އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް ނުކޮށް ހައިކޯޓުން ރިސެސްއަށް ހިނގައްޖެއެވެ.
ރައީސް ޔާމީން މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ހައިކޯޓުގައި ބާއްވާފައިވަނީ ހުސްވި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެއީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ބޭއްވި އަޑުއެހުމެކެވެ.
އެ އަޑުއެހުމުގައި ޝަރީއަތުން ވަނީ ޔާމީންގެ ފަރާތްޕުޅުންނާއި އެ މަނިކުފާނާއެކު ރިޝްވަތު ދިނުމުގެ ދައުވާ އުފުލި ޔޫސުފް ނައީމްގެ ފަރާތުން އަދި ދައުލަތަށް ފަހުބަސް އިއްވުމުގެ ފުރުސަތު ދީފައެވެ. އެއިން ކޮންމެ ފަރާތަކަށްވެސް ފަހުބަސް އިއްވުމަށް ދިނީ 30 މިނެޓެވެ.
އެ ދުވަހުގެ އަޑުއެހުމުގައި އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވައިލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ އެ މައްސަލަތައް ޝަރީއަތުން ދިރާސާ ކުރަމުންދާއިރު، ދެ ފަރާތް ހާޒިރުކޮށްގެން ކަމެއް ސާފުކުރަން ނުޖެހޭ ކަމަށްވާ ނަމަ، މައްސަލައިގައި ހުކުމްކުރުމަށް ތާވަލުކުރެވޭނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްސަލައަކީ ހައިކޯޓުގައި ކުރިއަށްދާ ސްޕީޑާމެދު އެ މަނިކުފާނުގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ވީ އެންމެ އަވަހަކަށް ބަލައި ނިންމުމަަށް އެދެމުން އަންނަ މައްސަލައެކެވެ. ނަމަވެސް ހައިކޯޓުން ބުނެފައިވަނީ، އެ ކޯޓުގެ ގަވާއިދުގެ ހަތަރުވަަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން އިއްޔެއިން ފެށިގެން ހައިކޯޓް ރިސެސްއަށް ގޮސްފައިވާ ކަމަށެވެ.
ކޯޓު ރިސެސްގައި އޮންނާނީ މި މަހުގެ 31ގެ ނިޔަލަށް ކަމަށްވެސް ބުނެފައިވެއެވެ. ކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި ކުރިއަށް ގެންދެވޭނެ މައްސަލަތައްވެސް އެ ފަރާތުން ވަނީ ހާމަކޮށްފައެވެ.
އޭގެ ތެރޭގައި ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަކާއި ހުކުމްކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތަކާއި އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު