިބިފައިވި ހިތްދަތިކަމުގެ ފުންމިން ނަދީމާއަށް އަންދާޒާކުރެވުނެވެ. ރުޅިވެރިކަން އައިސް އޭނަ ވަށާލީ ދެނެވެ.

''ދަރިފުޅު ކޮޓަރިއަށް ދޭ...'' ނާލާއަށް ވަގުތު ދޭން ބޭނުންވެފައި ހުރި ބިލާލް ބުނެލިއެވެ.

ބައްޕަ އިތުރު ސުވާލުތަކެއް ނުކުރުމުން ނާލާގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެސުވާލުތަކަށް އަބަދު ފިލަން ނުދެވޭނެކަން އޭނައަށް ޔަޤީންކުރެވުނެވެ. ކޮންމެވެސް އެއް ދުވަހަކުން އެސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭނެކަން ގައިމެވެ.

*****

ނާލާއާއެކު ކޮޓަރިއާ ހަމައަށް ނަދީމާ ދިޔަ އެވެ. އޭރު ވެސް ނާލާ ހުރީ ބަސް މަދުވެފައެވެ. ދަރިފުޅުގެ މޫނުމަތި މިލައިގެން ގޮސްފައިވުމުން ނަދީމާގެ ހިތަށް ތަދުވެލިއެވެ. ފުން ހިތާމަތަކެއް ބަރުދާސްތުކުރަމުންދާކަން ކަރުނައިގެ ތެތްކަން އެކުލެވިގެންވި ދެލޮލުން ހެކިދިނެވެ. ނަދީމާއަށް ކުށްވެރިކުރެވުނީ ރުހައިމް އެވެ. އޭނަގެ ހިތުގައި ބިރުވެރިކަން އޮތް ދުވަސް މިހާރު އައިސް އެވަނީ ކުރިމަތިވެފައެވެ. ރުހައިމްއަށް ނާލާ އުފަލުގައި ނުބެލެހެއްޓޭނެކަމުގެ ނުތަނަވަސްކަން އަބަދުމެ އޭނަގެ ހިތުގައި އޮތެވެ. މިއަދު އެހާލަތު އެވަނީ ކުރިމަތިވެފައެވެ. ދަރިފުޅަށް ކޮށްފައިވި ފުން އަސަރުތަކުން ރުހައިމް ދެކެ ނަދީމާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ގޯހުންގޯހަށް ކަންތައް ދިޔައީ ރުހައިމްގެ ސަބަބުންކަމަށް ވެސް އޭނަ ނިންމިއެވެ. ވެގެން އުޅޭ ގޮތެއް ސާފު ނުވިކަމުގައި ވިޔަސް އޭނައަށް ކުށްވެރިކުރެވުނީ ހަމައެކަނި ރުހައިމް އެވެ. އެތައް އިލްޒާމެއް ވެސް އަޅުވައިފިއެވެ.

ނާލާގެ ކޮޓަރިން ނަދީމާ ނިކުމެގެން އައި އިރުގައި ބޮޑުކޮޓަރީގައި ބިލާލް ހުއްޓެވެ. ފޯނުން މީހަކަށް ގުޅައިގެންނެވެ. އެމޫނުގައިވި ނުތަނަވަސްކަމުން ގުޅަންކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ނުވާކަން ހާމަވެއެވެ. އިރުކޮޅެއް ވަންދެން ބިލާލަށް ބަލަން ހުރެފައި ނަދީމާ ވާހަކަދެއްކިއެވެ.

''ކާކަށްތަ ތިގުޅަނީ؟....'' ނަދީމާގެ އަޑަށް ބިލާލް ފަސްއެނބުރި ބަލައިލިއެވެ.

''ރުހައިމްއަށްތަ؟...'' ޔަޤީންކޮށްލަން ނަދީމާ އެހިއެވެ. އަޑުގައި ވަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.

''ހޫމްމްމް...'' ބިލާލްގެ ޖަވާބާ މެދު ނަދީމާ ހިތްހަމަނުޖެހުނެވެ. ހަލުވިކޮށް ހިނގާފައި އައިސް ބިލާލްގެ ކަންފަތުގައި ޖައްސާފައި ހުރި ފޯނު ދަމައިގަތެވެ. އަދި ފޯނު ކަނޑައިލިއެވެ.

''ނަދީމާ...'' ބިލާލްއަށް ގޮވާލެވުނެވެ. ނަދީމާގެ އަތުން ބިލާލް ފޯނު އަތުލިއެވެ.

''ކީއްކުރަން އޭނައަށް ގުޅަނީ؟... އޭނަގެ ސަބަބުން އަހަރުމެންގެ ދަރިފުޅަށް ލިބިފައި ހުރި ހިތާމަތައް ބިލާލްއަކަށް ނުފެނޭތަ؟... ފުރަތަމަ ވެސް އަހަންނަށް ހީވިޔޭ މިދުވަސް ދެކެން ޖެހޭނެކަން، އެހެންވެ ކައިވެންޏަށް ދެކޮޅު ހެދީ... އެކަމަކު އަހަރެންގެ ވާހަކަތައް ބިލާލް އަޑެއް ނެހީމެއްނު، އެކަމުގެ ހިތްދަތިކަމާ މިއަދު ނާލާ ކުރިމަތިލަމުން އެދަނީ... އޭނަ ނާލާގެ ހިތުގައި ވަރަށް ބޮޑަށް ޖައްސައިފި، އެހެންނޫންނަމަ ގެއިން ނިކުމެގެން ނާލާ ނާންނާނެ...'' ނަދީމާއަށް އެހިތުގައިވި ނުރުހުންތެރިކަން އިތުރަށް ސިއްރެއް ނުކުރެވުނެވެ. ރުހައިމްއާ ދިމާއަށް އޭނަ އަޑުލިއެވެ.

''ނަދީމާ!...'' ނަދީމާގެ ވާހަކަތައް ނާލާއަށް އަޑުއިވިދާނެތީ ބިލާލް ކަންބޮޑުވިއެވެ.

''މިއަދު އަހަރެން މަޑަކުން ނުހުންނާނަން، އަހަންނަށް ކެތެއް ނުވާނެ ނާލާ ކަރުނައަޅާ މަންޒަރު ބަލަން ހުންނާކަށް!... ދަރިންގެ ކަންކަމަކަށް އަހަރެން ފާޑުކިޔަނީ ދަރިން ދެކެ ލޯބިވާތީ، ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ލިބެން ބޭނުންވާތީ... ވަރަށް ބޮޑަށް ވިސްނާފައި ރުހައިމްއަށް ފުރުސަތެއް ދޭން އަހަރެން އުޅުނީ، އެކަމު އޭނަގެ ފެންވަރު މިހާރު މިފެންނަނީ... ނަސީބެއް ކަންނޭނގެ ރުހައިމްއާއެކު ނާލާއަށް ޢާއިލާއެއް ނުފެށުނުކަން، އެހެންނޫންނަމަ އިތުރު ހިތްދަތިކަމެއް ނާލާއަށް ލިބޭނެ...'' ނަދީމާގެ އަޑުމަޑުވާ ގޮތެއް ނުވިއެވެ.

''ވެގެން އުޅޭ ގޮތެއް އަދި ސާފެއް ނުވެއެއްނު، ރުހައިމްއާ ވާހަކަދައްކައިގެން ވިޔަސް މިކަމަށް ހައްލެއް ހޯދަން އެބަޖެހޭ، ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލައަކަށްފަހު ގެއިން ނިކުމެގެން އައުން އެއީ ރަނގަޅުކަމެއް ނޫން، އަހަރުމެން ޖެހޭނެ އެކުދިންނަށް ނަސޭހަތްދޭން...'' ނަދީމާއަށް ވިސްނައިދޭން ބިލާލް މަސައްކަތްކުރިއެވެ. އެއާއެކު ނަދީމާ އިތުރަށް ރުޅިގަދަވިއެވެ. ބިލާލްއަށް ނުރުހުމާއެކު ބަލައިލިއެވެ.

''ބިލާލް އަދިވެސް ބޭނުންވަނީ އޭނައާ ވާހަކަދައްކަންތަ؟... އޭނަ ނާލާއަށް ލަނޑެއްދީގެން އުޅޭކަން އަހަންނަށް ޔަޤީން، އެހެންނޫންނަމަ ނާލާ މިގެއަކަށް ނާންނާނެ... އިތުރު ގޮތެއް ފެނުނުނަމަވެސް އަހަރުމެންގެ ގާތަށް ނާލާ ނާންނާނެ، އެކަމުން ވެސް ހެކިދޭ ރުހައިމްގެ ކުށް އޮތް މިންވަރު... ނާލާ އަހަރެންގެ ގާތުން މަޢާފަށް އެދޭނީ ހައްލުނުކުރެވޭ ވަރުގެ މައްސަލައެއް ޖެހުނީމަ، އޭނަ ރުހައިމް ދެކެ ލޯބިވޭ، ލޯބިވާ މީހަކު ދޫކޮށްފައި އަންނާނީ އޭނަގެ ސަބަބުން ބޮޑު ހިތްދަތިކަމެއް ލިބުމުން، ނޭނގޭ އޭނަ ކުރީ ކީއްކަމެއް ވެސް، އިތުރު އަންހެނަކާ ހިތާވެގެން އުޅޭކަން ނާލާއަށް ފަޅާއެރީކަމަށް ވެސް ވެދާނެ...... އަހަރުމެންގެ ދަރިފުޅުގެ ދިރިއުޅުން އޭނަ ބަރުބާދުކޮށްލައިފި... ނާލާއަށް ބަލައިލުމުން ވެސް ހިތްދަތިވެފައި ހުރި މިންވަރު ފެނޭ...'' ނަދީމާ ދުލެއް ނުކުރިއެވެ. ހިތުގައި އޮތް ރުޅިވެރިކަން އޭނަ ބޭރުކުރިއެވެ. އެކަމާ ބިލާލް ނުރުހުން ވިއެވެ.

''ނަދީމާ!، ތިހެން ރުހައިމްއަށް އެއްޗެހި ގޮވުމަކީ މިކަމަށް ހައްލު ލިބޭނެ ކަމެއް ނޫން، ނަދީމާގެ ވާހަކަތައް އަޑުއިވުމުން ނާލާއަށް އިތުރު ތަކުލީފެއް ނޫނީ ނުލިބޭނެ، އަހަރުމެންނަށް ވެސް ވެގެން އުޅޭ ގޮތެއް ސާފުވާން އެބަޖެހޭ... އެކަން ވާން އޮތީ ރުހައިމްއާ ވާހަކަދައްކައިގެން...'' ބިލާލް ހަރުކަށި ރާގަކަށް ބުންޏެވެ. ނަދީމާގެ ދުލަށް ހިމޭންކަން ވެރިވީ ދެނެވެ. ބިލާލް ނުރުހިއްޖެކަން އޭނައަށް ވިސްނުނެވެ.

''ބިލާލް ބޭނުން ގޮތަކަށް ކަންތައް ކުރޭ، އެކަމަކު ރުހައިމްގެ ކުށެއް މިކަމުގައި ނުވާކަމަކަށް ނުވާނެ، ނާލާ އޭނައާއެކު އުޅެން ބޭނުން ނުވާތީ މިގެއަށް އައިސް އެހެރީ، އޭނަގެ މައިންބަފައިންގެ ގާތަށް މަދަދަށް އެދިގެން އައިސް އެހެރީ... ރުހައިމްގެ ގާތަށް ދާން ނާލާއަށް މަޖުބޫރުކޮށްގެން ނުވާނެ...''' ފަހުގެ ނިންމުން އިއްވާލުމަށްފަހު ނަދީމާ ގޮސް ނިކުތީ ގޭގެ ބެލްކަނި އަށެވެ. ފިރިމީހާއާ ޒުވާބު ކުރަން ބޭނުން ނުވާތީ އައިސްފައި ހުރި ރުޅިގަނޑު ހިންދާލެވޭތޯއެވެ.

ނަދީމާ ދިޔަ ދިމާއަށް ބަލަން ހުރި ބިލާލްއަށް އޭނަގެ ނިތުގައި ބޮޑުވާއިނގިލި ހިންގައިލެވުނެވެ. އަދި ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނައަށް ބަލައިލެވުނީ ނާލާގެ ކޮޓަރިއާ ދިމާއަށެވެ. އުދާސްކަން ބިލާލްގެ ލޮލުގައި ވިއެވެ. ދަރިފުޅު ކުރިމަތިލަމުން ދިޔަ ހިތާމަޔާއި ހިތްދަތިކަމުގެ އަސްލު ހޯދައިނުގަނެވޭތީއެވެ. ދަރިފުޅަށް މަދަދުވެރިވާނެ ގޮތެއް ވެސް ނޭނގޭތީއެވެ.

*****

ކޮޓަރީގައި އޮތް ނާލާއަށް އޭނަގެ މަންމައާއި ބައްޕާ ދެމެދު އުފެދިގެން އައި ދެބަސްވުން އަޑު އިވުނެވެ. އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން އިން ނާލާއަށް އޭނަގެ ކަކޫ ގެނެސް މެޔާއި ކައިރިކޮށްލެވުނެވެ. އަދި ކަކުލުހުޅުގައި ބޯއަޅަވާލެވުނެވެ. ނާލާގެ ދުލުން ވޭނީ ގިސްލުމެއްގެ އަޑު ބޭރުވެގެން ދިޔަ އެވެ. މުޅި ޢާއިލާގެ ހަމަޖެހުން އޭނަގެ ސަބަބުން ގެއްލިއްޖެޔޭ ނާލާގެ ހިތަށް އެރިއެވެ. ގެއަށް އާދެވުން އެއީ އޭނައަށް ކުރެވުނު މޮޔަ ކަމެއް ބަވައޭ ވެސް ހިތަށް އެރިއެވެ. މިބޮޑު މާލޭގައި ޢާއިލާ ފިޔަވައި އޭނަ ދާނެ ވަކި މަންޒިލެއް ވެސް ނެތެވެ. ދެރައީ ހިތުގެ ގިލަންވެރިކަން މަންމައާއި ބައްޕައާއި ވެސް ހިއްސަކުރެވެން ނެތީތީއެވެ. ރުހައިމްގެ އަމަލުތައް އޭނަ ހިއްސާކުރާނީ ވެސް ކޮން ދުލަކުން ހެއްޔެވެ؟

''ވައި ޑިޑް ޔޫ ޑޫ ދެޓް؟... އަހަރެން ރުހައިމްދެކެ ވި ލޯތްބަށް ޤަދަރު ނުކުރީ ކީއްވެގެންތަ؟... އަހަރެން ދެކެ ރުހައިމް ދުވަހަކު ލޯބި ވިންތަ؟...'' ނާލާއަށް ގިސްލެވުނީއެވެ. ހިތުގެ އުދާސްތައް ކަރުނައިގެ ސިފަ އިހްތިޔާރުކުރިއެވެ. އެނދުގައި އަރިއަކަށް އޮށޯވެލަމުން ނާލާއަށް ގިސްލެވުނެވެ. އަދިވެސް ފިޒާޔާގެ ވާހަކަތައް އޭނަގެ ކަންފަތުގައި ގުގުމައެވެ. ފިލްމެއްގެ ސިފައިގައި ލޯކުރިމަތިން ނިއުޅެމުން ދިޔައީ ކުށްވެރިއަކު ފަދައިން އޭނަގެ ކުރިމަތީ ރުހައިމް އިސްޖަހާލި މަންޒަރެވެ. އޭނަގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގި ހިމޭންވެފައި ހުރި ތަނެވެ. ހިތަށް ތުނޑުތޫނު ކަށިތަކެއް ހަރާލެވުނު ކަހަލައެވެ. ކުރުގެޅިލަމުން ނާލާއަށް ބާރުބާރަށް ރޮވިއްޖެއެވެ. އެކަނިވެރިކަމުގެ ވޭން އައިސް އޭނަ ވަށާލައި ހާސްކުރުވިއެވެ.

*****

ރޭގަނޑުގެ ކެއުމަށް ނާލާ ބަލާ ނަދީމާ ކޮޓަރިއަށް ވަން އިރު، ކޮޓަރިއަށް ވެރިވެފައި އޮތީ ކަނުއަނދިރިކަމާއި ހަމަހިމޭންކަމެވެ. ދިރޭ ފުރާނައެއްގެ ހިލަން ވެސް ނުވެއެވެ.

''ދަރިފުޅާ...'' ނާލާއަށް ގޮވާލަމުން ކޮޓަރީގެ ބޮކިތައް ނަދީމާ ދިއްލައިލިއެވެ. ކޮޓަރި ހުޅުދާންވެގެން ދިޔަ އަލިން އެނދުގައި އޮތް ނާލާގެ ލޮލަށް އުނދަގޫ ވިއެވެ. އޭނައަށް ލޯމަތީގައި އަތް އަޅާލެވުނެވެ.

ނަދީމާ ގޮސް ނާލާގެ މަގަތުގައި އިށީނެވެ. ނާލާގެ އެސްފިޔަތަކުގައިވި ކަރުނައިގެ ތެތްކަން ނަދީމާއަށް ފާހަގަ ވިއެވެ. ދަރިފުޅުގެ ހިތްދަތިކަން ވެސް އޭނައަށް ނަގައިގަނެވުނެވެ. ހިތަށް ވެސް ތަދުވެލިއެވެ. އޯގަތެރިކަމާއެކު ނާލާގެ ބޮލުގައި ނަދީމާ ފިރުމާލިއެވެ. އަދި ގޮވާލިއެވެ.

''ކާން ގޮވަން މިއައީ...'' ނާލާގެ މޫނަށް ފައިބާފައި ހުރި އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަމުން ނަދީމާ ލޯތްބާއެއް ބުނެލިއެވެ. ދަރިފުޅުގެ މޫނުގެ ވިދުން ގެއްލިގައިވާ މަންޒަރު ފެނި ހިތަށް ވީ ތުރާލެކެވެ. ރުހައިމްދެކެ އިތުރަށް ނަދީމާ ރުޅިއަންނަން ފެށިއެވެ. ހުރިހާކަމެއްގައި އޭނައަށް ކުށްވެރިކުރެވުނީ ރުހައިމް އެވެ.

''ކާހިތެއް ނުވޭ...'' ނާލާ މަނާވެގަތެވެ.

''ތިހެން ކަމަކު ނުދާނެ، ނުކަންޏާ ބަލިވެދާނެ...'' ނަދީމާ ވިސްނައިދިނެވެ.

''ބޭނުމެއް ނޫން ކާކަށް...'' ނާލާ ތަކުރާރުކޮށްލިއެވެ. އެއްވެސް ކަމަކަށް އޭނަގެ ޝައުޤުވެރިކަމެއް ނެތެވެ. އެއަށްވުރެން ހިތުގެ ތަކުލީފުތައް ބޮޑެވެ.

''ދަރިފުޅާ...'' ނަދީމާއަށް ގޮވާލެވުނެވެ. ''ތިހެން އޮތަކަށް އެއްވެސްކަމެއް ހައްލެއް ނުވާނެޔޭ...''

''މަންމާ، އަހަރެން ބޭނުމީ އެކަނިވެލަން، ޕްލީޒް...'' ނާލާ އާދޭސްކުރިއެވެ. އެންމެފަހުން ނަދީމާއަށް ޖެހުނީ އަމާން ދީފައި ކޮޓަރިން ނިކުންނާށެވެ. އޭނަ ބަދިގެއަށް ގޮސް ނާލާއަށް ކާއެއްޗެހި ގެންގޮސްދިނުމަށް ޝަކުންތަލާއަށް އިރުޝާދުދިނެވެ. އޭރު ބިލާލް ވެސް ހުރީ ކަންބޮޑުވެފައެވެ. ރުހައިމްއަށް ގުޅަން އޭނަ ކުރަމުން ދިޔަ މަސައްކަތް ވެސް ކާމިޔާބުވާ ގޮތް ނުވުމުން އެގެއަށް ދާން ބިލާލް ވިސްނިއެވެ. ނަމަވެސް ހަމަހިލާ އެގޮތަށް ނަދީމާ އެއްބަހެއް ނުވިއެވެ.

*****

ޝައިހާއަށް ނަދީމާ ގުޅީ ކަންތައް ހިއްސާކުރަން އެކުވެރިޔާ ހުރުމުން ނާލާއަށް ފަސޭހަވެދާނެކަމުގެ އުއްމީދާއެކުގައެވެ. އޭނަ ގުޅިތާ މާ ގިނަ އިރެއް ނުވެ ޝައިހާ އައިސްފިއެވެ. ނަދީމާ ގުޅާނީ ކަންތައް ވަރަށް ބޮޑަށް ގޯސްވުމުންކަން ޝައިހާއަށް ވިސްނައިގަނެވުނެވެ. އެހެންނޫންނަމަ ކުއްލި ގޮތަކަށް ގުޅާފައި އަންނަން ނުވެސް ބުނާނެއެވެ. ހަމައެއާއެކު ކުރު ގޮތަކަށް ނަދީމާ ދެއްކި ވާހަކަތަކުން ޝައިހާ ވެސް ހުރީ ކަންބޮޑުވެފައެވެ. އޭނަ ނާލާގެ ކޮޓަރިއަށް ވަން އިރުގައި ނާލާ އޮތީ އެދުގައެވެ. ޝަކުންތަލާ ގެނައި ކާއެއްޗެހި ވެސް ހުރިގޮތަށް އެނދުގެއަރިމަތީ ކަބަޑުމަތީ ހުއްޓެވެ.

