ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިންތިހާބުކޮށްފިއެވެ.
ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ވާދަކުރެއްވީ ހަސަން އަދި ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. ޕާޓީއަށް ރައީސަކު އިންތިހާބު ކުރުމުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެއެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ އިއުލާންކުރީ މިރޭގެ ވަގުތެއްގައެވެ.
އިންތިހާބުގެ ނަތީޖާ އިއުލާންކުރުމަށް ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޕާޓީގެ 3،029 މެންބަރުން ވޯޓު ލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 50 ބާތިލު ވޯޓު ހިމެނެއެވެ.
އޭގެ ތެރެއިން ހަސަނަށް ވޯޓުލާފައިވަނީ 1،704 މީހުން، އަދި އަމްރުއަށް ވޯޓުލާފައިވަނީ 1،300 މީހުންނެވެ. އެހެންކަމުން ހަސަން، އަމްރުގެ މައްޗަށް ކުރި ހޯއްދެވީ 404 ވޯޓުގެ ތަފާތަކުންނެވެ.
އާޒިމް ވިދާޅުވީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 5،883 މީހުންނަށް ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ 54 ޕަސަންޓު މީހުން ވަނީ އިންތިހާބުގައި ވޯޓުލައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި އިންތިހާބުގައި ވަނީ އެ ޕާޓީގެ ނައިބު ރައީސުން ވެސް އިންތިހާބުކޮށްފައެވެ. އެ ޕާޓީއަށް ވަނީ ތިން ނައިބު ރައީސަކު އިންތިހާބުކޮށްފައެވެ.
އެގޮތުން ފިރިހެން ނައިބު ރައީސަކަށް، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިޒާފު އިންތިހާބުވެވަޑައިގެންނެވި އިރު، އަންހެން ނައިބު ރައީސަކަށް އިންތިހާބުވެވަޑައިގެންނެވީ އައިޝަތު އަލައިކާ އަދުނާނެވެ. އަދި ނައިބު ރައީސް ޒުވާނުންނަށް އިންތިހާބުވީ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާންއެވެ.
ޚަބަރު
ޚަބަރު
ޚަބަރު