ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) ގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް ލޯންޗްކޮށްފިއެވެ.

ބީއެމްއެލުން އިއްޔެ ބުނީ އެ ޕްރޮމޯޝަނަކީ އެ ބޭންކުން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ.

އެ ޕްރޮމޯޝަނުގައި އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވާ ދެ ފަރާތަކަށް 25،000 ރުފިޔާގެ އަގުހުރި ގިފްޓް ބަންޑަލް އެއް ލިބޭނެއެވެ.

އޭގެ އިތުރުން އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ފިޓްނަސް، ކަލިނަރީ، ވެލްނަސް އަދި މުނިފޫހިފިލުވުމާ ގުޅުން ހުރި ގިފްޓް ބަންޑަލް ހޯދުމުގެ ފުރުސަތު އެ ޕްރޮމޯޝަނުން ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.