''ނާލާ...'' ޝައިހާ ގޮވާލިއެވެ. ޝައިހާގެ އަޑަށް ނާލާ ލޯހުޅުވާލިއެވެ. ނަމަވެސް އަނގަޔަކުން ނުބުންޏެވެ. ޝައިހާ އައުމުން ހައިރާންކަން ވެސް ލިބުނެވެ. އެއީ މަންމަގެ ކަމެއްކަން ނާލާއަށް ވަގުތުން ވިސްނައިގަނެވުނެވެ.

ޝައިހާ ގޮސް އެނދުގެ މަގަތުގައި އިށީނެވެ. އޭނަ ވާހަކައެއް ނުދެއްކިއެވެ. ފަރުވާތެރިކަމާއެކު ނާލާގެ މޫނަށް ބަލަން އިނީއެވެ.

ޝައިހާގެ ނަޒަރުން ނާލާއަށް އުނގަދޫވާން ފެށިއެވެ.

''ކީއްކުރަންތަ ޝާ ތިއައީ؟...'' ނާލާ ސުވާލުކޮށްލިއެވެ.

''ބޮޑުކަންތައްގަނޑެއް ހިނގީމި އަންނަން މިޖެހުނީ، އަހަންނާ ހިއްސާކުރެވެން ނެތީތަ؟...'' ޝައިހާގެ އަތުގައި ވަނީ ޝަކުވާތަކެވެ. އެފަދަ ބޮޑު ކަމެއް ހިނގިއިރުގައި ވެސް އޭނައަށް ނާލާ އަންގާނުލީތީއެވެ.

ނާލާ އޮތީ ހިމޭންވެފައެވެ. ކޮޓަރީގެ ސީލިންގްއަށް ނަޒަރު ހުއްޓާލައިގެންނެވެ.

''ރުހައިމްއަށް ގުޅަން ވީތަ؟...'' ޝައިހާ ސުވާލުކުރިއެވެ.

''ނޫން!...'' ވަގުތުން ނާލާ މަނާކުރިއެވެ. އަދި ޝައިހާގެ އަތުގައި އޮތް ފޯނު ވެސް އަތުލިއެވެ. ދެމަފިރިންގެ ދެމެދުގައި ޖެހިފައި އޮތީ ހައްލުކުރަން ދަތި މައްސަލައެއްކަމުގެ ހިލަން ޝައިހާއަށް ވިއެވެ. އެއްޗެއް ނުބުނެ އޭނަ ނާލާއަށް ބަލަން ފެށީ އެމޫނުގެ ކުލަވަރުތައް ދިރާސާކުރުމުގެ ބޭނުމުގައެވެ.

''ނާލާ...'' ނާލާގެ އަތުގައި ޝައިހާ ހިފައިލިއެވެ. ވާހަކަތައް ހިއްސާކުރަން ނާލާއަށް ފާސޭހަ މާހައުލެއް ހޯދައިދޭން ޝައިހާ މަސައްކަތްކުރިއެވެ. އެކުވެރިޔާއަށް މަދަދުވެރިކަމުގެ އަތެއް ފޯރުކޮށްދޭން އޭނަ ނުހަނު ބޭނުންވިއެވެ. ނާލާގެ ހިތްދަތިކަމުން އެތައް ވާހަކައެއް އޭނައާއި ހިއްސާކުރަން ބޭނުންވެފައިވާކަމުގެ ހެކިތައް ޝައިހާއަށް ފެނުނެވެ.

''އިފް ޔޫ ބޮޓްލް އެވްރީތިންގް، ދަ ޕެއިލް ވިލްބީ އަންއިމޭޖިނަބްލް...'' ޝައިހާގެ ޖުމްލައާއެކު ނާލާއަށް ރޮވުނެވެ. އޭނައަށް ޝައިހާގެ ގައިގައި ބައްދައިގަނެވުނެވެ.

(ނުނިމޭ)