ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާ ފިލްމު، އެނިލަމް އަކީ މިވަގުތު ބޮކްސް އޮފީހުގެ އެންމެ ކުރީގައި އުޅޭ އެއް ފިލްމެވެ. ފިލްމުގައި ތަރީން ދައްކައިދިން އާދަޔާ ހިލާފު މޮޅު އެކްޓިންއާއި އޭގައި ހިމެނުނު ތަފަތު އެކްޝަން ސީންތަކުން ބެލުންތެރިންގެ ފަރާތުން ފިލްމަށް ގިނަ ތައުރީފުތަކެއް އަންނަނީ ލިބެމުންނެވެ.
ފިލްމުގައި ހާއްސަ މަންޒަރެއްގެ ގޮތުގައި ފާހަގަވާ އެއް މަންޒަރެއްގެ ގޮތުގައި ފެންނަނީ ރަންބީރު ކަޕޫރު ބޮޑު މެޝިން ބަޑިއެއް ދެކޮޅަށް އަނބުރަމުން ޖަހަމުންގެންދާ މަންޒަރެވެ. ބެލުންތެރީންގެ ޝައުގުވެރިކަން އިތުރަށް އެއަށް އަމާޒުވީ އެ ބަޑިއަކީ ފޭކެއް ނޫންކަން ހާމަވުމުންނެވެ. އެ ބަޑިއަކީ 500 ކިލޯގެ އަސްލު މެޝިން ބަޑިއެކެވެ.
ޗެންނާއީގައި އޮތް ހަފުލާއެއްގައި ފިލްމުގެ ބިހައިންޑް ދަ ސީން މަންޒަރުތައް ދައްކާލުމުގެ ތެރޭގައި މި ބަޑީގެ ހަގީގަތްވެސް ވަނީ ހިއްސާކޮށްފައެވެ. ޕްރޮޑަކްޝަން ޑިޒައިނަރު ސުރޭޝް ސެލްވަރަޖަން ބުނި ގޮތުގައި އެ ބަޑިއަކީ އަސްލު ސްޓީލް ބޭނުންކޮށްގެން އަތުން ހަދާފައިވާ ބަޑިއެކެވެ. ބަޑި އެއްކޮށް ހަދައި ނިންމާލަން ހަތަރު މަސް ދުވަސް ނެގިކަމަށްވެސް އޭނާ ބުންޏެވެ. ބަޑި އުފެއްދީ ހަނގުރާމަމަތީ ބޮޑެތި މެޝިން ބަޑިތަކާ އެއްގޮތަށް ކަމަށްވެސް އޭނާ ބުންޏެވެ.
"މިއީ ހިންދީ ފިލްމުތަކުގައި އަލަށް ކުރި ކަމެއް. އެއީ ފިލްމުގެ ޑައިރެކްޓަރު ސަންދީޕް ބޭނުންވި ގޮތް." ސެލްވަރަޖަން ބުންޏެވެ.
އެ ހަފުލާގައި ރަންބީރުވެސް ވަނީ އޭނާއަށް އެ ބަޑި ފުރަތަމަ ފެނުނު ވަގުތުގެ އިހުސާސުތައް ހިއްސާކޮށްފައެވެ. ސެލްވަރަޖަން އާއި ޑައިރެކްޓަރު ސަންދީޕުގެ މޮޅު ހުނަރަށް ތައުރީފުކޮށް ބަޑި އަސްލާ އެހާ އެއްގޮތަށް ހަދާފައިވާތީ އެކަން ފާހަގަކޮށްފައިވެއެވެ.
ގިނައިރު ޝޫޓް ކުރުމުގައި ހޭދަކުރާއިރު ވަކިން ހާއްސަކޮށް އެކްޝަން ސީންތަކުގައި ހަށިގަނޑާއި ކަންފަތަށް އޭގެން ކުރާ އަސަރުތަކުގެ ވާހަކަވެސް ރަންބީރު އެ ހަފުލާފައި ހިއްސާކުރިއެވެ. އެގޮތުން ސީން އަސްލާ އެއްގޮތް ކުރުމަށް މަސައްކަތްކުރަމުން ބަޑިތައްވެސް ޖަހަމުން ގެންދިއުން ވެގެންދިޔައީ ދިމާވި ގޮންޖެހުމެއް ކަމުގައި އޭނާ ބުންޏެވެ.
ފިލްމުގެ ޕްރިމިއާގައި އެ މެޝިން ބަޑި ދައްކާލަން ބަހައްޓާފައިވާއިރު ފޭނުންނަށް އެއާ އެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.
އެނިމަލްގައި ރަންބީރުގެ އިތުރުން، ބޮބީ ޑިއޯލް، ރަޝްމިކާ މަންދަނާ، ތްރިޕްޓީ ދިމްރީ އަދި އަނިލް ކަޕޫރުވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ. ފިލްމު މިމަހު އެކެއްގައި ރިލީސްވެފައިވާރު އޮންލައިންކޮށްވެސް ފިލްމު ވަނީ ލީކްކޮށްލާފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން