ނ. ވެލިދޫ ޖޫނިއާ ކޮލެޖް ހެދުމުގެ މަޝްރޫއުގެ ފައުންޑޭޝަން މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)ން މިއަދު ބުނީ ވެލިދޫގައި ގާއިމު ކުރާ ޖޫނިޔާ ކޮލެޖްގެ ފައުންޑޭޝަން އަދި ބީމް ކޮންކްރީޓް މަސައްކަތްތައް ފެށިއްޖެ ކަމަށެވެ.

އެ ކުންފުނިން ބުނީ، ސައިޓް ސާފުކުރުމާއި އެކްސްކަވޭޓް ކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި އެއް ފަންގިފިލާގެ އިމާރާތެއް ހެދުމުގެ މަސައްކަތް ހިމެނޭކަމަށާއި، މި އިމާރާތުގައި 2 ކްލާސް ރޫމާއި، އައިސީޓީ ލެބަކާއި، ލައިބްރަރީއަކާއި އަދި ވޯކްޝޮޕެއް ހެދުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ވެލިދޫ ޖޫނިއާ ކޮލެޖެއް ހަދަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގެ ދިހަ ވަނަ ދުވަހުގައެވެ. މި މަޝްރޫއު ނިންމަން ދީފައިވަނީ ނުވަ މަސް ދުވަހެވެ.