ސްޓުއަރޓް ސެލްޑޮވިޒްއަކީ ކާކުބާވައެވެ. އެމެރިކާގެ ނިއުޔޯކުގެ މަގެއްގައި ކާބޯތަކެތި ވިއްކާ ގާޑިޔަލެއް ހިންގާ މިސްރުގެ ޒުވާނަކަށް ތަކުރާރުކޮށް ފުރައްސާރަކޮށް އަރަބީންނާއި އިސްލާމުންނަށް، އަދި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ބަދުބަސްބުނެ ފަލަސްތީނުގެ ތުއްތު ކުދިންނަކީ މަރަންޖެހޭ ބައެއްކަމަށާއި އެންމެ ހަތަރުހާސް ކުދިން މެރުމަކުން އަދި ނުފުދޭކަމަށް މި މީހަކު ވަނީ ބުނެފައެވެ. މި މީހާ މިގޮތަށް ދެއްކި ވާހަކަޔާއި ކުރި ފުރައްސާރައިގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. ދެރަވެ ހިތާމަކުރަންޖެހޭ ނުގުތާއަކީ މިމީހާގެ ހައިސިއްޔަތެވެ. މިއީ އާދައިގެ މީހެއް ނޫނެވެ. އުމުރުން 64 އަހަރުވީ ސްޓުއަރޓް ސެލްޑޮވިޒަކީ އެމެރިކާގެ ކުރީގެ ޑިޕްލޮމެޓެކެވެ. އެމެރިކާގެ ޚާރިޖިއްޔާގައި ތިރީސް އަހަރުގެ މުއްދަތެއް ހޭދަކޮށްފައިވާ މީހެކެވެ. މި މުއްދަތުގެ ތެރޭގައި އެ ވުޒާރާގެ ސުޕީރިއަރ އޮނަރ އެވޯޑު ތިން ފަހަރެއްގެ މަތިން ހޯދާފައިވެއެވެ.

އެވަރަކުން އަދި ނުފުދެއެވެ. ރައީސް އޮބާމާގެ ދައުރުގައި މީނާޔަކީ ޚާރިޖީ ސިޔާސަތު ރާވައި އޮބާމާއަށް ލަފާއަރުވާ މުޝީރެކެވެ. އެޑްވައިޒަރެކެވެ. އޮބާމާގެ ދައުރުގައި މީނާޔަކީ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ މެންބަރެއްވެސްމެއެވެ. އެ ކޮމިޓީގެ ތެރެއިން ދެކުނު އޭޝިއާއާ ބެހޭ ޔުނިޓްގެ ވެރިކަންވެސް މީނާ ވަނީކޮށްފައެވެ. މާނަޔަކީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާއި ޕާކިސްތާނާ ބެހޭގޮތުން އެމެރިކާގެ ސިޔާސަތު ރާވައި ރައީސް އޮބާމާއަށް ލަފާދިނުމުގެ އިސްވެރިކަންވެސް މީނާ ކޮށްފައިވުމެވެ. މީނާގެ ބާރު އެންމެ ގަދަވީ ކުރިންވެސް ދެންނެވިހެން ރައީސް އޮބާމާގެ ދައުރުގައެވެ. އެކަމަކު އޭގެކުރިން ވެރިކަން ކުރެއްވި ހަތަރު ރައީސުންގެ ދައުރުގައިވެސް މީނާ މަސައްކަތްކުރަމުން ދިޔައީ ޚާރިޖިއްޔާގައެވެ. އެގޮތުން އެމެރިކާގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި މީނާގެ ދައުރު ވަރަށް ބޮޑެވެ. ގައުމީ ސަލާމަތާބެހޭ މުޝީރެއްގެ ދަރަޖައަށް މަގާމު އުފުލުނީ ލައްކަ ދުވަހު ޚާރިޖިއްޔާގައި އުޅެގެންނެވެ.

