އިޓަލީގެ ގަދީމީ ޓަވަރެއް ވެއްޓިދާނެ ކަމުގެ ބިރާއެކު ބަންދުކޮށްފިއެވެ.

އިޓަލީގެ ބޮލޮގްނާގައި ހުންނަ މަޝްހޫރު ޓަވަރު ގޭރިސެންޑާ ޓަވަރު ވެއްޓިދާނެ ކަމުގެ ބިރާއެކު އެ ސިޓީގެ ކައުންސިލުން ވަނީ އެ ޓަވަރާއި ކައިރި ސަރަހައްދުތައް ބަންދުކޮށްފައެވެ.

ބާރަ ވަނަ ގަރުނުގައި އިމާރާތްކޮށްފައިވާ އެ ޓަވަރު ވަށައިގެން ރައްކާތެރިކަމުގެ 16 ފޫޓު އުސް ފާރެއްވެސް ވަނީ ރާނައިފައެވެ.

ގޭރިސެންޑާ ޓަވަރުގެ އުސްމިނުގައި 154 ފޫޓު ހުންނަ އިރު އެޓަވަރު ވަނީ 4 ޑިގްރީއަށް އަރި އަޅާފައި ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް ދާދި ފަހުން އެ ޓަވަރަށް އައި ބަދަލެއްގެ ސަބަބުން މިހާރު ކުރިން ހުރި ފަރާތް ނޫން އަނެއް ފަރާތަށް ޓަވަރު އަރި އަޅާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ބޮލޮގްނާގެ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ އާންމުންގެ ރައްކަލަކަށް އެ ސަރަހައްދު ބަންދު ކުރިނަމަވެސް އިންޖީނިއަރުން ނިންމައިފި ނަމަ އަލުން ހުޅުވާލުމަށް ވެސް ނިންމާފައެވެ.