ރައީސް އޮބާމާގެ ދައުރަށްފަހު އެމެރިކާގެ ޚާރިޖިއްޔާއިން ރިޓަޔަރ ކުރުމަށްފަހުވެސް މީނާ ޚާރިޖީ ސިޔާސަތުގެ ދާއިރާ ދޫކޮށެއް ނުލައެވެ. އޭގެފަހުން މީނާއަކީ ޖީޑީސީ ނަމަކަށް ކިޔުނު ޖަމާއަތެއްގެ ޚާރިޖީ ކޮމިޓީގެ ޗެއަރ އެވެ. މިއީ ހަނގުރާމަތަކާއި ކާރިސާތަކުން ގެއްލުން ލިބޭ މީހުންގެ ކަންކަން ބަލައި އެހީތެރިކަން ފޯރުކޮށްދީ އެމެރިކާ ސަރުކާރަށް ލޮބީކުރާ ގްރޫޕެކެވެ. މީނާއަކީ ނިކަން ދޭތެރެ އަވަސްކޮށް އެކި ޓީވީތަކަށް އަރައި ތަޖުރިބާކާރެއްގެ ތޮފިއަޅައިގެންހުރެ އެކި މައްސަލަތަކާމެދު ވާހަކަ ދައްކާ މީހެކެވެ. ފަލަސްތީނުގެ މައްސަލަވެސް ހިމެނޭގޮތުންނެވެ. ޚާރިޖިއްޔާގައި ފަލަސްތީނާއި އިޒްރޭލާބެހޭ އޮފީހުގެ ޑިރެކްޓަރުކަންވެސް އެތައް އަހަރަކު ކޮށްފައިވާ މީހަކަށްވާތީ ތަޖުރިބާތަކެއްވެސް ހުންނާނެތާއެވެ. ހުންނަންވާނެތާއެވެ. ކޮންމެއަކަސް މިދެންނެވި ސްޓުއަރޓް ސެލްޑޮވިޒްގެ ތަޖުރިބާޔަކީ ކޮބައިކަމާއި އޭނާގެ ތައުލީމާއި ވިސްނުމަކީ ކޮބައިކަން އާއްމުންނަށް ރޭކާލީ މިހާރު ވައިރަލްވެގެން އުޅޭ ވީޑިއޯއިންނެވެ.

މިސްރުގެ ސައުވީސް އަހަރުވީ ޒުވާނަކަށް ނިއުޔޯކްގެ މަގުމަތީގައި ބިރުދައްކަމުން ފުރައްސާރަކުރަމުންގޮސް މީނާ ބުންޏެވެ. ކަލެއަކީ އަރަތްބެކެވެ. މުސްލިމެކެވެ. އެހެންވީމާ ކަލެއަކީވެސް މުތުލަގު ޓެރަރިސްޓެކެވެ. ކަލޭ އެމެރިކާއިން ބޭރުކޮށް މިސްރުގެ ސިއްރު ފުލުހުންނާ ހަވާލުކުރެވިދާނެއެވެ. އޭރުން ކަލެޔާއި ކަލޭގެ އާއިލާގެ ވަސްވެސް މި ބިންމަތިން ފޮހެވިގެންދާކަށް ގިނަ ވަގުތުތަކެއް ނުނަގާނެއެވެ. ކަލޭގެ އަމަޔާއި ބަފާގެ ނިޔަފަތި އުފުރައިލީމާ އެކަމަށް ކެތްކުރެވޭނެ ބާވައެވެ. އަރަބީންނާއި އަރަބިބަހަށް ފުރައްސާރަ ކުރަމުންގޮސް ބުންޏެވެ. އެއީ ކީރިތި ގުރުއާންވެސް ލިޔެވިގެންވާ ބަސްދޯއެވެ. އެހެން ބުނެފައި ދެން ގުރުއާނާމެދު އޭނާ ބުނެފައިވަނީ އެއްވެސް މުސްލިމަކަށް އަޑުއަހަން ފަސޭހަ އަދި ކެތްކުރެވޭނެ ބަސްތަކެއް ނޫނެވެ. އެޔާ ވިއްދައިގެން ކީރިތި ރަސޫލާއާމެދުވެސް ބޭނުންކޮށްފައިވަނީ ހަމައެޒާތުގެ ބަސްތަކެކެވެ. ހިތާމައިގެ ކޮޅެއް އެބައޮތްތޯއެވެ. މިއީ އެމެރިކާގެ ޚާރިޖީ، ސަލާމަތީ ސިޔާސަތު ރާވައި ތަންފީޒުކުރަން އެތައް އަހަރަކު އުޅުނު މީހެއްގެ ހާލަތެވެ.

އަގީދާ ތަފާތުވީމާ ތިމާ ގަބޫލުނުކުރާ ދީނަކަށް ފުރައްސާރަކުރުން އެއްކިބާގައި ބާއްވާފައި މީނާގެ ކިބައިގައި އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތީއެވެ. ފަލަސްތީނުގެ މާބަނޑު އަންހެނުން މަރައިލެވޭ މިންވަރު އަދިވެސް މަދީއޭ، ފަލަސްތީނުގެ ތުއްތު ކުދިން މަރައިލުން އަދިވެސް ބޮޑުތަނުން އިތުރުކުރަންވީއޭ ބުނީމާ މީނާއަކީ އިންސާނެއްވެސް ނޫންކަމާއި މުތުލަގު ހައިވާނެއްކަން އެބަސާބިތުވެއެވެ. މިވަރުގެ މީހުން އެމެރިކާގެ ސިޔާސަތު ރާވައި ހިންގަން ތިބެގެން އެމެރިކާގެ ސިޔާސަތު އޮންނާނެގޮތް މިފެންނަނީއެވެ. ކަމެއް ހިނގާނެގޮތް ހީކުރާކަށްވެސް ނުޖެހޭނެއެވެ. ލަފާކުރާކަށްވެސް ނުޖެހޭނެއެވެ. ހަމަދިމާ ކުރިމަތިން ކުލަކޮށް ހުރިހާ މަންޒަރުތަކެއް މިފެންނަނީއެވެ. އެމެރިކާގައި އުޅެނީ މިކަހަލަ އެންމެ ސްޓުއަރޓް ސެލްޑޮވިޒެއް ނޫނެވެ. ބައިވަރު ސެލްޑޮވިޒުންނެވެ. ގިނަ މީހުން ތިބެނީ ވަންހަނާވެގެން ފޮރުވިގެންނެވެ. ބޮޑެތި މަގާމުތަކުގައެވެ. އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތުގައިވެސް ކަންއޮތީ މިހެންނެވެ.

ބުޅާ ގޯނިން ބޭރުވީމާ އަލުން ގޯނީގެ ތެރެެއަށް ބުޅާ ވެއްދޭތޯވެސް ބައެއް މީހުން ބަލައެވެ. ގަދައަޅައެވެ. އެމެރިކާއިން މިހާރު ކުރަމުންދަނީ އެ މަސައްކަތެވެ. ނަސްލީ ތަފާތުކުރުމުގެ ބޮޑެކޭ، އިސްލާމުންގެ އަދުއްވެކޭ، ނަފްރަތާއި ހަސަދައިގެ އަލިފާން އަންދާ މީހެކޭ ބުނެ ސްޓުއަރޓް ސެލްޑޮވިޒް މިހާރުވަނީ ހައްޔަރުކޮށްފައެވެ. މިއީ މަތިއޮމާންކުރުމުގެ ފިޔަވަޅެކެވެ. ނުވަތަ ސެލްޑޮވިޒަށް މިވަގުތު ރައްކާތެރިކަން ދިނުމަށް ކުރިކަމެކެވެ. އެންމެފަހުން ހަގީގީ ކުށްވެރިއަކަށް ހަދައި ހައްޔަރުކޮށް އަދަބުދޭނީ މިސްރުގެ ޒުވާނާއަށެވެ. މިހާރުވެސް ސެލްޑޮވިޒް އެބަބުނެއެވެ. ތިޔަ ވީޑިއޯއަކީ އެއްބައި އުނިކުރެވިފައިވާ ވީޑިއޯއެކެވެ. މިސްރުގެ ޒުވާނާ އިސްވެ ތިމަންނާޔަށް ފުރައްސާރަކުރީއެވެ. ހަމާސްއަށް ތައުރީފުކޮށް ޓެރަރިޒަމަށް ހިތްވަރުދިނީއެވެ. ތިމަންނާ އެއްޗެއް ބުނީ ރައްދުގައެވެ. މިވާހަކަ ގަބޫލުކުރާ ބަޔަކުވެސް އެބައުޅެއެވެ. ސޯޝަލް މީޑިއާގެ އެކި މަންސަތަކުން މިޒާތުގެ މީހުން ވަރަށް ގިނައިންވެސް އެބަފެނެއެވެ.